ޚަބަރު

ސްޓެލްކޯ ފުލެޓްތަކުގެ ކުލި ދެއްކުން 25 އަހަރަށް އިތުރުކޮށްދީފި

މުހައްމަދު އިޝާން

ހުޅުމާލޭ ފޭސް ދޭއްގައި އިމާރަތްކޮށްފައިވާ ސްޓެލްކޯގެ ފުލެޓްތަކުގެ ކުލި ދެއްކުން 25 އަހަރަށް އިތުރުކޮށްދީފިއެވެ.

ސްޓެލްކޯގެ ކަރަންޓު ހިދުމަތަށް 73 އަހަރުން ފުރުން ފާހަގަކުރަން މިރޭ ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، ސްޓެލްކޯއިން މިހާތަނަށް ސްޓާފުންގެ ވެލްފެއާއަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ކާމިޔާބު ސްކީމަކީ ބޯހިޔާވަހިކަމުގެ ސްކީމް ކަމަށެވެ. އަދި ވިދާޅުވީ ސްޓެލްކޯއިން އެ ކުންފުނީގެ 360 މުވައްޒަފަކަށް ފުލެޓް ދީފައިވާ ކަމަށާއި އެ މުވައްޒަފުން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ފުލެޓަށް ދައްކަން ޖެހޭ ކުލި ކުޑަކުރުން ކަމަށެވެ.

ޝަރީފު ވިދާޅުވީ މުވައްޒަފުން ބޭނުންވާ ގޮތަށް ފުލެޓުގެ ކުލި ކުޑަކޮށްދޭން ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި ފުލެޓަށް އެޑްވާންސް ޕޭމަންޓް ނުދެއްކިފައިވާ މުވައްޒަފުންނަށް ވެސް ފަސޭހަ ގޮތްތަކެއް ހޯދައިދީފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

"މިހާރު ސްޓެލްކޯގެ މެނޭޖުމެންޓުން މިކަމާ ގުޅިގެން ކަނޑައަޅާފައިވާ ގޮތުގައި ޑިސެމްބަރު މަހުގެ ނިޔަލަށް އެޑްވާންސް ޕޭމަންޓް ނުދެއްކިވާ ސްޓާފުންގެ އެޑްވާންސް ޕޭމަންޓް ޕްރައިމަރީ އެމައުންޓުގެ ތެރެއަށް ހިމަނައިގެން ކުރިއަށް ގެންދަން ސްޓެލްކޯގެ ބޯޑުން މިހާރު ވަނީ ނިންމާފަ. އަދި ހަމަ އެއާއެކީގަ މުވައްޒަފުންގެ މުސާރަ އާއި މުވައްޒަފުން ފުލެޓަށް ދައްކަން ޖެހޭ ކުލީގެ އަގު ކުޑަކުރުމަށްޓަކައި މަޝްވަރާކުރުމަށް ފަހުގައި މިހާރު މެނޭޖުމެންޓުން ވަނީ 18 އަހަރުގެ ބަދަލުގައި 25 އަހަރަށް ބަދަލުކޮށް މުވައްޒަފުން ދައްކަން ޖެހޭ އަދަދު ކުޑަކޮށްފަ،" ޝަރީފު ވިދާޅުވިއެވެ.

ބޯޑުން އެކަމަށް އެޕްރޫވް ލިބުމާއެކު އެކަން މުވައްޒަފުންނަށް އަންގާނެ ކަމަށެވެ. ކުލި ކުޑަން ކުރަން ބޭނުންވާ މުވައްޒަފުންނާއި އެޑްވާންސް ޕޭމަންޓް ނުދެއްކިފައިވާ ފަރާތްތަކުން އެކަން އަންގަންވާނެ ކަމަށާއި އެހެން ނޫންނަމަ ފުލެޓުގެ އެގްރީމެންޓް ބާތިލުވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ސްޓެލްކޯގެ އެހެން މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި އެގޮތުން އެހެން ފަރާތްތަކުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން މުވައްޒަފުންނަށް ފުލެޓް ހޯދައިދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ސްޓެލްކޯގެ ފްލެޓްތަކުގެ ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓްތަކެކެވެ.