ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ގުޅިފަޅުގައި ހަދާފައިވާ އެކޮމޮޑޭޝަން ބްލޮކުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަނުން ފެނުނު ކަށިތަކަކީ އެކެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ގުޅިފަޅުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގައި ދިޔަ ހިތާމަވެރި ހާދިސާ ހިނގައި، އިންސާނެއްގެ ކަށިތައް ފެނުނު ސަރަހައްދުން އިތުރު މީހަކު ފެނިފައި ނުވާތީ މި ކަށިތަކަކީ އެކެއްގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ކަމަށެވެ.
އޮފިސަރު ވިދާޅުވީ މިކަށިތަކާ ގުޅޭ ގޮތުން އިތުރަށް އެއްޗެއް ވިދާޅުވާން އެނގިވަޑައިގަންނަވާނީ ތަހުލީލުތަކަށްފަހު ކަމަށެވެ. އެހެންކަމުން މިކަށިތަކުގެ ތަހުލީލުތައް ރާއްޖެއިން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާއަށްފަހު މީހަކު ގެއްލިގެން ކަމަށްބުނެ އެފްކޮންސްގެ މުވައްޒަފުންތަކެއް ވަނީ ގުޅިފަޅުގައި މުޒާހަރާވެސް ކޮށްފައެވެ. މި މުޒާހަރާއަށްފަހު ފުލުހުންނާއި އެފްކޮންސް އިން ވަނީ މީހަކު މަދުކަމަށް ބުނެފައިވާތީ އެ ސަރަހައްދު ބަލަން ފަށައިފައެވެ.
އެގޮތުން އަލިފާނުގެ ހާދިސާ ހިނގިތަނުން މިދިޔަ އާދިއްތަ ދުވަހުވެސް ވަނީ އިންސާނެއްގެ ކަށިތަކެއް ކަމަށް ބެލެވޭ ކަށިތަކެއް ފެނިފައެވެ. އެގޮތުން އެ ދުވަހު ފެނުނީ މޭކަށިގަނޑު ކަން "ވަން" އަށް ވަނީ އެނގިފައެވެ. އަދި އެ ކަށިގަނޑު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.
މިދިޔަ އާދިއްތަ ދުވަހު އެފްކޮންސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކޮމޮޑޭޝަން ބްލޮކުގައި 457 މީހުން ދިރިއުޅެމުންދިޔަ ކަމަށެވެ. އޭގެ ތެރެއިން 78 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން 32 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ. ކުދިކުދި އަނިޔާ ލިބުނު 24 މީހަކުގެ ތެރެއިން ހަތަރު މީހަކު އޮޕަރޭޝަން ކޮށްފައިވާ ކަމަށާއި ބާކީ ތިބި މީހުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެގޮތުން އެ މީހުންނަށް ބޭނުންވާ އަންނައުނާއި ސޫޓް ކޭހާއި މޯބައިލް ފޯނުގެ އިތުރުން މާލީ ގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެފްކޮންސްއިން ބުނެފައިވެއެވެ.
މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދީފައިވާނެ ކަމަށް ވެސް އެފްކޮންސްއިން ބުނެފައިވެއެވެ. މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެފްކޮންސްއިން އެންމެ ބޮޑަށް އިސްކަންދޭ ކަންތައް ކަމަށާއި މުވައްޒަފުންނަށް ދިމާވާ ހުރިހާކަމެއް ސީރިއަސް ގޮތެއްގައި ބަލައި ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އެފްކޮންސްއިން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު