އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ކެރިއަރުގައި ވޯލްޑް ކަޕެއް ލިބުމަށް އާޖެންޓީނާ ސަޕޯޓަރުންގެ އިތުރުން ދުނިޔޭގެ އެތައް ބަޔަކު އެދެމުންދިޔަ ނަމަވެސް، އެކަމަށް ވިސްނައި ފްރާންސުން ފޯކަސް ގެއްލުވާ ނުލާނެ ކަމަށް ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.

ފްރާންސުން ޖެހިޖެހިގެން ދެވަނަ ވޯލްްޑް ކަޕެއްގެ ފައިނަލަށް ތައްޔާރުވަމުން އަންނަ އިރު، އެ ޓީމުން ނުކުންނާނީ ތަށި ދިފާއުކުރުމަށެވެ. މީގެ ކުރިން އެންމެފަހުން ވޯލްޑް ކަޕް ތަށި ދިފާއުކޮށްފައި ވަނީ ބްރެޒިލުންނެވެ. އެއީ މީގެ 60 އަހަރު ކުރިން ޕެލޭއާ އެކުގައެވެ. އެ ތާރީހު ލިޔެލަން ފްރާންސުން ނުކުންނަ އިރު، އެ ޓީމާ އިދިކޮޅަށް ނުކުންނަ އާޖެންޓީނާގެ ހުރިހާ ފޯކަސްއެއް އޮތީ މެސީއަށެވެ.

ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، މެސީގެ ކެރިއަރުގައި މަދުވަނީވެސް ވޯލްޑް ކަޕެކެވެ. 2014 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލްގައި އާޖެންޓީނާއާއެކު ކުޅެ، މެސީއަށް ނާކާމިޔާބީއާ ކުރިމަތިވާން ޖެހިފައިވަނީ ޖަރުމަނު އަތުން ބަލިވެގެންނެވެ. މިރޭ ނުކުންނާނީ ފަހު ވޯލްޑް ކަޕްގެ ފަހު މެޗަށެވެ.

"އަހަންނަށް އެނގޭ އާޖެންޓީނާއާއި އެހެން ބައެއް ގައުމުތަކުގެ މީހުން އަދި ބައެއް ފްރާންސް ސަޕޯޓަރުންވެސް މެސީއަށް ވޯލްޑް ކަޕް ލިބޭނެ ކަމަށް އުންމީދުކުރާނެ ކަމަށް. އެކަމަކު އެކަމަށް ފޯކަސް ގެއްލުވާނުލައި، އަހަރެމެން ކުރަން ބޭނުންވާ ކަންތައް ހާސިލުކުރަން މަސައްކަތް ކުރާނަން،" ޑިޝޭމްޕްސް ބުންޏެވެ.

ފްރާންސްގެ ކޭމްޕް ތެރޭގައި ރޯގާ ހުން ފެތުރި، ހުކުރު ދުވަހުގެ ތަމްރީނުތަކަށް ބައެއް ކުޅުންތެރިންނަށް ނުނިކުމެވުނު ކަމަށް ހަބަރުތައް ބުނެފައިވާ އިރު، ޑިޝޭމްޕްސް ބުނީ ކުޅުންތެރިންގެ ހާލަތު މެނޭޖުކުރަން މަސައްކަތްކުރާ ކަމަށާއި މި ވަގުތު އެންމެ މުހިއްމު ކަމަކީ ހާސްވެ ކަންބޮޑު ނުވުން ކަމަށެވެ.

"އަހަރެމެން އެ ހާލަތު ރަނގަޅަށް ބަލައި، މެނޭޖުކުރުމަށް މަސައްކަތް ކުރަމުން މިދަނީ. މިއަދު ބައެއް ކުޅުންތެރިންގެ އަޕްޑޭޓްތައް ލިބޭނެ. އަދި މާދަމާވެސް ވަރަށް ރަނގަޅަށް އެކަންކަން ބަލަމުންދާނަން. މުހިންމު މެޗަށް އެކަނި މިވަގުތު ފޯކަސް ހުރީ. ބަލީގެ ކަންތަކުގައި މާބޮޑަށް ހާސްވެ ކަންބޮޑުވެގެން ނޫޅެވޭނެ،" ޑިޝޭމްޕްސް ބުންޏެވެ.

އުމުރުން 54 އަހަރުގެ ޑިޝޭމްޕްސް އިތުރަށް ބުނީ ފްރާންސްގެ ކޯޗުކަމުގައި ދޭތެރޭވެސް އަދި ވަކި ގޮތަކަށް ނުވިސްނަން ކަމަށާއި މިވަގުތު ފޯކަސް ހުރީ ހަމަ އެންމެ ކަމަކަށް ކަމަށެވެ. އެއީ ވޯލްޑް ކަޕްގެ ތަށި އަނެއްކާވެސް އެ ގައުމަށް ހޯދައިދިނުމަށް ކަމަށް ބުންޏެވެ.

މިރޭ ވޯލްޑް ކަޕްގެ ތަށި ޑިޝޭމްޕްސް އުފުލާލައިފިނަމަ، އޭނާ ވެގެންދާނީ ވޯލްޑް ކަޕެއްގެ ތަށި ދިފާއުކުރާ ދެވަނަ ކޯޗަކަށެވެ. މީގެ ކުރިން އިޓަލީން 1934 އަދި 1938 ވަނަ އަހަރު ޖެހިޖެހިގެން ވޯލްޑް ކަޕް ހޯދި އިރު، އެޓީމުގެ ކޯޗަކީ ވިޓޯރިއޯ ޕޯޒޯއެވެ.

ފްރާންސާއި އާޖެންޓީނާ ވާދަކުރާ ވޯލްޑް ކަޕްގެ ފައިނަލް އޮންނާނީ މިރޭ 8:00 ގައެވެ.