ފްރާންސްގެ ފޯވަޑް، ކަރިމް ބެންޒެމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފިއެވެ.

މިއަދަކީ ބެންޒެމާގެ 35 ވަނަ އުފަން ދުވަހެވެ. ބެންޒެމާ ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާންކުރީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ. ބެންޒެމާ މިފަހަރުގެ ވޯލްޑް ކަޕްގައި ގައުމީ ޓީމާއެކު ކުޅެން ތައްޔާރުވަމުން ދަނިކޮށް، އަނިޔާވީ ވޯލްޑް ކަޕަށް އެންމެ ދުވަހަކަށްވެފައި ވަނިކޮށެވެ.

ބެލޮންޑިއޯ ހޯދި ބެންޒެމާއަށް ލިބުނު އެ އަނިޔާއިން ރިކަވާވެ، މިހާރު އަނެއްކާވެސް ކްލަބު ރެއާލް މެޑްރިޑްގެ ތަމްރީނުތަކަށް ނުކުމެފައިވާ އިރު، ފައިނަލް މެޗުގެ ކުރިން ފެތުރިގެންދިޔަ ހަބަރަކީ ބެންޒެމާ އަލުން ސްކޮޑަށް ގެންދަން ކޯޗު ޑިޝޭމްޕްސްއަށް ފުރުސަތު އޮތް ވާހަކައެވެ. އެއީ ބެންޒެމާގެ ބަދަލުގައި އިތުރު ކުޅުންތެރިޔަކު ސްކޮޑުގައި ނުޖަހާ އޮތުމުން ކަމަށް ނޫސްތައް ބުންޏެވެ. އެ ފުރުސަތަށް ބެންޒެމާ ބޭނުންވި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ އިރު، މީގެ ކުރިން ޑިޝޭމްޕްސް ވަނީ އެ ވިސްނުން ނުގެންގުޅޭނެ ކަމަށް ބުނެފައެވެ.

ބެންޒެމާގެ ފްރާންސް ކެރިއަރުގައި އޭނާއަށް ބައެއް އުނދަގޫތައް ކުރިން ކުރިމަތިވެފައިވެއެވެ. އެގޮތުން ޓީމަށް ކުޅެމުންދިޔަ މެތުއު ވަލުބުއޭނާ ބްލެކްމެއިލް ކުރި ކަމަށް ބުނާ މައްސަލައެއްގައި ބެންޒެމާއަށް ގައުމީ ޓީމުން ފަސް ވަރަކަށް އަހަރު ދުވަސް ގެއްލުނެވެ. އޭގެ ފަހުން އޭނާ ސްކޮޑަށް ނެގީ 2021 ވަނަ އަހަރުގައެވެ. އެއީ 2015 ވަނަ އަހަރަށްފަހު ސްކޮޑުން ބޭރުގައި ބެހެއްޓުމަށްފަހުއެވެ.

މިހާތަނަށް ބެންޒެމާ ވަނީ ފްރާންސް ގައުމީ ޓީމަށް 97 މެޗު ކުޅެ، 37 ގޯލް ޖަހައިފައެވެ.

ބެންޒެމާގެ ކްލަބު ފުޓުބޯޅަ ކެރިއަރުގައި މިދިޔަ ސީޒަނަކީ އެންމެ ކާމިޔާބު ސީޒަނެވެ. ލީގުގައި 27 ގޯލު ޖަހައި، 12 އެސިސްޓް ފުރިހަމަ ކުރި އިރު، އޭނާއަކީ މިދިޔަ ސީޒަނުގެ ޓޮޕް ސްކޯރާވެސް މެއެވެ. އޭގެ އިތުރުން ބެންޒެމާއަކީ ޗެމްޕިއަންސް ލީގުގައިވެސް 15 ގޯލު ޖަހައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭގެ ތެރެއިން 10 ގޯލަކީ ނޮކްއައުޓް ބުރުގެ މެޗުތަކުގައި ޖެހި ގޯލުތަކެވެ. ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު 10 މެޗުގައި ހަ ގޯލު ޖަހައިފައެވެ.