ރ. ދުވާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ނަޒީމް މިއަދު ކާމިޔާބު ކުރައްވައިފިއެވެ.

ދުވާފަރު ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދިޔައީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާނުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން ދުވާފަރު ކައުންސިލުގެ ހުސްވެފައިވާ ގޮނޑި އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ނަޒީ ކާމިޔާބުކުރެއްވީ 612 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު އަލީ އަށް 544 ވޯޓު ލިބުނު އިރު، އެ ގޮނޑިއަށް އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓް އަހުމަދު ހުސެއިން އަށް ލިބުނީ 298 ވޯޓެވެ.

މި ބައި އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 3،412 މީހުން ތިބި ނަމަވެސް ވޯޓުލާފައިވަނީ 1،489 މީހުންނެވެ. އެއީ ދުވާފަރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 43.6 ޕަސެންޓު މީހުންނެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހެދި ގޯހަކުން އީސީން ނަޒީމްގެ ކެނޑިޑެސީ ބަލައިނުގަތުމަށް ނިންމިއެވެ. އެގޮތަށް ނިންމީ ޑީޖޭއޭ އިން އޭނާގެ ދަރަނީގެ ރެކޯޑް ދޫކުރި އިރު އޮޅިގެން ބައެއް ރެކޯޑްތައް ހިމަނާފައި ނެތުމުންނެވެ. ނަމަވެސް ފަހުން ޑީޖޭއޭ އިން އެ ރެކޯޑްތައް ނަޒީމަށް ދިނަސް، އީސީން ނިންމީ ވަގުތު ހަމަވެފައިވާތީ އޭނާގެ ކެނޑިޑެސީ ބަލައިގަނެވެން ނެތް ކަމަށެވެ.

އެމައްސަލަ ނަޒީމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ހުކުމް ކުރީ ނަޒީމުގެ ކެނޑިޑެސީގެ ޝަރުތު ހަމަނުވާ ކަމަށް އީސީން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުފެންނަ ކަމަށެވެ. އެހެންކަމުން ނަޒީމަކީ ޝަރުތު ފުރިހަމަވާ މީހެއް ނޫން ކަމަށް އީސީން ކަނޑައަޅާފައިވަނީ ސައްހަ ގާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ނުވާތީ، ނަޒީމުގެ ކެނޑިޑެސީ ގަބޫލުކުރުމަށް އެ ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދުވާފަރު ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް ނަޒީމް އިންތިހާބުކޮށްފައި މިވަނީ، ކައުންސިލަރު އަހުމަދު ސަމޫހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާދެއްވީ ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލަތަކެއް ފެންމަތިވެފައިވަނިކޮށެވެ.

ދުވާފަރު ކައުންސިލްގެ ހިޔާނާތުގެ މައްސަލައިގެ އެކައުންސިލްގެ ހުރިހާ މެމްބަރުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހްވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.