Close
ކުޅިވަރު

ޕޯޗުގަލްގެ ކޯޗުކަމަށް ވެންހާލް ޝައުގުވެރިވަނީ ކީއްވެގެން؟

އިމާދު ލަތީފު

ފެނާންޑޯ ސަންތޯޝްގެ އިސްތިއުފާޔާ ގުޅިގެން ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމު މިހާރު އޮތީ ހުސްވެފައެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވަރަށް ގިނަބަޔަކު އެއްބަސްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަދިވެސް އެހެރީ ޕޯޗުގަލްގެ ޚިދުމަތުގައެވެ. ޕޯޗުގަލްއަކީ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ޓެލެންޓުގެ ގޮތުން އެންމެ މޮޅު އެއްޓީމެވެ.

ޕޯޗުގަލްއަކީ ވޯލްޑްކަޕް ފެށުނުއިރު މުބާރާތް ކާމިޔާބުކުރާނެ ކަމަށް ބެލެވުނު ޓީމުތަކުގެ ތެރެއިން އެއްޓީމެވެ. ކުއާޓަރ ފައިނަލުގައި މޮރޮކޯއަތުން ބަލިވެގެން ކަޓަން ޖެހުމުގައި އޮތީ ކޯޗު ފެނާންޑޯ ސަންތޯޝްގެ މައްސަލައެއްކަމަށް ވަރަށް ގިނަބަޔަކު ދެކެއެވެ. ޚާއްސަކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗަށްލުންފަދަ ކަންކަމަކީ ސަންތޯޝްގެ ވިޔާނުދާކަމަށް ބާރުލިބޭ ކަންކަމެވެ.

ސަންތޯޝް ނޫން އެހެން މީހަކު ހުރިނަމަ ޕޯޗުގަލްއަށް ތަށި ލިބޭނޭކަމުގެ ހީތައް ނުހަނު ބޮޑެވެ. އެހެންވީމާ މިހާރު ޕޯޗުގަލްގައި އެތިބަ ކުޅުންތެރިންނާއެކު ވޯލްޑްކަޕް ހޯދަން ދުނިޔޭގެ ނަން މަޝްހޫރު ބައެއް ކޯޗުން މިހާރު އެތިބީ ބޭނުންވެގެންނެވެ. އޭގެ ތެރެއިން އެކަކީ ހޮލެންޑުގެ ލުއިސް ވެންހާލްއެވެ. އޭނާއަކީ އަމިއްލަ ގައުމު ވޯލްޑްކަޕްގެ ސެމީ ފައިނަލަށް އެއްފަހަރު އަދި އަނެއްފަހަރު ކުއާޓަރ ފައިނަލަށް ގެންގޮސްދީފައިވާ މީހެކެވެ.

އުމުރުން 71 އަހަރުވީ ވެންހާލް ގަބޫލުކުރާ ގޮތުގައި ވޯލްޑްކަޕް އޭނާއަށް ހޯދޭނީ ޕޯޗުގަލްގެ މި ޖެނެރޭޝަނުގެ ކުޅުންތެރިންނާއެކުގައެވެ. ރިޓަޔަރކޮށްފިކަން އިއުލާންކޮށްގެން ހުރުމަށްފަހު ޕޯޗުގަލްގެ ކޯޗުކަމަށް އޭނާ ޝައުގުވެރިކަން ފާޅުކުރީ އެހެންވެގެންނެވެ. ވެންހާލް ބުނީ ޕޯޗުގަލްއިން އޭނާއަށް ފުރުސަތުދޭން ބޭނުމިއްޔާ އެމީހުން ދައްކާ ވާހަކައެއް އަޑުއަހަން ތައްޔާރު ކަމުގައެވެ. ޕޯޗުގަލްގެ ކޯޗުކަމަކީ އަދި މުޅިން އެހެން ޒާތެއްގެ ތަޖުރިބާއަކަށް ވާނެ ކަމަށާއި ޕޯޗުގަލްގެ އެސޯސިއޭޝަނުން އޭނާއާ ވާހަކަ ދައްކަން ބޭނުމިއްޔާ އަޑުއަހަންވެސް ޝައުގުވެރިވާ ކަމުގައެވެ. މިވަގުތު ބުނަން ބޭނުންވަނީ މިވަރަށް ކަމުގައެވެ.

މިފަހަރުގެ ވޯލްޑްކަޕް ފެށުމުގެ ކުރިން ވެންހާލްވަނީ ކެންސަރާވެސް ދިގު ހަނގުރާމައެއްކޮށް ކާމިޔާބު ހޯދައިފައެވެ. އެކަން އެހެން އޮތަސް ބައެއް ޓީމުތަކުން އޭނާ ގެންދަން ޝައުގުވެރިވެއެވެ. ޕޯޗުގަލްއާމެދު ވެންހާލް ވާހަކަ ދައްކާފައިމިވަނީ އޭނާއަށް ޕޯޗުގަލުންވެސް ޝައުގުވެރިވާކަމުގެ މައުލޫމާތު ލިބިގެންނެވެ.