މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015ގެ ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލާގައި އޭނާ މަރައިލިކަމުގެ ކުށް، ލ. މުންޑޫ/ ބީޗުވިލާ، އަލީ ޝިފާމް (29އ) އާއި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ) ގެ މައްޗަށް ސާވބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ޝަނޫންއާއި ސިފާމްގެ މައްޗަށް ދައުލަތުން އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. އަދި ޝަނޫންގެ މައްޗަށް ބިރު ދެއްކުމާއި މާރާމާރީ ހިންގުމުގެ ދައުވާވެސް އުފުލިއެވެ.
މި މައްސަލާގައި ކުރިމިނަލް ކޯޓުގައި މިއަދު އޮތް އަޑު އެހުމުގައި ބުނެފައި ވަނީ، ޒިޔަދަމް މަރާލާފައި ވަނީ މަސްކަނޑާ ވަޅިއަކުން ބުރަކައްޓަށާއި ފަލަމަސްގަނޑަށް ދިން ހަމަލާގެ ސަބަބުން ކަމަށެވެ. އަދި ޒިޔަދަމް މަރާލި ރޭ ސިފާމްގެ ކޮއްކޮއާއި ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މިއަދުގެ އަޑުއެހުމުގައި މި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ ދައުލަތުން ހުށަހެޅި ކިތާބީ ހެކިތަކުންނާއި ޝަފަވީ ހެކިތަކުން ޝަނޫނުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކަމަށެވެ. އަދި ސިފްހާމްގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާ ކަމަށް ވިދާޅުވިއެވެ.
މި މައްސަލާގައި ދެން އޮންނާނީ ވާރިސުންގެ ބަސްނެގުމެވެ. އެހެންކަމުން ވާރިސުންގެ ބަސްނެގުމަށް އެ ފަރާތްތައް ޝަރީއަތަށް ހާޒިރުކުރުމަށް ގާޒީ ވަނީ މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތެއް ދައުލަތަށް ދީފައެވެ.
މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ، ޒިޔަދަމްގެ ވާރިސުންގެ ބަސް ނެގުމަށްފަހު، މި މައްސަލާގައި އަދަބާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް 10 ދުވަސް ތެރޭގައި އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވުމަށްފަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު