ގަތަރު ވޯލްޑް ކަޕް 2022

މެސީއާއި އާޖެންޓީނާގެ ޓީމް ތަށްޓާއެކު ގައުމަށް، އުފާފާޅުކުރުންތައް ދެމިގެންދާނެ

މުޙައްމަދު ޝަމްޢޫން

ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ، ތަށްޓާއެކު އެނބުރި ގައުމަށް ގޮސްފިއެވެ.

އާޖެންޓީނާ މިއަދުގެ ވަގުތެއްގައި ބުއެނޯސް އައިރެސްއަށް ގޮސްފައިވާ އިރު، ތަށްޓާއެކު ފުރަތަމަ ފޭބީ ކެޕްޓަން ލިއޮނަލް މެސީއާއި ކޯޗު ލިއޮނަލް ސްކަލޯނީ އެވެ. އެއާޕޯޓުން ޓީމަށް ވަނީ ރަތް ދޫލައިގެ މަރުހަބާ ކިޔައިފައެވެ.

އާޖެންޓީނާގެ އުފާފާޅުކުރުންތައް އެގައުމުގައި ރަސްމީކޮށް އަދި ފަށާފައި ނުވި ނަމަވެސް، ފައިނަލް މެޗު ނިމުނުއިރުން ފެށިގެން މަގުތަކަށް އެތައް ހާސް ބަޔަކު ޖަމާވެ އުފާފާޅުކުރަމުން ދެއެވެ. ހާއްސަކޮށް އިއްޔެގެ ވަގުތުގައި ބުއެނޯސް އެއިރެސްގެ އޮބެލިސްކޯ ކައިރިއަށް އެތައް ލައްކަ ބަޔަކު އެއްވެ އުފާފާޅުކޮށްފައިވެއެވެ.

އާޖެންޓީނާގެ ޓީމު އެއާޕޯޓުން އެގައުމުގެ އެފްއޭގެ ހެޑްކުއާޓާސްއަށް ދިޔަ މަގުމަތީގައިވެސް އެތައް ހާސް ސަޕޯޓަރުންނެއް ވަނީ ކުޅުންތެރިންނަށް މަރުހަބާ ކިޔަން މަގުތަކަށް އެއްވެފައެވެ. ގައުމީ ކުލަތަކުން ހެދުން އަޅައި، ދިދަތައް ހިފައިގެން ސަޕޯޓަރުން ބަސް ހުއްޓުވަންވެސް މަސައްކަތް ކޮށްފައިވާ އިރު، ބަސް މަގުތަކުން ދަތުރު ކޮށްފައި ވަނީ ޕޮލިސް އެސްކޯޓް ކޮށްގެންނެވެ.

އާޖެންޓީނާ ޓީމު މިވަގުތު މަޑުކުރާނީ އެފްއޭގެ ހެޑްކުއާޓާގައެވެ. ރަސްމީ ޓްރޮފީ ޕެރޭޑާއި އުފާފާޅުކުރުމުގެ އިވެންޓްތައް މިއަދުގެ ހަވީރު ވަގުތެއްގައި ފަށަން ތައްޔާރުވެފައި އޮތް އިރު، މިއަދަކީ ގައުމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.

އާޖެންޓީނާގެ އުފާފާޅުކުރުންތަކުގައި އެގައުމުގެ ލެޖެންޑަރީ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވާނެއެވެ. އެހެން ނަމަވެސް ޕަބްލިކް އުފާފާޅުކުރުންތަކުގައި ގައުމުގެ ރައީސް އަލްބާޓޯ ފެނާންޑޭޒް ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ރިޔާސީ ގަނޑުވަރުގައި އަލްބާޓޯ ޓީމާ ބައްދަލުކުރައްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

އާޖެންޓީނާގެ އުފާފާޅުކުރުންތައް ބުއެނޯސް އައިރޭސްގައި ފެށުމަށް ވަގުތު ކުޑަތަންވަމުން އަންނަ އިރު، މިހާރުވެސް ޕާކްތަކުގައި އެތައް ބަޔަކު ވަނީ ކޭމްޕް ކޮށްފައެވެ. ކޫލަރުތަކާއި ޕިކްނިކް ގޮނޑިތައް، އަދި ބްލޭންކެޓްތަކާއެކު އެތައް ބަޔަކު އުފާފާޅުކުރަމުން އަންނައިރު، މިއީ 36 އަހަރަށްފަހު އެގައުމަށް ވޯލްޑް ކަޕް ތަށި ލިބުނު ފުރުތަމަ ފަހަރެވެ.

މިފަހަރުގެ ތަށްޓާއެކު އާޖެންޓީނާއަށް ޖުމުލަ ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރެވިފައިވާ އިރު، މި ތަށި އެންމެ ހާއްސަ ވަނީ އުމުރުން 35 އަހަރު މެސީއަށެވެ. މީގެ ކުރިން އެތައް ފައިނަލެއްގައި ބަލިވެ، ގައުމީ ޓީމުގެ މާޔޫސްކަމާ ކުރިމަތިލާން ޖެހުނު މެސީ ވަނީ މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ގައުމީ ޓީމާއެކު ކާމިޔާބުކޮށް، މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

އާޖެންޓީނާއިން މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރީ ފައިނަލްގައި 2018 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފައެވެ.