ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި 491 ވީލްޗެއާ ރޭމްޕު ގާއިމުކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ، ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލެއަށް ދިރިއުޅެމުންދާ ކަމަށާއި ކޮންމެ ދުވަހަކު ހުޅުމާލެއަށް ގިނަ އަދަދެއްގެ ބަޔަކު އެކި ބޭނުންތަކަށް އަންނަމުންދާ ކަމަށެވެ.

އެގޮތަށް އަންނަ ފަރާތްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވެސް ހިމެނޭ ކަމަށާއި އެހެންވެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕުތައް ގާއިމުކުރަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.

"ހުޅުމާލޭ ފޭސް އެކެއްގައިވެސް ގިނަ ބަޔަކު ދިރިއުޅެމުންދާ އިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ފޭސް އެކެއްގެ އެކި ސަރަހައްދުތަކުގައި 491 ވީލްޗެއާ ރޭމްޕު ވަނީ ގާއިމުކޮށްފަ،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ފުލެޓް ސަރަހައްދުގައި ވެސް ވީލްޗެއާ ރޭމްޕު ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު އެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. ހިޔާ ފުލެޓުގެ ކޮންމެ ޓަވަރަކުން ބޭރަށް ނުކުތުމަށް ހާއްސަ ވީލްޗެއާ ރޭމްޕެއް ގާއިމުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕު ގާއިމުކުރުމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހެއްގެ އެހީއާ ނުލައިވެސް ބޭނުންވާ ކަންކަން އުނދަގުލެއް ނެތި ކޮށްލެވޭނެ ކަމަށާއި އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގު ކަށަވަރުކޮށް، އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކުންފުނިން އަބަދުވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ކަންކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ހިޔާ ފުލެޓުގެ ބީޗުގައި ވެސް ވީލްޗެއާ ރޭމްޕު ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެޗްޑީސީން ބުންޏެވެ.