ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުޅޭ ގަތަރު ވޯލްޑް ކަޕް 2022ގެ ފައިނަލް މެޗު، އެންމެ ހާއްސަވާނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށެވެ. އުމުރުން 35 އަހަރުގެ މެސީ، ކެރިއަރުގައި ހޯދި ހަތް ބެލޮންޑިއޯ ގުރުބާން ކޮށް، ދުނިޔޭ ޗެމްޕިއަންކަން ހޯދަން އަނެއްކާވެސް މިރޭ ނުކުންނާނެއެވެ. މެސީ މިފަހަރު ނުކުތީ ފަހު ވޯލްޑް ކަޕަށެވެ. މާކުރިން އެކަން އިއުލާނުވެސް ކުރިއެވެ. އެހެންކަމުން މިރޭގެ ފައިނަލް މެޗަކީ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ވަދާއީ ވޯލްޑް ކަޕް މެޗެވެ. ތައްޓަށް އޮތް ހަމައެކަނި ހުރަހަކީ އެންމެފަހުގެ ޗެމްޕިއަން ފްރާންސެވެ.

މީގެ ހަތަރު އަހަރު ކުރިން 2014 ވަނަ އަހަރު، ބްރެޒިލްގައި ކުޅުނު ވޯލްޑް ކަޕްގެ ފައިނަލަށް މެސީ ނުކުތީ، އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ހަދާށެވެ. އެއީ ކެރިއަރުގައި އެކަމަށް ލިބޭނެ ފަހު ފުރުސަތު ކަމުގައި ބަލައިގެންކަންވެސް ޔަގީނެވެ. އެ ފައިނަލުގައި ޖަރުމަނު އަތުން 1-0 އިން ބަލިވެ، މެސީގެ ހިތް ކުދިކުދިވިއެވެ. އޭގެ ފަހުން ޖެހިޖެހިގެން ތިން ކޮޕާ އެމެރިކާ ފައިނަލުންވެސް މެސީއަށް ނާކާމިޔާބީއާ ކުރިމަތިވެ، 2016 ވަނަ އަހަރު ގައުމީ ޓީމުން ރިޓަޔާކުރަން ނިންމިއެވެ. އުމުރުން 29 އަހަރުގައި މެސީ އެ ނިންމުން ނިންމީ ހިތަށް ކެތްނުވެގެން ނަމަވެސް، އެ މަންޒަރުން އަރައިގަނެ، އަނބުރާ ގައުމީ ޓީމަށް ނުކުތީ އަދި އެއް ފުރުސަތު ހޯދުމަށެވެ.

މީގެ 36 އަހަރު ކުރިން ޑިއޭގޯ މަރަޑޯނާ އެ ގައުމަށް ގެނެސްދިން އުފާވެރިކަން، އަލުން ގެނެސް، މަރަޑޯނާއާއި މެސީގެ ބަހުސްވެސް ނިންމާށެވެ. އެ މަގުގައި މެސީ ހުރިކަން އެނގިގެން ދިޔައީ 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އާޖެންޓީނާއަށް ހޯދައިދިނުމުގައި ދެއްކި ތަފާތުންނެވެ. އެ މުބާރާތުގައި އާޖެންޓީނާ ޖެހި 13 ގޯލުގެ ތެރެއިން ނުވަ ގޯލުގައި މެސީގެ ހިއްސާ އޮތެވެ. އެ ފޯމުގައި ވޯލްޑް ކަޕަށް ނުކުމެ، އޭނާގެ ނުރައްކާ ދަނީ ސާބިތުކޮށްދެމުންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ފެށުން އާޖެންޓީނާއަށް ދިޔައީ ގޯހުން ގޯހަށެވެ. ސައުދީ އަރަބިއާ އަތުން ބަލިވެ، އެތަކެއް ފާޑުކިޔުމަކާ ކުރިމަތިލިއެވެ. އެ މެޗަށްފަހު ކެޕްޓަން މެސީ ވައުދުވީ "އެނބުރި އަންނާނެ ކަމަށާއި، ސަޕޯޓަރުން ކެތްކޮށްފިނަމަ، ތަފާތު ދައްކާނެ،" ކަމަށެވެ. އޭގެ ފަހުން ފަހުން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު އާޖެންޓީނާއިން ކާމިޔާބުކުރިއެވެ. ގަދަ 16 ގައި އޮސްޓްރޭލިއާ ބަލިކޮށް، ކުއާޓާ ފައިނަލުގައި ނެދަލޭންޑްސްވެސް ކަޓުވާލިއެވެ. ސެމީ ފައިނަލްގައި މިދިޔަ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާވެސް ފަސޭހަކޮށް ބަލިކޮށްފިއެވެ. މެސީ މިހާތަނަށް މި ވޯލްޑް ކަޕްގައި އެކަނިވެސް ހަތަރު މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، ވޯލްޑް ކަޕްގައި 10 މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފިއެވެ.

މެސީ ފައިނަލަށް ނުކުންނާނީ ފަސް ގޯލް މި ވޯލްޑް ކަޕްގައި ޖަހައި، މަރަޑޯނާއާއި ގެބްރިއަލް ބަޓިސްޓޫޓާގެ ވޯލްޑް ކަޕް ގޯލް ރެކޯޑުވެސް މުގުރާލާފައިވާ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެ ފޯމުގައި ވޯލްޑް ކަޕްގެ އިންތިޒާރު ނިންމަން މެސީ ނުކުންނާނީ "ގޯޓް"ގެ ބަހުސްވެސް ނިންމާށެވެ. މެސީ ހިތާހިތުން އެކަން ސާބިތުކޮށްދޭން ނުކުންނަ ނަމަވެސް، އާޖެންޓީނާގެ ނަޒަރުގައި އޭނާ ދެން ސާބިތުކޮށްދޭނެ އެއްޗެއް ނުވެސް ނެތެވެ. ބަލިވިޔަސް، މޮޅުވިޔަސްހެވެ.

"ފައިނަލްގައި ބަލިވިޔަސް، މޮޅުވިޔަސް، މެސީގެ ކިބައިން ނިގުޅައިނުގަނެވޭނެ ކަމެއް އެބަ އޮތް. އެއީ އާޖެންޓީނާގެ ކޮންމެ ރައްޔިތަކަށް ގެނެސްދިން ހިތްހަމަޖެހުމާއި އުފާވެރިކަން. އެ ޖާދުވީ ވަގުތުތައް. އެއީ ވަކި އުމުރެއް ނޫން، ހުރިހާ ރައްޔިތުންނަށް،" ސެމީގެ މެޗަށްފަހު މެސީއާ އިންޓަވިއު ކުރަމުންދިޔަ އާޖެންޓީނާގެ ނޫސްވެރިޔަކު އަސަރާއެކު ބުނެފައިވެއެވެ.

އެ ނޫސްވެރިޔާގެ ވާހަކަތައް އަދި ފެނުނީ އެއަށްވުރެވެސް އިތުރަށް ޖަޒުބާތީ ކޮށެވެ.

"އާޖެންޓީނާ އެއްވެސް ކުއްޖަކު ނޫޅޭނެ މެސީގެ ޖާޒީއެއް ނެތް. އެއީ ފޭކް ޖާޒީއަކަސް، އަސްލު ޖާޒީއަކަސް، އަމިއްލައަށް ފަހައިގެންވިޔަސް، އެ ޖާޒީ ނުގެންގުޅޭނެ ކުއްޖަކު ނޫޅޭނެ. އެއީ ހަގީގަތް. ހަގީގަތުގައިވެސް، މެސީ އާޖެންޓީނާގެ ކޮންމެ ރައްޔިތެއްގެ ހިތާވެސް ކުޅެލައިފި. އެއެއް ފަނޑުވެގެން، ގެއްލިގެން ނުދާނެ،" ނޫސްވެރިޔާ މެސީއަށް ބުންޏެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީގެ ނަޒަރުގައިވެސް މެސީގެ ފަހު ވޯލްޑް ކަޕް މެޗަށް ދޭން އޮތް އިތުރު ޝަރަފެއް ނެތެވެ. މުޅި ޓީމާއި ކުޅުންތެރިން އޭނާގެ ހައްގުގައި ކުރަން އޮތް ކަމަކީ، މުޅި އާޖެންޓީނާ އުފާކުރުމަށް ތަށި ހޯދުމެވެ. އާޖެންޓީނާ އެދެނީ މެސީއަށް ތަށި ލިބުމެވެ. މުޅި ދުނިޔޭ ފުޓުބޯޅައިގެ ބޮޑު އާބާދީއެއްވެސް އެދަނީ އެކަން އެބީދައިން ވުމަށެވެ. ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނީ ބައެއް ފްރާންސް ސަޕޯޓަރުންވެސް އެކަމަށް އެދޭނެ ކަމަށެވެ.

އާޖެންޓީނާގެ ރައްޔިތުންނަށް މެސީއަށް ހިތް ދީގެން ތިބި ނަމަވެސް، މިރޭގެ ފައިނަލްގައި އަދިވެސް އޭނާއަށް ޕްރެޝަރު އޮންނާނެއެވެ. އެއީ ބަލިވިޔަސް، މޮޅުވިޔަސް އަބަދުމެ ލޯބިވާން އާޖެންޓީނާއިން ބުނި ނަމަވެސް، ބަލިވެއްޖެ ނަމަ، މެސީގެ ކެރިއަރުގައި އެ މާޔޫސްކަން ފިލައިގެން ނުދާނެތީއެވެ.