ކުޅުންތެރިއެއްގެ ކެރިއަރު ނިންމާލައި، އަހަރެއްހާ ދުވަސް ނުވަނީސް ފޫހިވެ، ފުޓްބޯޅައިގެ ތެރެއަށް ނުކުންނަން އަލުން ބޭނުންވިއެވެ. އެއީ ފުޓްބޯޅައަށް ހުރި ލޯތްބެވެ. ފުޓްބޯޅައާ ނުލައި އުޅެން އުނދަގޫކަން ދައްކުވައިދިން ހެއްކެކެވެ. މިއީ އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީގެ ވާހަކައެވެ. ކުރިން ވެސްޓް ހަމްއަށް ކުޅުނު ސްކަލޯނީ، ކުޅުންތެރިއެއްގެ ކެރިއަރަށްފަހު އަލުން ފުޓްބޯޅައަށް ވަންނަން އޭނާގެ އުފަން ރަށް، މަލޯކާގެ އެ މެޗާ ކްލަބެއް ކަމަށްވާ ސޮން ކާލިއޫއަށްވެސް ފޯނުން ގުޅިއެވެ. ކްލަބުގެ ކުދިންނާއެކު މަސައްކަތް ކުރަންވެސް އޭނާ ތައްޔާރަށް ހުރި ކަމަށް އެ ކޯލުގައި ބުންޏެވެ. އެއީ ސްކޮލޯނީ ފުޓުބޯޅައަށް ނުކުންނަން ބޭނުންވެފައި ހުރި ވަރުންނެވެ. އެންމެ ލޯބިވާ ކުޅިވަރާ ބަހައްޓަން ބޭނުންވާ ގާތް ކަމެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް، ކެޕްޓަން ލިއޮނަލް މެސީއާއެކު ކުޅުނު ސްކަލޯނީ، 2015 ވަނަ އަހަރު ކެރިއަރު ނިންމާލައި، ޖެހިގެން އައި އަހަރު ކޮންމެވެސް ގޮތަކަށް ކޯޗިންނަށް ނުކުތެވެ. އެއީ އޭނާގެ ކޯޗިން ކެރިއަރުގެ ފެށުމެވެ. އެ ފެށުމުގެ ތެރޭގައި މަސައްކަތަށް ނުކުތްތަނުން އޭނާއަށް އިވުނު އެއް ހަބަރަކީ 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ގެއްލުމާއެކު މެސީ، ގައުމީ ޓީމުން ރިޓަޔާކުރި ހަބަރެވެ. އެ ހަބަރަކީ ސްކަލޯނީއަށް ގަބޫލުކުރަންވެސް އުނދަގޫވި ހަބަރެކެވެ. އޭނާ އޭރު ކޮށްފައިވާ ޓުވީޓުންވެސް ފުން މާނައެއް ބުނެދެއެވެ.

"މި ފޮޓޯއިން ހުރިހާ ވާހަކައެއް ބުނެދޭ. ދޫކޮށްފައި ނުދޭ ލިއޯ،" ސްކޮލޯނީ މެސީގެ ފޮޓޯއެއް ހިއްސާކޮށް 2016 ވަނަ އަހަރު ކުރި ޓްވީޓްގައި ބުނެފައިވެއެވެ. އެ ފޮޓޯ ޓްވީޓް ކުރިއިރުވެސް މިހާ އަވަހަށް އާޖެންޓީނާގެ ޓީމާ ހަވާލުވެ، އުމުރުން އެންމެ 44 އަހަރުގައި ވޯލްޑް ކަޕަށް ކޯޗެއްގެ ގޮތުގައި ނުކުންނަން ޖެހޭނެ ކަމަށް ސްކަލޯނީގެ ވިސްނުން ނުހުންނާނެކަން ޔަގީނެވެ.

މެސީގެ އެ ރިޓަޔާމަންޓަށް ހަ އަހަރު ފަހުން، މެސީ ގޮވައިގެން ސްކަލޯނީ މިރޭ ނުކުންނާނީ ވޯލްޑް ކަޕް ފައިނަލަށެވެ. އެއީވެސް މެސީއަށް "އަލުން ދިރުމެއް،" ގެނެސްދީ ފޯމުވެސް އެންމެ ރަނގަޅަށް ފައްކާ ކޮށްގެންނެވެ. ސްކަލޯނީއާއެކު އާޖެންޓީނާއިން ވަނީ 28 އަހަރު ވަންދެން ތައްޓަކަށް ކުރި އުންމީދަށް ނިމުން ގެނެސްފައެވެ. އެއީ 2021 ވަނަ އަހަރުގެ ކޮޕާ އެމެރިކާ އުފުލާލައިގެންނެވެ. މެސީގެ ކެރިއަރުގައި ގައުމީ ޖާޒީގައި ހޯދި ފުރަތަމަ ބޮޑު މުބާރާތަކީވެސް އެއީއެވެ. އެ ކާމިޔާބީތަކާއެކު ސްކަލޯނީގެ "ލަ ސްކަލޮނޭޓާ،" ގެ އެރާ ފެށިގެން ދަނީ ކުރިއަށެވެ.

ސްކަލޯނީގެ އެ ކާމިޔާބު މަސައްކަތް އާޖެންޓީނާ އިން ފުރިހަމައަށް ބަލައިގަތެވެ. މެސީ ނަގާފައި މިހާރު އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ މަގުބޫލު ނަމަކީވެސް ކޯޗު ސްކަލޯނީގެ ނަމެވެ. ވޯލްޑް ކަޕްގެ ކުރިން އާ އެއްބަސްވުމެއްގައި ސޮއިކޮށް، 2026 ވަނަ އަހަރާ ހަމައަށް މަގާމުގައި ބަހައްޓަން އެފްއޭއިން ވަނީ ސްކަލޯނީއާއެކު ސޮއިކޮށްފައެވެ. އާޖެންޓީނާގެ މުބާރާތްތަކުގެ ނާކާމިޔާބީގެ ހިތިކަމުން، އާންމުކޮށް ބޮޑެތި މުބާރާތްތަކުގެ ފަހުން އެ ޓީމުގެ ކޯޗުން މަގާމުގައި ހަރުލީ މަދު ފަހަރެއްގައިވެސް މެއެވެ. މި ފަހަރު ވޯލްޑް ކަޕަށް ނުކުތް އިރު، އެންމެފަހުން ވޯލްޑް ކަޕަކަށްފަހު އާޖެންޓީނާ ކޯޗު މަގާމުގައި ހުރީ 2002 ވަނަ އަހަރުއެވެ. އެއީ މާސެލޯ ބިއެލްސާގެ ދައުރުގައެވެ.

ސްކަލޯނީއަށް އަނދިރީގައިވެސް އާޖެންޓީނާ ސަޕޯޓަރުންނާއި ކުޅުންތެރިން އިތުބާރެއް ކުރަނީ ނަތީޖާތަކުންނެވެ. މަޑުމައިތިރި މިޒާޖެއްގައި ޓީމަށް ގެންނަމުންދާ އެކުވެރިކަމުންނެވެ. ހާއްސަކޮށް މެސީގެ އެންމެ ފުރިހަމަ "ވާޝަން"އެއް ނެރުމަށް ސްކަލޯނީ ހޯދި ކާމިޔާބީއާވެސް އެކުގައެވެ.

"ހެނދުނު 10 ޖަހާއިރު ސްކަލޯނީ ބުނަންވީ އަހަރެމެން ކައިރީ މިއީ ނިދާ ގަޑިއޭ. އެ ހިސާބުން އެއީ ނިދާ ގަޑި ޖެހުނީ. އަހަރެމެންނަށް ރޭގަނޑުވީ،" އެތުލެޓިކޯ މެޑްރިޑްގެ މިޑްފީލްޑަރު، އާޖެންޓީނާގެ އިންޖީނު ރޮޑްރިގީ ޑި ޕައުލް ސްކަލޯނީއަށް ކުރާ އިތުބާރާމެދު ބުނެފައިވެއެވެ.

އާޖެންޓީނާގެ ރޫހަށް އައި އެންމެ ބޮޑު ތަފާތަކީ ކުޅުންތެރިން ދަނޑުމަތީގައި ތިބެ ބެންޗަށް ބަލާލައި ކޮންމެ ފަހަރަކު، އެ ކުޅުންތެރިން ގައުމީ ޓީމުގައި ކުރަމުންދާ ތަޖުރިބާ ކޮށްފައިވާ މޫނުތަކެއް ނެތުމެވެ. މަރަޑޯނާ ބެންޗުގައި ހުރި އިރު، އެ މަންޒަރު ނުފެންނާނެ ވާހަކައެއްވެސް ނޫނެވެ. އެކަމަކު އެ ސަމާލުކަމާ ނުލައި، ޕްރެޝަރު ކުޑަ މާހައުލެއްގައި ސްކަލޯނީއަކީ އާޖެންޓީނާއަށް ފުރިހަމަ ކޯޗެކެވެ.

"ސްކަލޯނީއާއެކު ކޯޗިން ސްޓާފުގައި ތިބީ ކުރިން އާޖެންޓީނާއަށް ކުޅުނު ޕަބްލޯ އައިމާ، ރޮބާޓޯ އަޔާލާ އަދި ވޯލްޓާ ސެމިއުލް ފަދަ ލެޖެންޑުން. އާޖެންޓީނާ ޖާޒީގައި އެ ކުޅުންތެރިން އުފުލި ބުރައާއި ވޭން އިހުސާސް ކުރެވޭނެ ކޯޗިން ޓީމެއް. އެއީ ކުޅުންތެރިންނަށް ލިބޭ އެންމެ ބޮޑު ހިތްވަރު،" ކުރިން އާޖެންޓީނާއަށް ކުޅުނު މިޑްފީލްޑަރު ލޫޗޯ ގޮންޒާލެސް ބީބީސީއަށް ބުންޏެވެ.

ލޫޗޯ ގޮންޒާލޭސްގެ ނަޒަރުގައި އާޖެންޓީނާގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހުރި ނަމަވެސް، ޓީމު އެއްކޮށް ބަރޯސާވަނީ އޭނާއަކަށް ނޫނެވެ. ގައުމެއް ކޮނޑުގައި ޖަހައިގެން ވޯލްޑް ކަޕް ހޯދުމުގެ ޒިންމާ މިހާރު މެސީއަށް ނެތުން އެއީ އާޖެންޓީނާ ފަހަކަށް އައިސް ހޯދި ކާމިޔާބީގެ އެންމެ މުހިންމު އިންގްރެޑިއަންޓް ކަމަށްވެސް ލޫޗޯ ގޮންޒާލޭސް ދެކެއެވެ. އެކަން ކުރީ ކުރިން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިން ހިމެނޭ ވިސްނުންތޫނު ކޯޗިން ޓީމަކުން ކަމަށްވެސް އޭނާ ބުންޏެވެ.

އާޖެންޓީނާގެ ކުޑަކުޑަ އަވަށެއް ކަމަށްވާ ޕޫހާޓޯއަށް އުފަން ސްކަލޯނީ ގައުމީ ޓީމާ ވަގުތީ ގޮތުން ހަވާލުވީ 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ފަހުއެވެ. ކޯޗިން ތަޖުރިބާގެ ވަރަށް ކުޑަ މިންވަރަކާއެކު ގައުމީ ޓީމާ ހަވާލުވި ސްކަލޯނީއަކީ އެ ގައުމުގެ ބަޔަކު ފުރަތަމަ އިތުބާރު ކުރި ކޯޗެއްވެސް ނޫނެވެ. ކިއެއް ހެއްޔެވެ. ލެޖެންޑް ޑިއޭގޯ މަރަޑޯނާވެސް އޭނާއަށް އިތުބާރެއް ނުކުރެއެވެ. މަރަޑޯނާގެ ނަޒަރުގައި އާޖެންޓީނާއާއެކު ސްކަލޯނީއަށް ދެވޭނީ ބައިސްކަލް ދުއްވުމުގެ މުބާރާތުގެ ވޯލްޑް ކަޕް ފައިނަލަށެވެ. ފުޓްބޯޅަ ވޯލްޑް ކަޕެއްގެ ފައިނަލަށް ސްކަލޯނީއަށް އާޖެންޓީނާ ނުގެންދެވޭނެ ކަމަށް މަރަޑޯނާ އޭރު ބުންޏެވެ.

ސްކަލޯނީގެ މިޒާޖުގެ ގޮތުން އެކަމަށް ޖަވާބުދޭން އޭނާ ބޭނުމެއް ނުވިއެވެ. ކުރިން އާޖެންޓީނާއާ ހަވާލުވެ ހުރި ކޯޗު، ހޯޒޭ ސަމްޕައޯލީގެ އެސްޓެންޓްގެ މަގާމުގައި ސްޕެއިންގެ ސެވިއްޔާއާއެކު މަސައްކަތްތަކެއް ކޮށްފައިވާ ސްކަލޯނީއަށް އެކަމަށް ދޭނެ ޖަވާބެއް ނުވެސް ނެތެވެ. ތަޖުރިބާ މަދުކަން އޭނާ އަމިއްލައަށް ގަބޫލުކުރެއެވެ. އާޖެންޓީނާ ގައުމީ ޓީމަކީ އުފަން ރަށުގެ ޒުވާން ކުދިން ތަމްރީނުކުރުން ފަދަ ޗެލެންޖެއް ނޫންކަން ސްކަލޯނީ ދަނެއެވެ. އެހެންކަމުން އެއްވެސް ފާޑު ކިޔުމަކަށް ސްކަލޯނީ ރައްދު ދީފައެއް ނުވެއެވެ.

"އަހަރެން 2006 ވަނަ އަހަރު ވޯލްޑް ކަޕްގައިވެސް ސްކަލޯނީއާއެކު ކުޅުނިން. އަހަންނަށްވެސް އޭރު އިހުސާސެއް ނުކުރެވޭ ކޯޗިންނަށް ނުކުމެ، އޭނާ އެހާ އަވަހަށް ގައުމީ ޓީމާ ހަވާލުވެދާނެ ކަމަކަށް. ހާއްސަކޮށް ތަޖުރިބާ ނެތްކަމުގެ ފާޑު ކިޔުންތައް އެހާ ބޮޑަށް އަމާޒުވެފައި އޮއްވާ އެ މަގާމުގައި ދާއިމީވާނެ ކަމަކަށް ނުވިސްނަން. އެ ހުރިހާ ވިސްނުމަކަށް ސްކަލޯނީ ޖަވާބު ދީފި. ސްކަލޯނީއަށް ކޯޗުކަން ދިނުމަކީ ފެޑަރޭޝަންގެ ސްމާޓް ނިންމުމެއް،" ލޫޗޯ ގޮންޒާލޭސް ބުނެފައިވެއެވެ.

ސްކަލޯނީގެ "ލަ ސްކަލޮނޭޓާ"ގެ މައިގަނޑު ފިލޯސަފީއަކީ އެކުވެރިކަމެވެ. ބަދަހިކަމެވެ. ސްކަލޯނީ ޓީމަށް ގެނައި ތަފާތަކީވެސް އެއީއެވެ. ސްކަލޯނީގެ ހާއްސަ އުސޫލުތަކެއް އޮވެއެވެ. ޓީމުގެ ކުޅުންތެރިޔަކު އުފަން ދުވަސް އެހެން ގައުމެއްގައި ފާހަގަކުރިޔަސް، ގައުމީ ޓީމުގެ ކުޅުންތެރިން އެ ޕާޓީއަކަށް ދާން އޭނާ ބާރު އަޅައެވެ.

އެކަމުގެ ހެއްކެކެވެ. މިޑްފީލްޑަރު ލެއާންޑްރޯ ޕަރަޑޭސް އިޓަލީގެ ޔުވެންޓަސްގައި އުފަން ދުވަސް ފާހަގަކުރި އިރު، ގައުމީ ޓީމުގެ 13 ކުޅުންތެރިޔަކު އެ ޕާޓީގައި ބައިވެރިވިއެވެ. ސްކަލޯނީވެސް ހިމެނޭނެ ހެންނެވެ. އާޖެންޓީނާގެ ކޭމްޕްގައި މިހާރު ތަފާތު ސަގާފަތެއް އަށަގެންފިއެވެ. ކޮންމެ ކެޔުމަކަށް ކުޅުންތެރިން އިށީންނާނީ އެއް މޭޒެއް ދަށުގައެވެ. ވަކިވަކި މޭޒުތަކުގައި ބައިބައިކޮށް ޓީމު މަސައްކަތް ނުކުރާނެއެވެ. އެއީ ސްކަލޯނީގެ ވިސްނުމުން އާޖެންޓީނާއަށް ގެންނަމުންދާ ބަދަހިކަމުގެ ރޫހެވެ.

ގަތަރު ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއާ އަތުން ބަލިވި ނަމަވެސް އާޖެންޓީނާ އެނބުރި އައީ އެ ސަބަބުތަކަށްޓަކައެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު އަމިއްލައަށް އާޖެންޓީނާއަކީ ފެވަރިޓުންކަން ގަބޫލުކުރެވުނީވެސް އެ ސަބަބަށްޓަކައެވެ. މަރަޑޯނާއަށްވެސް ޓީމަށް ނުގެނެސްދެވުނު އެއްޗަކީ ގައުމީ ރޫހެވެ. އެކުވެރި ބަދަހި ގުޅުމެވެ. ވޯލްޑް ކަޕެއް ނަގަން ބޭނުންވާ އެންމެ މުހިއްމު ސިފައަކީވެސް އެއީ ކަމަށްވުމާއެކު، ހުނަރާއި ކޮލިޓީއާއެކުވެ، އާޖެންޓީނާ ފައިނަލަށް ދިޔަ ދިޔުމަކީ ސްކަލޯނީ ގެންގުޅުނު އުކުޅުތަކެވެ. އެތައް ބަޔަކު ސްކަލޯނީއަށް ނުވާނެ ކަމަށް ވިސްނި ވިސްނުން ދޫކޮށް، 1986 ވަނަ އަހަރަށްފަހު ފުރަތަމަ ވޯލްޑް ކަޕް އުފުލާލަން ތައްޔާރުވެއްޖެއެވެ. ދެން އޮތީ ހަމަ އެންމެ މެޗެކެވެ. ފައިނަލް މެޗެކެވެ.