ގައުމީ ޓީމަށް ކުޅުން ހުއްޓާލަން އަދި ނުނިންމާ ކަމަށާއި، ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި ގައުމީ ޓީމު ތަމްސީލުކުރަން ބޭނުންވާ ކަމަށް އާޖެންޓީނާގެ ކެޕްޓަން، ސުޕަ ސްޓާރު ލިއޮނަލް މެސީ ބުނެފިއެވެ.

ފްރާންސާ ދެކޮޅަށް އާޖެންޓީނާ ރޭ ކުޅުނު ގަތަރު ވޯލްޑް ކަޕް 2022 ގެ ފައިނަލް މެޗު ފެނިގެން ދިޔައީ އާދަޔާހިލާފު ފޯރިގަދަ ކޮށެވެ. ލުސައިލް އައިކަނިކް ސްޓޭޑިއަމްގައި ފެނިގެން ދިޔައީ ފުރިހަމަ ފުޓުބޯޅަ ފައިނަލެކެވެ. އާޖެންޓީނާއިން ފުރަތަމަ ދެ ގޯލު ޖަހައި ލީޑެއް ނެގި ނަމަވެސް، ފަހުވަގުތު ފަހަތުން އަރައި ފްރާންސް ޖެހި ދެ ގޯލާއެކު މެޗު އިތުރު ވަގުތަށް ދިޔައީ 2-2 އިން އެއްވަރު ވެގެންނެވެ. އެ ނަތީޖާއާއެކު އިތުރު ވަގުތަށް ގޮސް، މެޗު އަނެއްކާވެސް 3-3 އިން އެއްވަރުވެ، ޕެނަލްޓީގައި އާޖެންޓީނާ މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި މެސީ ދެ ގޯލް ޖަހައި، މި ވޯލްޑް ކަޕްގައި އޭނާ ހަތް ގޯލް ޖެހި އިރު، ރަން ބޯޅަ ލިބުނީވެސް މެސީއަށެވެ. މެސީ 2014 ގައި ރަން ބޯޅަ ހޯދާފައިވާ އިރު، މިއީ ވޯލްޑް ކަޕްގެ ރަން ބޯޅަ ދެ އަހަރަކު ކުޅުންތެރިޔަ ހޯދި ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕްގެ ކުރިން މެސީ ބުނީ މިއީ ފަހު ވޯލްޑް ކަޕް ކަމަށާއި، ކެރިއަރުގައި ގައުމީ ޓީމަށް އިތުރަށް ކުޅުމާމެދު ވަކި ގޮތެއް ނިންމާނީވެސް ވޯލްޑް ކަޕަށް ފަހު ކަމަށެވެ.

ގައުމީ ޓީމާއެކު އެތައް މާޔޫސްކަމަކާ ކުރިމަތިވި މެސީއަށް ރޭގެ ތަށި ހާއްސައެވެ. މެޗަށްފަހު އޭނާގެ ވާހަތައް ހުރި ގޮތުން އެކަން ސާފުވެސް ވިއެވެ.

"އަހަރެންގެ ހުވަފެނަކީ މިއީ. މި ތަށި. މިއަށްވުރެ އިތުރަށް ދެން ކެރިއަރުގައި އެދޭނެ އެހެން ކަމެއް ނުވެސް ނެތް. މިއީ ކެރިއަރުގައި އެންމެ ހޯދަން ބޭނުންވި ކާމިޔާބީ. އަނެއް ކަމަކަށް އަހަންނަކީ ފުޓުބޯޅައަށް އިންތިހާއަށް ލޯބިކުރާ މީހެއް. ފުޓުބޯޅަ ކުޅުމަކީ އަހަރެން ކުރާ ހިތުން، ކުރަން ބޭނުންވެގެން ކުރާ ކަމެއް. ގައުމީ ޖާޒީގައި ކުޅުމަކީވެސް އަހަންނަށް ހާއްސަ ޝަރަފެއް. ދުނިޔޭގެ ޗެމްޕިއަނެއްގެ ގޮތުގައި އާޖެންޓީނާގައި މެޗުތަކެއް ތަޖުރިބާ ކޮށްލަން އަހަރެން ބޭނުން،" މެސީ ބުންޏެވެ.

މެސީ އުމުރުން 35 އަހަރުގައި ވޯލްޑް ކަޕް ތަށި ހޯދާފައިވާ އިރު، އޭނާ ވަނީ މިދިޔަ އަހަރު ގައުމީ ޓީމާއެކު ދެކުނު އެމެރިކާގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. ކްލަބު ކެރިއަރުގައިވެސް މެސީ ވަނީ ހުރިހާ ތަށްޓެއް ކާމިޔާބު ކޮށްފައެވެ.