ވޮލީ ބޯލް

ނާޒިމާ އާއި ރުދައިނާގެ ޕެއާ ސެމީއަށް

ސްރީ ލަންކާގައި ކުރިއަށްދާ އޭވީސީ ފުރަތަމަ ސެންޓްރަލް އޭޝިއަން ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުން ރާއްޖޭގެ އައިމިނަތު ރުދައިނާ އާއި ހައްވާ ނާޒިމާގެ ޕެއާ ފުރުސަތު ހޯދައިފިއެވެ.

ރުދެއިނާއާއި ނާޒިމާ ސެމީއަށް ދިޔައީ ގްރޫޕް ސްޓޭޖުގައި އުޒްބެކިސްތާންގެ މަވްލޮނޯވާއާއި ސުލްޓަންބޮއޭވާގެ ޕެއާގެ އަތުން މޮޅުވެގެންނެވެ.

ރުދެއިނާއާއި ނާޒިމާގެ ޕެއާ ހިމެނޭ ގްރޫޕުގައި ތިން ޓީމު ހިމެނޭ އިރު، ރާއްޖެއާއި އުޒްބެކިސްތާނު ޕެއާގެ އިތުރުން ދެން ހިމެނެނީ ސްރީ ލަންކާގެ ދެވަނަ ޕެއާ ކަމަށްވާ ޗަތުރިކާ އާއި ހަޝިނީގެ ޕެއާއެވެ.

މިހާތަނަށް މުބާރާތުގައި ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ލަންކާއިންވެސް އުޒްބެކިސްތާނު ބަލިކުރި އިރު، އިއްޔެ މެންދުރު ފަހު ރާއްޖޭގެ ރުދައިނާ އާއި ނާޒިމާގެ ޕެއާ ވަނީ މަވްލޮނޯވާ އާއި ސުލްޓަންބޮއޭވާގެ ޕެއާ 2-1 ސެޓުން ބަލިކޮށްފައެވެ.

ސެޓުތައް ދިޔައީ 21-15، 11-21 އަދި 15-09 އިންނެވެ. ގްރޫޕުގައި ބާކީ އެއް މެޗު އޮތް އިރު، ގްރޫޕް އެއްވަނަ ޔަގީން ވާނީ މިއަދު ހެނދުނު ލަންކާއާއި ރާއްޖޭގެ ޕެއާ ކުޅޭ މެޗުންނެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ކުޅުނު ސެންޓްރަލް ޒޯން އިންޑޯ މުބާރާތުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމަށް ކުޅުނު ނާޒިމާ އާއި ރުދައިނާ ޕެއާއެއްގެ ގޮތުގައި ކުޅޭ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތެވެ. ނާޒިމާ މުޅިން އަލަށް އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ މުބާރާތެއްގައި ކުޅޭ އިރު، މީގެ ކުރިން ރުދައިނާ ވަނީ 2019 ވަަނަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓުގައި ކުޅެފައެވެ.

މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ދެން ވާދަކުރާ އަންހެން ޕެއާ އަކީ މަރިޔަމް އަޒުމާ އާއި އައިޝަތު މާޖިދާގެ ޕެއާއެވެ. އެ ޕެއާ ވަނީ އިއްޔެ ހެނދުނު ލަންކާގެ އެއްވަނަ ޕެއާ ޝެހާނީ އާއި ޖަޔަވަރްދަނާ އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. މާޖިދާ އާއި އަޒުމާ އަށް ސެމީގެ ޖާގަ ލިބެން އޮތީ މިއަދު ހެނދުނު ލަންކާގެ ދީޕިކާ އާއި ދިނޭޝާ އަތުން މޮޅުވެގެންނެވެ.