ގަތަރު ވޯލްޑް ކަޕް 2022

އާޖެންޓީނާގެ ފައިސާގެ ނޫޓުގައި މެސީގެ ފޮޓޯ ޖަހަނީ

1

ގަތަރު ވޯލްޑް ކަޕް 2022ގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ޓީމުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ކެޕްޓަން ލިއޮނަލް މެސީއާއި ޓީމުގެ ފޮޓޯ، އެ ގައުމުގެ ފައިސާގެ ނޫޓުގައި ޖަހަން ސެންޓްރަލް ބޭންކުން މަޝްވަރާކޮށްފިއެވެ.

ސެންޓްރަލް ބޭންކުން ފުރަތަމަ އެ މަޝްވަރާތައް ކުރީ "މަޖަލަކަށް" ނަމަވެސް، އެކަމަށް އެ ބޭންކުން މިހާރު ވަނީ ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އާޖެންޓީނާގެ 1،000 ޕޭސޯގެ ނޫޓުގެ އެއް ފަޅީގައި މެސީގެ ފޮޓޯ ޖަހައި، އަނެއް ފަޅީގައި ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ޓީމުގެ ފޮޓޯއެއް ޖަހަން ވަނީ މަޝްވަރާތައް ކޮށްފައެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ގަތަރުގައި ނިމުނު ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާ އިން ހޯދީ ފައިނަލުގައި ފްރާންސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އާޖެންޓީނާ އިން ވޯލްޑް ކަޕް ހޯދާފައި ވަނީ 36 އަހަރުގެ އިންތިޒާރަކަށްފަހުއެވެ. މި ފަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ހާއްސަވެފައި އޮތް އިރު، މިއީ އޭނާގެ ކެރިއަރުގައި ހޯދި ފުރަތަމަ ވޯލްޑް ކަޕެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި މެސީ ހަތް ގޯލް ޖަހައި، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވެއެވެ.

މީގެ ކުރިން 1978 ވަނަ އަހަރުވެސް އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުވައިގެންވެސް ހާއްސަ ފައިސާ ފޮއްޗެއް ފަރުމާކޮށް ނެރެފައިވެއެވެ. އެއީ އާޖެންޓީނާގެ ތާރީހުގައި އުފުލާލި ފުރަތަމަ ވޯލްޑް ކަޕެވެ.

ވޯލްޑް ކަޕާއެކު އާޖެންޓީނާއަށް ތަފާތު ބޮޑު އުފާވެރިކަމެއް އައިސްފައިވާ އިރު، އުފާފާޅުކުރުންތައް އިއްޔެވެސް ފެނުނީ ފޯރިގަދަ ކޮށެވެ. އެގޮތުން އެގައުމުގެ ވެރިރަށް ބުއެނޯސް އައިރޭސްގެ މަގުތަކަށް އިއްޔެ އެކަނިވެސް ފަސް މިލިއަނަށްވުރެ ގިނަ ބަޔަކު ޖަމާވެ އުފާފާޅުކޮށްފައިވެއެވެ. ޓީމުގެ ޓްރޮފީ ޕެރޭޑަށް ކުރިއަށް ނުދެވި، ވަކި ހިސާބަކުން ކުޅުންތެރިން އުފުލަން ޖެހިފައި ވަނީ ހެލިކޮޕްޓަރުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟