ވޯލްޑްކަޕްގެ ފައިނަލް މެޗުގައި އާޖެންޓީނާގެ ފުރަތަމަ ގޯލާއި ތިންވަނަ ގޯލް ޖަހައިދިނީ ކެޕްޓަން ލިއޯ މެސީއެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ވައްދައިލީވެސް މެސީއެވެ. ތަށި ހަވާލު ކުރުމުގެ ކުރިން ފީފާގެ ރައީސް ޖިއާންނި އިންފަންޓީނޯ އާއި ގަތަރުގެ އަމީރު ޝައިޚު ތަމީމް ބިން ހަމަދު ބިން ޚަލީފާ އާލްޘާނީ، އާޖެންޓީނާގެ ޖޯޒީގެ މަތިން މެސީގެ ގައިގައި ލައްވައިދެއްވީ ކޮން އެއްޗެއް ބާވައެވެ. އެއީ ބިޝްތެކެވެ. އެއީ ސަގާފީގޮތުން އަރަބި އަމީރުންގެ އިއްޒަތް ފުރިހަމަކޮށްދޭ ޚާއްސަ އެއްޗެކެވެ. ގަދަރުވެރިކަމާއި ޝަރަފާއި އިއްޒަތް ރަމްޒުކޮށްދޭ އެއްޗެކެވެ. ކޮންމެއަކަސް މި އެއްޗެއްގެ ސަބަބުން މެސީގެ އާޖެންޓީނާ ޖޯޒީގެ ބޮޑުބައެއް ވަނީ ފޮރުވިފައެވެ. ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން މެސީ ފެނުނީ އަރަބި އަމީރެއްގެ ސިފައިގައެވެ. މިކަން ބޮޑުކޮށްލައިގެން ހުޅަނގުގެ މީހުން ވަރަށް ބޮޑަށް ވާހަކަ ދައްކަމުން އެބަގެންދެއެވެ.
ބީބީސީ ޓީވީގައި ވާހަކަ ދައްކާންތިބި ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ތެރެއިން އާޖެންޓީނާގެ ކުރީގެ ތަރިއެއް ކަމަށްވާ ޕަބްލޯ ޒަބަލޭޓާ ބުންޏެވެ. އެއީ ކީއްކުރަން ކުރިކަމެއް ބާވައެވެ. އާޖެންޓީނާގެ ފަޚުރިވެރި ޖޯޒީ ފޮރުވާންޖެހޭ ސަބަބެއް ނެތެވެ. އިންގްލެންޑުގެ ކުރީގެ ފޯވާޑް ގެރީ ލިނެކަރ ބުންޏެވެ. ފެނިގެން އެދިޔައީ ވަރަށްވެސް ލަދުވެތި އަމަލެކެވެ. ގަތަރާއި ފީފާއިން މެސީގެ އާޖެންޓީނާ ޖޯޒީ މުޅިން ފޮރުވައިފިއެވެ. އިންގްލެންޑުގެ ކުރީގެ ފޯވާޑް އެލަން ޝިއަރަރ ބުންޏެވެ. ލުބުނާނުގެ އަރަތްބަކާ އިނދެގެން އުޅޭ އިންފަންޓީނޯ ހާދަހާ ބޮޑަށް މެސީވެގެން އުޅޭ ދުވަހެކެވެ. އޭނާ ދޫކޮށްލާންވެސް ނޫޅެއެވެ. މީގެ ޖަވާބުގައި ލިނެކަރ ބުންޏެވެ. މުޅި މެޗުގައި ފްރާންސަކުންވެސް އެވަރަށް މެސީ މާކެއް ނުކުރެއެވެ. ލީނާގެ ފިރިމީހާ މިއަދު މެސީ ދޫކޮށްލާނޭހެން ހިޔެެއް ނުވެއެވެ.
އެއީ ޓީވީތަކަށް އަރައިތިބި ތަޖުރިބާކާރުންގެ ބަސްމަގު ހުރިގޮތެވެ. މަލާމާތްކުރުން ހުރިގޮތެވެ. އަނެއްބަޔަކު ބުންޏެވެ. އިނާމު ދިނުމުގެ ރަސްމިއްޔާތު ގަތަރުން އެއޮތީ މުޅިން ގަޑުބަޑުކޮށް އަރަބިކޮށްލައިފައެވެ. މެސީވެސް އަރަތްބަކަށް ހަދައި މުޅި މަންޒަރު އަމިއްލަކޮށްފައެވެ. ފަހުން މި ފޮޓޯ ބަލާ ކޮންމެ މީހަކުވެސް ހަނދާންވާނެއެވެ. މިއީ ގަތަރުގައި ބޭއްވި އަރަބީންގެ ވޯލްޑްކަޕެވެ. މިއީ އަރަބީންގެ ފަހަރެވެ. މިގޮތް ކަމަކު ނުދެއެވެ. ފީފާގެ ރައީސް އިންފަންޓީނޯވެސް އެހެރީ އަރަބީން ބޭނުންވާހައި ކަމަކަށް ދީލާލައިގެންނެވެ. އަރަބީންނަށް ވިކިފައެވެ. މިޒާތަކުން ފީފާޔާއި ގަތަރަށް ނުކިޔާކަށް އެއްޗެއް ނެތެވެ. ނުކުރާކަށް މަލާމާތެއް ނެތެވެ. ގަތަރުން ކުރި އެއްވެސް ކަމެއް، ރީތި މޮޅު ކަމެއްގެ ގޮތުގައި ބަލައިގަންނަން އެމީހުން ބޭނުމެއް ނުވެއެވެ. އެހެންވީމާ ބިޝްތު ވެސް ލަދު އެއްޗަކަށް ހެދީއެވެ.
ބަޔަކު އަދި ކޮންމެ އެއްޗެކޭ ކިޔަސް ގަތަރަކުން މަނާކަމެއް ނުކުރެއެވެ. ކުރަން ނުޖެހޭ ކަމެއްވެސް ނުކުރެއެވެ. ގަތަރުގެ އަމީރާއި ފީފާގެ ރައީސް އެއްވެސް ކަމެއް މެސީއަށް މަޖުބޫރެއް ނުކުރައްވައެވެ. ބިޝްތުލުމަކީ މެސީގެ އަމިއްލަ އިޚުތިޔާރުގައި ނިންމި އަމިއްލަ ނިންމުމެކެވެ. މެސީ ހުރީ އަރަބި ގައުމެއްގައެވެ. ބިޝްތުލުމަކީ އެގައުމުގައި ނުހަނު ބޮޑު އިއްޒަތަކާއި ޝަރަފެކެވެ. އެ ޝަރަފު އޭނާ ހިތުން ރުހުމުން އުފަލުގައި ލިބިގަތީއެވެ. ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ލާނޭ އެއްޗަކާއި ނުލާނޭ އެއްޗެއް ނިންމާނީ މެސީއެވެ. އެއީ އޭނާގެ އަމިއްލަ ކަމެކެވެ. އަރަބި ބިޝްތެއް ލައިގެން ހުންނަން ނިންމީމާ އެކަމަށް ފާޑުކިޔައި ޖޯކުޖަހަންވީ އެއްވެސް ސަބަބެއް ނެތެވެ. ތެދެކެވެ. މިއީ މީގެކުރިން އެއްވެސް ވޯލްޑްކަޕަކުން ފެނިފައިވާ މަންޒަރެއް ނޫނެވެ. އަބަދުވެސް ކުޅުންތެރިން ތިބެނީ ގައުމީ ޖޯޒީގައެވެ. އެކަމަކު އެއީ ގަވާއިދެއްގައި ލިޔެގެން ކުރާކަމެއް ނޫނެވެ.
އާޖެންޓީނާގެ ޖޯޒީއަކީ ދުނިޔޭގައި އެންމެ މަޝްހޫރު އަދި އެންމެ މަގްބޫލު އެއް ޖޯޒީއެވެ. ތަށި ލިބިގަތުމުގެ ރަސްމިއްޔާތުގައި މީގެކުރިން އާޖެންޓީނާގެ ކެޕްޓަނުން ފެނިފައިވަނީ މުޅިންވެސް އެމީހުންގެ ހޯމްކިޓްގައެވެ. ކުއްލިއަކަށް އަރަބި ބިޝްތެއްގައި މެސީ ފެނުނީމާ ބައެއް މީހުންނަށް އެކަން އައިބުވީއެވެ. މެސީއަކީ ސައޫދީ އަރަބިޔާގެ ކުޅިވަރު ޕްރޮމޯޓްކުރުމުގެ އެމްބެސެޑަރެއްކަން ގިނަބަޔަކަށް ނޭނގެއެވެ. އަރަބި ކުޅިވަރު ދުނިޔެއަށް ދެއްކުމުގައި އޭނާގެ ބައިވެރިވުން އޮންނަ ގޮތަށް ކޮންޓްރެކްޓެއް ހަދައިގެންހުރި މީހެއްކަންވެސް ނޭނގެއެވެ. އަދި މެސީގެ ކުލަބްކަމަށްވާ ފްރާންސްގެ ޕީއެސްޖީއަކީ ގަތަރުން ކޮންޓްރޯލްކުރާ ކުލަބެއްކަންވެސް ހަނދާނެއް ނެތެވެ. މިހުރިހާކަމަކަށް ރިއާޔަތްކުރާއިރު ގަބޫލުކުރެވެނީ އަރަބި ބިޝްތެއް ލުމަކީ މާކުރިންވެސް މެސީ އެއްބަސްވެ އަދި އާޖެންޓީނާގެ އެސޯސިއޭޝަނުންވެސް ރުހުންދީފައިވާ ކަމެއް ކަމުގައެވެ.
ގަތަރުގެ އަމީރަކު މީހެއްގެ ކޮނޑުމަތީގައި އަރަބި ބިޝްތެއް ބޭއްވެވުމަކީ އެމީހަކަށް ލިބޭނޭ އެންމެ ބޮޑު ޝަރަފެވެ. އެއީ ކޮންމެ ކޮންމެ މީހެއްގެ ނަސީބުގައިވާ ޝަރަފެއް ނޫނެވެ. ގަތަރުން އެބަލައިގަތީ މެސީއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަމެވެ. ފުޓްބޯޅައިގެ އަމީރުކަމެވެ. މިޒަމާނުގައި އެކިޔާ ގޯޓްކަމެވެ. އެހެންވީމާ މެސީ އެޝަރަފު ބަލައިގަތީ އުފަލުންނެވެ. ޒަބަލޭޓާއަކަސް، ލިނެކާރއަކަސް އެދައްކަނީ މުޅިން ހޮޅިވާހަކައެވެ. ގަތަރަކުން ލަދުވެތިކަމެއް ނުކުރެއެވެ. ގަތަރުން އެކުރީ ޝަރަފުވެރި ކަމެކެވެ. ވޯލްޑްކަޕްގެ ތަށި ދިނުމުގެ ރަސްމިއްޔާތަށްވުރެ ބޮޑު އެހެން ރަސްމިއްޔާތެއް ކުޅިވަރުގެ ދުނިޔޭގައި ނުވެއެވެ. އެ ރަސްމިއްޔާތުގައި ފުޓްބޯޅައިގެ ގޯޓްކަމުގެ ރަސްމީ ބިޝްތު ގަތަރުގެ އަމީރުގެ އަތްޕުޅުން ލިބުމަކީ އެންމެ ބޮޑު ޝަރަފެވެ. މިނޫންގޮތަކަށް އެކަން މާނަކުރާނީ އަރަބީންގެ ސަގާފަތު ނުދަންނަ މީހެކެވެ.