ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ބަސް ޕެރޭޑާއެކު އުފާފާޅުކުރުމަށް މަގުތަކަށް ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ނުކުމެއްޖެއެވެ.
ގަތަރު ވޯލްޑް ކަޕް 2022 ގެ ޗެމްޕިއަން އާޖެންޓީނާއިން ތަށްޓާއެކު އެގައުމަށް ދިޔައީ އިއްޔެގެ ވަގުތެއްގައެވެ. އެއާޕޯޓުންވެސް ޓީމަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔާފައިވާ އިރު، އެގައުމުގެ ސަރުކާރުން އިއްޔެއަކީ ބަންދު ދުވަހެއް ކަމުގައިވެސް އޮތީ ކަނޑައަޅާފައެވެ. އެއީ ޓީމުގެ ރަސްމީ އުފާފާޅުކުރުންތަކަށް ފުރުސަތު ދިނުމަށެވެ. އާޖެންޓީނާ ގަޑިން މެންދަމު ދޭއް ޖެހިއިރު ޓީމު އެގައުމަށް ގޮސްފައިވާ އިރު، ރަސްމީކޮށް ބަސް ޕެރޭޑަށް ނުކުތީ އިއްޔެގެ ވަގުތެއްގައެވެ.
އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އައިރެސްގެ އޮބެލިސްކޯ ސަރަހައްދުގައި އިއްޔެ ރަސްމީ ޓްރޮފީ ޕެރޭޑް ފަށާފައިވާ އިރު، އެ ސަރަހައްދަށް ހަތަރު މިލިއަނެއްހައި މީހުން ޖަމާވިކަމަށް ނޫސްތައް ބުނެއެވެ. މަގުތައް ފުރިބާރުވެފައިވާ ސަރަހައްދުން ޓީމު ބަސް ޕެރޭޑް ފެށުމާއެކު ނެށުމާއި ލަވައިގައި އެތައް ބަޔަކު ވަނީ އާދަޔާހިލާފު އުފާވެރިކަމެއްގައި ހަރަކާތްތެރިވެފައެވެ. މުޅި ސަރަހައްދުން އާޖެންޓީނާގެ ޖާޒީތައް ފެނިގެން ގޮސްފައިވާ އިރު، ކުޅުންތެރިން ތިބި ބަހަށް އަރަންވެސް ބައެއް ސަޕޯޓަރުން މަސައްކަތް ކޮށްފައިވެއެވެ.
އެގޮތުން ބްރިޖުތައް މަތިން ބަސް ތެރެއަށް ފުންމާލަން ބައެއް ސަޕޯޓަރުން މަސައްކަތް ކޮށްފައިވާ އިރު، މީހުން ގިނަވެ ޕެރޭޑް ކުރިއަށް ގެންދަންވެސް ދަތިތަކެއް ކުރިމަތިވިއެވެ.
ޕެރޭޑް ކުރިއަށް ގެންދަން އުނދަގޫތަކާ ދިމާވެފައިވުމާއެކު ސަލާމަތީ ބައެއް ކަންތަކަށްވެސް ބަލައި، ވަކި ހިސާބަކުން ކުޅުންތެރިން ގެންދަން ހެލިކޮޕްޓަރު ބޭނުން ކުރި މަންޒަރުވެސް ފެނިގެން ގޮސްފައިވެއެވެ. އާޖެންޓީނާއަށް 36 އަހަރު ފަހުން ވޯލްޑް ކަޕްގެ ތަށި ކާމިޔާބު ކުރެވިފައިވާ އިރު، މިއީ އެގައުމުގެ ތާރީހުގައިވެސް ފެނިގެންދާ އެންމެ ބޮޑު އުފާފާޅުކުރުމުގެ ހަރަކާތްތަކެވެ.
މިފަހަރުގެ ތަށްޓާއެކު އާޖެންޓީނާއަށް ޖުމުލަ ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރެވިފައިވާ އިރު، މި ތަށި އެންމެ ހާއްސަ ވަނީ އުމުރުން 35 އަހަރު މެސީއަށެވެ. މީގެ ކުރިން އެތައް ފައިނަލެއްގައި ބަލިވެ، ގައުމީ ޓީމުގެ މާޔޫސްކަމާ ކުރިމަތިލާން ޖެހުނު މެސީ ވަނީ މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ގައުމީ ޓީމާއެކު ކާމިޔާބުކޮށް، މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.
އާޖެންޓީނާއިން މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ފައިނަލްގައި 2018 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފައެވެ.