އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ގަތަރު ވޯލްޑް ކަޕް 2022 ގެ ރަން ބޯޅަ ހޯދައިފިއެވެ.
މެސީ އާޖެންޓީނާއާ އެކު އޭނާގެ ކެރިއަރުގެ ފުރަތަމަ ވޯލްޑް ކަޕް މިރޭ ކާމިޔާބު ކުރީ ފައިނަލްގައި ފްރާންސް ކައިރިން ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތަށް ދިޔަ އިރު، 3-3 އިން އެއްވަރުވެފައި އޮތް އިރު، ޕެނަލްޓީގައި އާޖެންޓީނާ މެޗު ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުގައިވެސް މެސީ ދެ ގޯލް ޖަހާފައިވާ އިރު، އޭނާ ވަނީ ފައިނަލާ ހަމައަށް އާޖެންޓީނާ ގެންދަން ފަސް ގޯލް ޖަހައިދިނީ ހަތަރު މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.
މިރޭގެ ފައިނަލް މެޗުގައިވެސް މެސީ ދެ ގޯލް ޖަހައިދީފައިވާ އިރު، އޭނާ ވަނީ މި ވޯލްޑް ކަޕްގައި ހަތް ގޯލް ޖަހައިފައެވެ. މެސީ، ކެރިއަރުގައި ވޯލްޑް ކަޕްގެ 13 ގޯލް މިހާތަނަށް ޖަހާފައިވާ އިރު، މި ވޯލްޑް ކަޕްގައި ޖެހި ގޯލްތަކާއެކު މެސީ ވަނީ އާޖެންޓީނާގެ ތާރީހުގައި އެންމެ ގިނަ ވޯލްޑް ކަޕް ގޯލް ޖެހި ކުޅުންތެރިޔާއަށް ވެފައެވެ. މެސީ ވަނީ މި ވޯލްޑް ކަޕްގައި ޑިއޭގޯ މަރަޑޯނާ އާއި ގެބްރިއަލް ބަޓިސްޓޫޓާގެ ގޯލް ޖެހުމުގެ ރެކޯޑުވެސް މުގުރާލައި، ތަފާތު ދައްކައިފައެވެ.
މެސީގެ ކެރިއަރުގައި މިހާރު ހޯދެން އޮތް ހުރިހާ ތަށްޓެއް ހޯދާފައިވާ އިރު، އާޖެންޓީނާއާ އެކު އޭނާ ވަނީ 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާއި މި ވޯލްޑް ކަޕް ހޯދައިފައެވެ. ކްލަބު ކެރިއަރުގެ ގިނަ ކާމިޔާބީތައް ހޯދީ ބާސެލޯނާގައެވެ. މިހާރު ޕީއެސްޖީއަށް ކުޅެމުންދާ މެސީ 2014 ވަނަ އަހަރުވެސް ވޯލްޑް ކަޕް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިރު، އެފަހަރު ފައިނަލްގައި ޖަރުމަނު އަތުން ބަލިވެ، އާޖެންޓީނާއަށް ވީ ނާކާމިޔާބެވެ.
މިރޭގެ ފައިނަލްގައި ފްރާންސްގެ ތަރި ކިލިއާން އެމްބާޕޭ ތިން ގޯލް ޖަހައި ހެޓްރިކް ހެދި އިރު، އެއީ 1966 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަފާސްހިސާބު ރެކޯޑުކުރަން ފެށި ފަހުން ކުޅުންތެރިޔަކު ފައިނަލްގައި ހެދި ފުރަތަމަ ހެޓްރިކެވެ. އެ ހެޓްރިކާއެކު މި ވޯލްޑް ކަޕްގައި އަށް ގޯލް ޖަހައި އެމްބާޕޭ ވަނީ ރަން ބޫޓް ހޯދައިފައެވެ.
މިފަހަރު ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ އެންޒޯ ފެނާންޑޭޒްއެވެ. މުބާރާތުގެ އެންމެމޮޅު ގޯލްކީޕަރަކީ އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒެވެ.