މިރޭގެ ފައިނަލަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ވޯލްޑް ކަޕެއްގައި ކުޅޭނެ ފަހު މެޗު ކަމަށާއި އެކަމުގެ ޝަރަފަކަށް އެންމެ ރަނގަޅު ގޮތަކީ ތަށި ހޯދުން ކަމަށް ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.
ކެރިއަރުގައި ހަތް ބެލޮންޑިއޯއެއް ހޯދާފައިވާ މެސީ، ވަނީ ވޯލްޑް ކަޕްގެ ކުރިންވެސް މިއީ އޭނާގެ ފަހު ވޯލްޑް ކަޕްކަން އިއުލާންކޮށްފައެވެ. އާޖެންޓީނާއާއެކު 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ހޯދި މެސީ، ކްލަބު ކެރިއަރުގައި ހުރިހާ ތައްޓެއް ހަމަކޮށްފައިވާ އިރު، އޭނާގެ ކެރިއަރުގައި މިހާރު މަދުވަނީ ވޯލްޑް ކަޕެއް އެކަންޏެވެ. 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާއާއެކު މެސީ ދިޔަ ނަމަވެސް، އެ ފަހަރު ނާކާމިޔާބުވީ ޖަރުމަނު އަތުން 1-0 އިން ބަލިވެގެންނެވެ.
"މިއީ މެސީ ގައުމީ ޖާޒީގައި ކުޅޭނެ ފަހު މެޗު ކަމަށް ބަލައިގެން ނުކުންނަމާ ހިނގާ. އޭނާއަށް ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ ތަށި ނެގުން. ވޯލްޑް ކަޕެއްގެ ތައްޓަކީ މެސީގެ ކެރިއަރުގައި ހައްގުވާ ޝަރަފެއް. އެކަން ކޮށްގެން އެ އުފަލުގައި މުޅި ގައުމު ބައިވެރިވުން އެއީ އަހަރެން އެދޭ ގޮތަކީ،" މެސީއާއެކު ކުރިން ގައުމީ ޓީމަށް ކުޅުނު، އުމުރުން 44 އަހަރުގެ ސްކަލޯނީ ބުންޏެވެ.
ސްކަލޯނީ ބުނީ އާޖެންޓީނާއާއި ފްރާންސްގެ ކުރިމަތިލުމަކީ ކިލިއަން އެމްބާޕޭއާއި މެސީގެ ކުރިމަތިލުމެއް އެކަނި ކަމަށް ނުބެލޭނެ ކަމަށާއި އެއީ ތާރީހުންވެސް އެއަށްވުރެ ބޮޑު ކުރިމަތިލުމެއް ކަމަށެވެ.
"މިއީ މެސީއާއި އެމްބާޕޭގެ ކުރިމަތިލުމަކަށްވުރެ ބޮޑު ކުރިމަތިލުމެއް. މިއީ އާޖެންޓީނާއާއި ފްރާންސްގެ ކުރިމަތިލުމެއް. ތާރީހުން މި ކުރިމަތިލުމަށް އެއަށްވުރެ ބޮޑު ވާދަވެރިކަމެއް ގެނެސްދޭ. މެޗުގައި ނަތީޖާ ނެރޭނެ ފެންވަރުގެ އިތުރު ކުޅުންތެރިންވެސް އެބަ ތިބި ދެ ޓީމުގައިވެސް. އެމްބާޕޭ ހުއްޓުވަން ޓީމުން އެކުގައި މަސައްކަތްކުރަން ޖެހޭނެ. އެމްބާޕޭ އެކަންޏެއްވެސް ނޫން ފްރާންސަކީ،" ސްކަލޯނީ ބުންޏެވެ.
ސްކަލޯނީ ބުނީ އޭނާގެ އަތުގައި ގޭމް ޕްލޭނެއް އެބަ އޮތް ކަމަށާއި އުންމީދަކީ ޕެނަލްޓީގެ ހިތްދަތިކަމަށް ނުގޮސް، މެޗު ނެގޭނެ ގޮތެއް ފެނުން ކަމަށެވެ.
އާޖެންޓީނާއާއި ފްރާންސް ވާދަކުރާ ފައިނަލް މެޗު މިރޭ އޮންނާނީ 8:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022