ގަތަރު ވޯލްޑް ކަޕް 2022

ރިޓަޔާކޮށްގެން ހުރި ނަމަވެސް ޕޯޗުގަލްގެ ފުރުސަތަކަށް އިޖާބަ ދޭނަން: ވެން ހާލް

މިފަހަރުގެ ވޯލްޑް ކަޕަށް ނެދަލޭންޑްސްއާއެކު ނުކުތް ތަޖުރިބާކާރު ކޯޗު، ލުއިސް ވެން ހާލް އަލުން ކޯޗުކަމަށް ނުކުމެދާނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

މިފަހަރު ވޯލްޑް ކަޕްގެ ކުރިންވެސް ވެން ހާލް ނިންމާފައި ވަނީ ނެދަލޭންޑްސްއާއެކު ވޯލްޑް ކަޕަށް ނުކުންނަ ނުކުތުމަކީ އެގައުމުގެ ގައުމީ ޓީމާއެކު އޭނާ ނުކުންނާނެ ފަހު މުބާރާތް ކަމަށެވެ. ވޯލްޑް ކަޕަށް ވެން ހާލް މިފަހަރު ނުކުތީ އޭނާ ނެދަލޭންޑްސްގެ ކޯޗުކަމުގައި ކުރި ތިންވަނަ ތަޖުރިބާއަށެވެ. ނެދަލޭންޑްސްގެ ކޯޗުކަމުގައި މިފަހަރު ވެން ހާލް ހަވާލުވެ ހުރެ، އޭނާ އިރުޝާދުދިން 20 މެޗުން އެޓީމު ވަނީ 14 މެޗުން މޮޅުވެފައެވެ. އެ މެޗުތަކުގެ ތެރެއިން ބަލިވީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އެކަންޏެވެ. އެއީވެސް އާޖެންޓީނާ ކައިރިން ޕެނަލްޓީގައެވެ. ނެދަލޭންޑްސްއިން ވަނީ 20 މެޗުގައި ޖެހި ގޯލުތަކުގެ ތެރެއިން ފައިދާ 34 ގޯލް ހަމަކޮށްފައެވެ.

ވެން ހާލް ނެދަލޭންޑްސް ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނީ ކެންސަރަށްވެސް ފަރުވާ ހޯދަމުންނެވެ. ކުޅުންތެރިންނަށް އެކަން ސިއްރުކޮށްގެން އުޅުމަށްފަހު، ކޮލިފިކޭޝަން ޔަގީންކޮށްދީ އޭނާ އާންމުންނަށް އެކަން ހާމަކުރީ މިއަހަރު އޭޕްރީލް މަހުގައެވެ. ވެން ހާލް މިހާރު ކެންސަރުން ރަނގަޅުވެފައިވާ އިރު، އޭނާ މިވަގުތު ހުރީ ރިޓަޔާވެގެންނެވެ.

މިވަގުތު ރިޓަޔާމަންޓްގައި ހުރި ނަމަވެސް، އުމުރުން 71 އަހަރު ވެން ހާލް ދާދިފަހުން ނެދަލޭންޑްސް ނޫހަކަށް ބުނެފައި ވަނީ ޕޯޗުގަލްގެ ފުރުސަތެއް ލިބިއްޖެނަމަ، އެކަމަށް އިޖާބަ ދޭނެ ކަމަށެވެ.

"އަހަރެން މިހުރީ އަނެއްކާވެސް ރިޓަޔާވެގެން. އެކަމަކު ޕޯޗުގަލުން ގުޅައިފިނަމަ، އަހަރެން އަޑު އަހާނަން. އެއީ މިވަގުތަށް އަހަރެން ބުނަން އޮތް އެއްޗަކީ،" ދެވަނަ ފަހަރަށް ކެރިއަރުގައި ރިޓަޔާކޮށްފައި ހުރި ވެން ހާލް ބުންޏެވެ.

ޕޯޗުގަލްވެސް ވޯލްޑް ކަޕުން ކެޓީ ކުއާޓާ ފައިނަލުން މޮރޮކޯ އަތުން ބަލިވެގެންނެވެ. އެ ފެއިލިއާއާއެކު އެގައުމުގެ ކޯޗުކަމުގައި ހުރި ފެނާންޑޯ ސަންޓޯސް މަގާމުން ވަކިކޮށްފައިވަނީ 8 އަހަރު ދުވަހު އެމަގާމުގައި ބެހެއްޓުމަށްފަހު އެވެ. ސަންޓޯސް ވަނީ ޕޯޗުގަލްއާއެކު 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށް، 2019 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބު ކޮށްފައެވެ. އޭނާ މިފަހަރުގެ ވޯލްޑް ކަޕަށް ރަނގަޅު ސްކޮޑަކާއެކު ނުކުމެ، ޕޯޗުގަލް ކުއާޓާ ފައިނަލަށް ގެންގޮސްދިން ނަމަވެސް، ކުއާޓާގައި 1-0 އިން ޕޯޗުގަލް ވަނީ މޮރޮކޯ އަތުން ބަލިވެފައެވެ.

އެ މެޗުގައި ސަންޓޯ ކްރިސްޓިއާނޯ ރޮނާލްޑޯ ފުރަތަމަ 11 އަށް ނެރެފައި ނުވާތީ އެކަމަށް ފާޑު ކިޔުންތައްވެސް އަމާޒުވެފައިވެއެވެ. އަދި ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗުގައި އުމުރުން 37 އަހަރުގެ ރޮނާލްޑޯ ނެރުނީ ފަހު 15 ވަރަކަށް މިނެޓަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ސަންޓޯސް ކޯޗުކަމުން ވަކިކުރުމުގެ ފަހަތުގައި ރޮނާލްޑޯގެ މައްސަލަވެސް ހިމެނެއެވެ.