ކުޅިވަރު

ގައުމީ ވޮލީ ޓީމުގެ ކޯޗަކަށް ބްރެޒިލްގެ ވެލޯސޯ

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ ގެންނަން ނިންމައިފިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން އިއުލާން ކޮށްފައިވާ ގޮތުގައި، ކޯޗު ވެލޯސޯ މި ހަފުތާ ތެރޭ ޓީމާ ހަވާލުވާނެއެވެ. ވެލޯސޯ ވަނީ އޭނާގެ އުފަން ގައުމުގެ ބްރެޒިލްގެ އިތުރުން ބަހްރޭނާއި އެމެރިކާގައިވެސް ވޮލީ ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައެވެ.

ގައުމީ ފިިރިހެން ވޮލީބޯޅަ ޓީމަށް މަތީ ފެންވަރުގެ ކޯޗެއް ހަމަޖައްސާފައިވަނީ ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީގެ ޓެކްނިކަލް ސަޕޯޓާއި ޔޫތު މިނިސްޓްރީގެ ވަރަށް ބޮޑު އެހީތެރިކަމާ އެކީގައެވެ. ހާއްސަކޮށް އެއީ ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝްގެ އިސް ނެންގެވުމުގެ މަތިން އިއުލާން ކޮށްފައިވާ ވޮލީގެ ހާއްސަ ޕްލޭންގެވެސް ބައެކެވެ.

ބަހްރޭން ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗަކަށް 2020 ވަނަ އަހަރު ހަމަޖެއްސި އުމުރުން 54 އަހަރުގެ ވެލޯސޯ ވަނީ 25 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ކޯޗިން ތަޖުރިބާ ހޯދައިފައެވެ. ބްރެޒިލްގެ މަޝްހޫރު ވޮލީބޯޅަ ކްލަބެއް ކަމަށްވާ މިނިއާސް ޓެނީސް ކްލަބަށް ގިނަ އަހަރުތަކެއް ވަންދެން ކޯޗުކޮށްދިން ވެލޯސޯ ވަނީ އެ ޓީމާއެކު ބްރެޒިލްގެ ރީޖަނަލް މުބާރާތްތައްވެސް ކާމިޔާބުކޮށްފައެވެ.

ބްރެޒިލްގެ އުމުރުފުރާ ގައުމީ ޓީމުތަކުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ ވެލޯސޯ ވަނީ ދުނިޔޭގެ ލެވަލް މުބާރާތްތަކާއި ދެކުނު އެމެރިކާ ބައްރަށް ހާއްސަ މުބާރާތްތަކުގައި ކާމިޔާބީތަކެއް ހޯދައިފަ އެވެ. ބާސެލޯނާގައި 1992 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސް އަށް ތައްޔާރުވި ބްރެޒިލްގެ އަންހެން ވޮލީބޯޅަ ޓީމަށް ވެސް ވެލޯސޯ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފިޒިކަލް އެޑިއުކޭޝަނުން ބެޗަލާސް ޑިގްރީއެއް ހާސިލްކޮށްފައިވާ ވެލޯސޯ އަކީ އެތުލީޓުންގެ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ދެނެގަންނަން އެމެރިކާގައި ހިންގަމުން އަންނަ ޓްރައިއައުޓް ޕްލޭޔާސްގެ ކޯ ފައުންޑަރެކެވެ. ވެލޯސޯ އަކީ ކުޅުންތެރިން ޑިވެލޮޕްކުރުމުގައި ވީޑިއޯ އެނަލައިސިސް އަށް އިސްކަންދޭ ކޯޗެކެވެ.

އެމެރިކާގެ ޓޮޕް އެލީޓް އެކެޑަމީގައި ވެސް ކުޅުންތެރިން ތަމްރީން ކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ވެލޯސޯ އަކީ ބްރެޒިލްގެ ވޮލީބޯޅަ ފެޑެރޭޝަނާ ގުޅިގެން ޑިވެލޮޕްމަންޓްގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗެކެވެ. އޭގެ އިތުރުން ބަހްރެއިންގެ އުމުރުފުރާތަކާއި ސީނިއާ ޓީމުގައިވެސް ވެލޯސޯ މަސައްކަތް ކުރިއެވެ.

ގައުމީ ވޮލީ ޓީމާ ހަވާލުވެ މިވަގުތު ހުރީ މުހައްމަދު ސާޖިދު (ކާއްޓޭ)އެވެ. ކޯޗު ވެލޯސޯ ފުރަތަމަ މަސައްކަތް ކުރާނީ ކާއްޓޭއާ އެކުގައެވެ.