މި އަހަރު ރާއްޖޭގައި ބާއްވަން ތައްޔާރުވި އޭވީސީ ސެންޓްރަލް އޭޝިއަން ޒޯންގެ ވޮލީބޯޅަ މުބާރާތް، ސެންޓްރަލް ޒޯން ސީނިއާ މެންސް އެންޑް ވިމެންސް ޗެލެންޖް ކަޕް ރާއްޖޭގައި ނުބޭއްވޭނެކަމަށް ނިންމައިފިއެވެ.

އެ ދެމުބާރާތް ރާއްޖޭގައި ބާއްވަން އިއުލާން ކޮށްފައި ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުރިއަށް ދިޔަ އޭވީސީ ސެންޓްރަލް ޒޯންގެ އަންހެން އަދި ފިރިހެން މުބާރާތުގެ ތެރެއިން ބޭއްވި، އޭވީސީ އާއި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ބައްދަލުވުމުގައެވެ. އެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށް ވީއޭއެމްއިން ވަނީ ރަސްމީކޮށް އޭރު އިއުލާނުވެސް ކޮށްފައެވެ.

ރާއްޖެއަށް ލިބުނު ފުރުސަތާއެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިއަހަރަށް ކަނޑައެޅި ކަލަންޑަރުގައިވާ ގޮތުން އެ މުބާރާތް ބާއްވަން އޮތީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ސެންޓްރަލް ޒޯންގެ އަންހެން އަދި ފިރިހެން ޗެލެންޖް ކަޕްވެސް ބާއްވަން ނިންމާފައި އޮތީ މާލޭގައެވެ.

އެހެން އެގޮތަށް އޮތް ނަމަވެސް މިމަސް ތެރޭގައި ބޭއްވި ކާވާގެ ބައްދަލުވުމެއްގައި، އެ އެސޯސިއޭޝަންގެ ރައީސް، ރާއްޖޭގެ މުހައްމަދު ލަތީފް ވިދާޅުވީ މުބާރާތް ބާއްވަން ކުރި މަސައްކަތް ކާމިޔާބުނުވި ކަމަށެވެ.

"2022 ވަނަ އަހަރު ބާއްވަން މަސައްކަތް ކުރި ހުރިހާ މުބާރާތެއް ފުރިހަމައަށް ކުރިއަށް ގެންދަން މަސައްކަތް ކުރިން. އެހެން ނަމަވެސް ރާއްޖޭގައި ބާއްވަން އޮތް ޗެލެންޖް ކަޕުގެ ދެ މުބާރާތް ނުބޭއްވުނު،" ކާވާގެ ރައީސް މުހައްމަދު ލަތީފު، ބައްދަލުވުމުގައި ވިދާޅުވިއެވެ.

ކޮވިޑް 19 ގެ ކުރިންވެސް ރާއްޖޭގައި އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތެއް ބާއްވަން ވަނީ މަސައްކަތް ކޮށްފައެވެ. އެފަހަރު ބާއްވަން އުޅުނު އަންހެން ވޮލީ މުބާރާތް ބާއްވަން ޔޫތު މިނިސްޓްރީން ގަސްދުކުރީވެސް އަތޮޅު ތެރޭގައެވެ. އެފަހަރު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެފައި ވަނީ މުބާރާތް ބާއްވަން ގަސްދުކުރީ ލ. ފޮނަދޫގައި ކަމަށެވެ. އެގޮތުން އެރަށުގައި އިންޑޯ ސްޕޯޓްސް ފެސިލިޓީއެއް ގާއިމު ކުރުމަށްވެސް ސަރުކާރުން އެފަހަރު ނިންމިއެވެ. އެހެން ނަމަވެސް މުބާރާތް ކެންސަލްވެ އެ ފެސިލިޓީގެ މަސައްކަތް ކުރެވިފައެއް ނުވެއެވެ.

ރާއްޖޭން ވަނީ މީގެ ކުރިން 2017 ވަނަ އަހަރު ސެންޓްރަލް ޒޯންގެ ދެ މުބާރާތެއް ހޯސްޓްކޮށްފައެވެ. އެފަހަރު މުބާރާތް ބޭއްވީ މާލޭގެ ކުޅިވަރު އެކުވެނީގެ އިންޑޯ ފެސިލިޓީގައެވެ.

ސެންޓްރަލް ޒޯން މުބާރާތް މިފަހަރު ރާއްޖޭގައި ނުބޭއްވުމާއެކު އެކަން ވެގެންދާނީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ބޮޑު މާޔޫސް ކަމަކަށެވެ. ފިރިހެން ޓީމަށް ފެބްރުއަރީ މަހު ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ ގެނެސް، ޓީމުން ބުރަކޮށް މުބާރާތަށް މަސައްކަތް ކޮށްފައިވާ އިރު، ކޯޗާއެކު ގާތްގަނޑަކަށް ނުވަ މަސް ދުވަހު ތަމްރީނުތައް ކޮށްފައިވެއެވެ. އެ ތަމްރީނުތައް ކުރުމަށް ކުޅުންތެރިން ވަގުތު ހުސްކޮށްގެން މާލޭގައި ބޭސްވެގެން ތިބެން ޖެހުމާއެކު ގިނަ ކުޅުންތެރިންނަށް ރަށްރަށުގައި ކުރިއަށްދާ ރަށު ފެންވަރާއި އަތޮޅު ފެންވަރުގެ މުބާރާތްތަކުން ލިބޭ އާމްދަނީ ދޫކޮށްލަން ޖެހުމަކީ ލިބުނު އެއް ގެއްލުމެވެ.

ގައުމީ އަންހެން އަދި ފިިރިހެން ވޮލީ ޓީމުތައް ދާދިފަހުން ތަމްރީނު ކޭމްޕަށް ސައުދީ އަރަބިއާއަށް ގޮސްފައިވަނީވެސް، ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށެވެ. ދާދި ފަހުން ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމު ވަނީ ޔޫތު މިނިސްޓްރީން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސައުދީ އަަރަބިއްޔާގެ ތަމްރީނު ކޭމްޕެއް ފުރިހަމަކޮށް، އުމްރާވެސް ކޮށްފައެވެ.

އޭގެ އިތުރުން މިއަހަރު ތެރޭގައި ވޮލީ ޓީމުން އެކުވެރިކަމުގެ މެޗުތައްވެސް ކުޅެފައިވެއެވެ.