ހދ. ނޮޅިވަރަމުގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު 28އ، ގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓައި ދަންޖެހިގެން ފަރުވާ ދެނިކޮށް މަރުވި އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯޒީވިލާ، އަބޫބަކުރު ފައިސަލް 32އ، ހަށިގަނޑު އާއިލާއާ ހަވާލުކޮށްފިއެވެ.

ފައިސަލް ބަންދުކޮށްފައި ހުރި ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަންގެ ގޮޅި ތެރޭގައި ދަންޖެހެން މަސައްކަތް ކުރަނިކޮށް ފުލުހުންނަށް ފެނުނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެތަނުން އޭނާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދެމުން ދިޔައީ އައިސީޔޫގެ ވެންޓިލޭޓަރުގައެވެ.

ފަރުވާދެމުން ދަނިކޮށް ފައިސަލް މަރުވެފައިވަނީ މިއަދު 8:28 ހާއިރެއެވެ.

ފުލުހުން މިރޭ ބުނީ ފައިސަލްގެ ހަށިގަނޑު މާލެ ގެނައުމަށްފަހު މިރޭ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފައިސަލްގެ ކަށު ނަމާދު މިރޭ 11:30ގައި އާސަހަރާގައި ވަނީ ކޮށްފައެވެ.

ނިޝާމާގެ މަރުގެ ތުހުމަތުވާ ފައިސަލް ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވުމުން ފުލުހުން އޭނާ ހައްޔަރުކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އަދި އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ދިނެވެ.