ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުމަށް މިއަދު ބާއްވާ އަޑުއެހުމާ ދިމާކޮށް އެ މަނިކުފާނުގެ ސަޕޯޓަރުން ކްރިމިނަލް ކޯޓް ހިމެނޭ ސަރަހައްދަށް އެއްވެ މުޒާހަރާކުރަމުން އެބަދެއެވެ.

އެއްވެފައި ތިބި މީހުން ގޮވަމުންދަނީ، ރައީސް ޔާމިނަކީ މައުސޫމު ބޭފުޅެއް ކަމަށެވެ. އަދި އެ މަނިކުފާނުގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށްވެސް ތުހުމަތުކުރަމުންދެއެވެ.

ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެފައި ތިބި މީހުންގެ ތެރޭގައި ޕީޕީއެމް/ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ރައީސް ޔާމީންގެ ސަރުކާރުގައި އިސް މަގާމުތައް އަދާކުރެއްވި ބޭފުޅުން ހިމެނެއެވެ.

ހުކުމް އިއްވުމުގެ އަޑުއެހުން 9:00 ގައި ފަށަން އޮތް ނަމަވެސް އަދިވެސް އަޑުއެހުން ފަށާފައެއްނުވެއެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައިފައިވަނީ ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގައެވެ.

މި މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގައިވާ ގޮތުން އާރަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮއްވައި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރީ 2015 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ނުވަ ވަނަ ދުވަހުއެވެ. އަދި 13 އޯގަސްޓު 2015 ގައި އެ މައްސަލައިގައި ދެން ހިމެނޭ ފަރާތް، ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް އުފައްދައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް އެރަށް ދޫކުރީ ޔާމީނުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ޓޫޖީ ޕްރައިވެޓް ލިމިޓެޑާއި އެމްއެމްޕީއާރުސީއާ ދެމެދު ސޮއިކޮށްފައިވަނީ 9 ސެޕްޓެމްބަރު 2015 ގައި ކަމަށާއި އޭގެ އެއް ދުވަސް ކުރިން 8 ސެޕްޓެމްބަރު 2015 ގައި ޓޫޖީގެ 99 ޕަސަންޓް ހިއްސާ ވިއްކާލާފައިވާ ކަމަށާއި އެ ހިއްސާ ވިއްކި ފަރާތުން 9 ސެޕްޓެމްބަރުގައި އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމަށް ދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އަދި 13 ސެޕްޓެމްބަރުގައި އެ ޗެކްގެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވި ކަމަށާއި އޭގެ ދެ ދުވަސް ފަހުން 15 ސެޕްޓެމްބަރުގައި ޔޫސުފް ނައީމްގެ އެކައުންޓުން އެ ފައިސާ ނަގައި ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އެ ފައިސާ އެހެން، ފައިސާތަކާ އެއްކުރައްވައިގެން ޔާމީން ވަނީ މަނީ ލޯންޑާކުރައްވާފައި ކަމަށް ދައުލަތުން ބުނެފައިވެއެވެ.