އެހެން ޕާޓީތަކަށް ނިސްބަތްވާ 17,156 މީހުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި، މީގެ ކުރިން އޮތް އެމްޑީޕީގެ މެންބަރުންގެ ދަފްތަރުގައި ހިމެނިފައި އޮތް ކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ ނާއިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.

އިބުރޭ މިހެން ވިދާޅުވީ، އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ވެސް ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ މިހާރު އޮތް ދަފްތަރުގައި ހިމެނޭ މީހުންގެ ސައްހަކަމާމެދު ސުވާލު އުފެއްދެވުމާ ގުޅިގެން، ރައީސް ނަޝީދަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އެމްޑީޕީގެ ދަފްތަރުގެ ސައްހަކަމާމެދު ސުވާލު އުފައްދަވައި އެޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ފޮނުއްވި ސިޓީއެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އެމްޑީޕީއާ ހިތުން ރުހުމުން ގުޅިފައިވާ މެންބަރުންގެ ތެރެއިން 40 ޕަސެންޓް މެންބަރުންގެ ހައްގާއި ބައިވެރިވުން ގެއްލުވާލައި، ބާއްވާ އިންތިހާބެއްގެ ސަބަބުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕާޓީއަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އެއީ ޕާޓީގެ މަސްލަހަތު ހިފެހެއްޓޭނެ ކަމެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އެމްޑީޕީގެ ވޯޓުލާ ދަފުތަރުން ސާޅީސްހާހާ ގާތަށް، އެ މެންބަރުންނަށް އެންގުމަކާ ނުލައި ކުއްލިއަކަށް އުނިކުރުމުން ވަނީ ގަޑުބަޑުވެފަ. އެކަން އެހެން އޮއްވައި ޕްރައިމަރީ ކުރިއަށް ގެންދިޔުމުން، ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނޭ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި އިބުރޭ މިއަދު ވިދާޅުވީ، އެހެން ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރި 124 ކައުންސެލަރުންނާއި، އެހެންޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރި 101 ޑަބްލިޔުޑީސީ މެންބަރުންގެ އިތުުރުން ނިޔާވެފައިވާ 800 އަށްވުރެ ގިނަމީހުން އެމްޑީޕީގެ ކުރީގެ ދަފުތަރުގައި ތިބި ކަމަށެވެ.

ނަމަވެސް 29 މެއި 2022 ގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހަށް، ޕާޓީގެ މެންބާޝިޕް ސާފުކުރުމުގެ ގަރާރު ހުށައެޅުމުގެ ކުރިން މެންބާޝިޕް ސައްހަ ކުރުމަށް ތިންމަސް ދުވަސް ދިން ކަމަށާއި، އެ މުއްދަތުގެ ތެރޭގައި ދަފްތަރު ސައްހަ ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ދަފްތަރާމެދު ރައީސް ނަޝީދު އުފެއްދެވި ސުވާލުތަކަށް އެމްޑީޕީވެސް ވަނީ ރައްދު ދީފައެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބެން ޖެހޭނީ ހަމައެކަނި އެ ޕާޓީގެ މެންބަރުންނަށް ކަމަށެވެ.

"އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ލިބެން ޖެހޭނީ މި ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާއިރު ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ދަފްތަރު މިހާރު އޮތީ ސައްހަ ކުރެވި ޕާޓީއަށް ވަންނަން އެދޭ އެންމެހައި ދިވެހި ރައްޔިތުންނަށް ފުރުސަތު ހުޅުވިފަ. އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެމަތިން, ދަފްތަރު ސައްހަކޮށް, ބެލެހެއްޓެމުން ދަނިކޮށް އެ ދަފްތަރާ މެދު ސުވާލު އުފެދޭ ގޮތަށް ޕާޓީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ ހިތާމަކުރަން،" އެމްޑީޕީން ބުންޏެވެ.