ކުޅިވަރު

ރާއްޖޭގައި ބާއްވާ ވޯލްޑް ބީޗްވޮލީ ޕްރޯ ޓުއާގެ މުބާރާތް އޮކްޓޫބަރު މަހު

ރާއްޖޭގައި މި އަހަރު ބާއްވަން ނިންމާފައިވާ ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީގެ ބީޗްވޮލީ ޓުއާގެ މުބާރާތް އަންނަ އޮކްޓޫބަރު މަހަށް ތާވަލުކޮށް، ރާއްޖޭގެ ވޮލީ ކަލަންޑަރު އިއުލާންކޮށްފިއެވެ.

ވީއޭއެމުން އިއްޔެ އާންމުކުރި އަހަރީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ވޮލީ ސީޒަން ފެށިގެން ދާނީ އެސޯސިއޭޝަން ކަޕުންނެވެ. އެ މުބާރާތް ތާވަލުކޮށްފައި ވަނީ މޭ މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަކަށެވެ. އެ މުބާރާތުގައި ފުރަތަމަ ކުޅޭނީ ޕްރިލިމިނަރީ ބުރުންނެވެ. އެސޯސިއޭޝަން ކަޕްގެ ފައިނަލް ރައުންޑް އޮންނާނީ މޭ މަހުގެ 24 ވަނަ ދުވަހުއެވެ. މިފަހަރު އެސޯސިއޭޝަން ކަޕް ބާއްވަން ވީއޭއެމްއިން ނިންމާފައި ވަނީ ތިން އަހަރަށް ފަހުއެވެ.

ވީއޭއެމްގެ ކަލަންޑަރުގައިވާ ގޮތުން ގައުމީ ވޮލީ ބޯޅަ ޗެމްޕިއަންޝިޕް މިއަހަރު އޮންނާނީ ޖޫން މަހުގައެވެ. އަދި އަހަރު ތެރޭ އެކިއެކި ތާރީހު ތަކުގައި އަތޮޅު ތެރޭގެ ވޮލީ މުބާރާތްތައް، އެޓޯލް ޗެމްޕިއަންޝިޕް މުބާރާތްތައް ހިނގަމުން ދާނެއެވެ. އިންޓަ ރިސޯޓް މުބާރާތް ޖުލައި މަހު ފަށާ ގޮތަށް ވީއޭއެމްއިން ނިންމާފައިވާ އިރު، ކޮމަންވެލްތު ގޭމްސްއަށް ދާ ބީޗު ވޮލީ ޓީމު ދާން ފުރުސަތު ލިބިއްޖެ ނަމަ ދާނީ ޖުލައި މަހުގެ ފަހު ކޮޅުގައެވެ.

ބީޗް ވޮލީއަށް ހާއްސަ ސަމާލުކަމެއް ދޭން އޮތް އަހަރަކަށް މިއަހަރު ފާހަގަވެފައިވާ އިރު، ބީޗް ވޮލީބޯލް ޕްރޯ ޓުއާގެ ތިން ބައިގެ ތެރެއިން ޗެލެންޖާސްގެ ބައި ރާއްޖޭގައި ހޯސްޓްކުރާނީ އޮކްޓޫބަރު 13-16 އަށެވެ. ވައިލްޑްކާޑް އެންޓްރީގެ ގޮތުގައި ރާއްޖޭގެ ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެއެވެ. އެ އިވެންޓް ވެގެންދާނީ ދުނިޔޭގެ ބީޗްވޮލީ ޕްރޯ ޓުއާގެ މުބާރާތަކަށެވެ.

މި އަހަރު ބީޗްވޮލީބޯޅައިގެ އޭވީސީ ޓުއާގެ ދެ މުބާރާތް ރާއްޖޭގެ ޓީމުތަކަށް އެބައޮތެވެ. އެއީ ޖޫން މަހު ތައިލެންޑްގައި އޮތް މުބާރާތާއި ސެޕްޓެމްބަރު މަހު ޗައިނީސް ޓައިޕޭގައި ބާއްވާ ބީޗް މުބާރާތެވެ. މީގެ އިތުރުން، ފުރުސަތު ލިބިއްޖެނަމަ ކޮމަންވެލްތު ގޭމްސްގައި ވެސް ބައިވެރިވާ ގޮތަށް އޮތްއިރު، އޮގަސްޓް މަހު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އާއި ސެޕްޓެމްބަރު މަހު ބާއްވާ އޭޝިއަން ގޭމްސްގައި ވެސް ރާއްޖެ ވާދަކުރާނެއެވެ.

މިއަހަރު ޑިސެންބަރު މަހު ސެންޓްރަލް ޒޯން ސީނިއާ މެންސް އަދި ވުމަންސް ޗެލެންޖް ކަޕް ރާއްޖޭގައި ހޯސްޓް ކުރާނެއެވެ.