އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ފޯމް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރެއްވުމަށް ކެންޑިޑޭޓުކަމުގެ ފޯމް ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެވޭނީ ކެނޑިޑެސީ ފޯމާއެކު 500 މެމްބަރުންގެ ސޮޔާއެކު ތާއީދު ފޯމު ހުށަހަޅައިގެންނެވެ. ނަޝީދު ކެންޑިޑެސީ ފޯމް ހުށަހެޅުއްވީ 500 މެމްބަރުންގެ ތާއިދާއެކުއެވެ.
އެމްޑީޕީން ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ހުޅުވާލާފައިވާ އިރު، ނަޝީދު މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވުން ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދު ފޯމް ހުށަހެޅުއްވީ އޮންލައިން ކޮށެވެ.
ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، ނަޝީދުގެ އިތުރުން އެހެން ބޭފުޅަކު ޕްރައިމަރީގައި ވާދަ ކުރައްވަން އަދި ހުށަހަޅުއްވައިފައެއް ނުވެއެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 28ގައެވެ.
ނަޝީދުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން މިދިޔަ އަންގާރަ ދުވަހު ހަވީރު ވަނީ ފައްޓައިފައެވެ. ނަޝީދުގެ ރިޔާސީ ކެމްޕޭން ފަށާފައިވަނީ "އަންނި 2023" ނަމުގައެވެ. އެ މަނިކުފާނުގެ ކެމްޕޭން ޓީމުން ވަނީ އެމްޕީއެލް ސަރަހައްދާއި ރާޅުގަނޑު ސަރަހައްދުގައި ތާއިދު ފޯމު ފުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ އެމްޑީޕީގެ މައި ހަރުގެ ކައިރިން ލޮރީ ބުރެއް ބާއްވައި ނަޝީދަށް ތާއިދު ކުރުމަށް ގޮވާލައިފައެވެ.
ނަޝީދަށް ތާއިދު ހޯދުމަށް ބޭއްވި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ އާއި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން މަޑަވެލި ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ފިރުޝާން އަދި ނަޝީދަށް ތާއިދުކުރައްވާ މަޖިލީހުގެ އިތުރު މެމްބަރުންނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފައެވެ. އެގޮތުން މިރޭ ވަނީ އެމަނިކުފާނުގެ ކެމްޕެއިން ރަސްމީކޮށް ފައްޓަވައިފައެވެ. އެގޮތުން އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމާއި ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ގެ އިތުރުން ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި ގައުމީ މަޖިލިސް މެމްބަރުންގެ އިތުރުން އެމްޑީޕީގެ ބައެއް އިސްވެރިންނާއި އާންމު މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް ސޯލިހް ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ސޯލްޓް ކެފޭގައި އެމްޑީޕީ ގައުމީ މަޖިލީހުގެ 100 އަށްވުރެ ގިނަ މެންބަރުންނާ ބައްދަލުކުރައްވައި ކެމްޕެއިންގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން މެނޭޖަރަކަށް ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒު، މާލޭ ސިޓީގެ ކެމްޕޭންގައި އިސްކޮށް ހުންނަވާނެ ބޭފުޅެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ލީގަލް ޑައިރެކްޓަރަކަށް ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން ހަމަޖައްސަވައި އެކަން އިއުލާނުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު