އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލައި، މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފިއެވެ.
ސިޓީ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ލިވަޕޫލް ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ.
ވޯލްޑް ކަޕަށްފަހު އިނގިރޭސި ފުޓްބޯޅައިގެ މެޗުތައް ލީގު ކަޕުން ފަށާފައިވާ އިރު، ގިނަ ކުޅުންތެރިންތަކެއް މިހާރު ވަނީ އެނބުރި ކްލަބުތަކުގެ ތަމްރީނުތަކަށް ނުކުމެފައެވެ. އެގޮތުން ލިވަޕޫލާއި ސިޓީގެ ފުރަތަމަ 11 ވެސް ފެނުނީ ވަރުގަދަ ކޮށެވެ. ހާއްސަކޮށް ސިޓީގެ ފޯވަޑް އާލިން ހާލަންޑަށް ރޭގެ މެޗުވީ ހާއްސަ މެޗަކަށެވެ. އެއީ އޭނާ ރޭގެ މެޗަށް ނުކުތީ ވޯލްޑް ކަޕް ނުކުޅެ، ބްރޭކެއް ނެގުމަށްފަހުގައި ކަމަށްވާތީއެވެ.
ރޭގެ މެޗު ފެށިގެން 10 ވަނަ މިނެޓުގައި ސިޓީ ލީޑު ނެގިއެވެ. ބެލްޖިއަމާއެކު މާޔޫސީ ވޯލްޑް ކަޕެއް ނިންމާލި ކެވިން ޑި ބްރޭނާ ނެގި ހުރަހަކުން ސިޓީއަށް ގޯލު ޖަހައިދިނީ އާލިން ބްރައުޓް ހާލަންޑެވެ. ހާލަންޑްގެ އެ ގޯލަކީ މި ސީޒަނުގައި އޭނާ ސިޓީއަށް ކުޅުނު 19 މެޗުގައި ޖަހައިދިން 24 ވަނަ ގޯލެވެ.
އެ ގޯލު ޖެހިތާ 10 މިނެޓް ފަހުން، މެޗުގެ 20 ވަނަ މިނެޓުގައި ލިވަޕޫލުން ނަތީޖާ ހަމަހަމަކުރިއެވެ. ޖޭމްސް މިލްނާ ނަގައިިދިން ހުރަހަކުން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން، އެ ގޯލް ޖަހައިދިނީ ފަބިއޯ ކަވާލިއޯއެވެ.
އެ ދެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުވެސް ފެނުނީ ޝައުގުވެރި ގޮތަކަށެވެ. ހާފު ނިމުމުގެ ކުރިން ލީޑު ނަގަން ދެ ޓީމުންވެސް މަސައްކަތްތަކެއްކޮށް، ހަމަލާތައްވެސް އުފެއްދިއެވެ. ލިވަޕޫލަށް ލީޑު ނަގައިދޭން ޑާވިން ނޫނޭޒަށް ލިބުނު ފުރުސަތުތައް އޭނާ ނަގާލި އިރު، އަނެއްކޮޅުން ސިޓީގެ އިލްކާއި ގުންޑޮގާންއާއި ނޭތަން އަކޭ ޖެހި ބޯޅަތައް ލިވަޕޫލްގެ ގޯލްކީޕަރު، ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފައެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނެޓު ތެރޭ ސިޓީން އަލުން ލީޑު ނެގިއެވެ. މެޗުގެ 47 ވަނަ މިނެޓުގައި އެ ގޯލު ޖަހައިދިނީ ރިޔާދު މާރޭޒެވެ. މެޗު އަނެއްކާވެސް ފޯރިގަދަ ވެގެން ދިޔައީ އެ ގޯލަށް މިނެޓެއް ނުވަނީސް، ލިވަޕޫލުން އަނެއްކާ ނަތީޖާ ހަމަހަމަ ކުރުމުންނެވެ. ކައުންޓާ އެޓޭކެއްގައި އުފެއްދި ހަމަލާގައި ނުނޭޒް ކަނޑާލި ބޯޅައިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު ސަލާހެވެ.
މެޗުން ސިޓީން މޮޅުވީ 58 ވަނަ މިނެޓުގައި އަކޭ ޖެހި ގޯލުންނެވެ. ކޯނަރެއްގައި ޑިބްރޭނާ ނަގައިިދިން ބޯޅައެެއްގައި އަކޭ ގޯލް ޖެހީ ބޮލުންނެވެ.
ރޭ ސިޓީން ހޯދި މޮޅަކީ މި ސީޒަނުގައި އެ ޓީމުން ލިވަޕޫލް ކައިރިން ހޯދި ފުރަތަމަ މޮޅެވެ. ކުއާޓާ ފައިނަލުގައި ސިޓީން ކުޅޭނީ ސައުތުހެމްޓަނާ ދެކޮޅަށެވެ. ކުއާޓާ ފައިނަލްގެ އަނެއް މެޗުތަކަށް ބަލައި އިރު، މެންޗެސްޓާ ޔުނައިޓެޑުން ނުކުންނާނީ ޗާލްޓަންއާ ދެކޮޅަށެވެ. ނޮޓިންހަމް ފޮރެސްޓް، ވުލްވްސްއާ ދެކޮޅަށް ނުކުންނަ އިރު، ނިއުކާސަލް ޔުނައިޓެޑް ވާދަކުރަން ޖެހޭނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.