ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް ޖަޕާނު ސަރުކާރުން ރާއްޖެއަށް 83 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމަށް 5.4 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވަނީ އެއްބަސްވެފަ އެވެ. އެއީ ގާތްގަނޑަކަށް 83.1 މިލިއަން ދިވެހި ރުފިޔާ އެވެ. އެ ފައިސާ ދެނީ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ހިންގާ ޕްރޮގްރާމުގެ ދަށުންނެވެ.

ކުނި ބަލަހައްޓަން ރާއްޖެއަށް ޖަޕާނުން ފައިސާގެ އެހީ ދިނުމަށް އެއްބަސްވެފައި މި ވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކައި ޝުންސޫކޭ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުގެ ތެރެއިންނެވެ. އޭނާ ރާއްޖެ ވަޑައިގަތީ ރާއްޖެއާއި ޖަޕާނު ސަރުކާރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 55 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހާރިޖީ އޮފީހުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޝުންސޫކޭ އެވެ.