އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން މިއަދު ހަވީރު ފައްޓައިފިއެވެ.

ނަޝީދުގެ ރިޔާސީ ކެމްޕޭން ފަށާފައިވަނީ "އަންނި 2023" ނަމުގައެވެ. މިއަދު ހަވީރު އެ މަނިކުފާނުގެ ކެމްޕޭން ޓީމުން ވަނީ އެމްޕީއެލް ސަރަހައްދާއި ރާޅުގަނޑު ސަރަހައްދުގައި ތާއިދު ފޯމު ފުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ އެމްޑީޕީގެ މައި ހަރުގެ ކައިރިން ލޮރީ ބުރެއް ބާއްވައި ނަޝީދަށް ތާއިދު ކުރުމަށް ގޮވާލައިފައެވެ.

ނަޝީދަށް ތާއިދު ހޯދުމަށް ބޭއްވި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ އާއި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން މަޑަވެލި ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ފިރުޝާން އަދި ނަޝީދަށް ތާއިދުކުރައްވާ މަޖިލީހުގެ އިތުރު މެމްބަރުންނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނަޝީދުގެ ޕްރައިމަރީ ކެމްޕޭނު މިއަދު ފަށާފައިވާ އިރު، އެ މަނިކުފާނު ވަނީ އެ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައިފައެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާލަށް ފޮނުއްވި ސިޓީއެއްގައި ނަޝީދު އިއްޔެ ވިދާޅުވެފައިވަނީ އެމްޑީޕީގެ ވޯޓުލާ ދަފުތަރު ގަޑުބަޑު ކޮށްފައިވާ ކަމަށެވެ.

ނަޝީދުގެ ކެމްޕެއިން ފެށިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ޕްރައިމަރީގެ ކެމްޕެއިން ފައްޓަވައިފައެވެ. އެގޮތުން ރައީސް ސޯލިހުގެ ކެމްޕޭން ހަރަކާތްތަކާ ގުޅިގެން، ޖަގަހަ ހަރަކާތްތައް އިސްވެ ހިންގަވާނެ ބޭފުޅެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީންގެ ނައިބު ރައީސް، ރީކޯ މޫސާ މަނިކު ވަނީ ހަމަޖައްސަވައިފައެވެ.

ރައީސް ސޯލިހުގެ އިސްނެންގެވުމަކަށް ސޯލްޓް ކެފޭގައި ރޭ ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ 100 އަށްވުރެ ގިނަ މެންބަރުން ހާޒިރުވެވަޑައިގެންފައެވެ. އެއީ އެ މަޖިލީހުގެ ގާތްގަނޑަކަށް 80 ޕަސެންޓު މެންބަރުންނެވެ.

ރޭގެ ޖަލްސާގައި ރައީސް ސޯލިހް ވަނީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން މެނޭޖަރަކަށް ކިނބިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޝިޒު، މާލޭ ސިޓީގެ ކެމްޕޭންގައި އިސްކޮށް ހުންނަވާނެ ބޭފުޅެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ލީގަލް ޑައިރެކްޓަރަކަށް ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން ހަމަޖައްސަވައި އެކަން އިއުލާނުކުރައްވައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 28ގައެވެ.