ސިންގަޕޫރުގައި، އެ ގައުމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން މިއަދު ކުޅުނު އެކުވެރިކަމުގެ މެޗު، ސިންގަޕޫރުން ކާމިޔާބު ކޮށްފިއެވެ.
މިއަދުގެ މެޗުގައި ސިންގަޕޫރުން ރާއްޖެ ބަލިކުރީ، 3-1 ގެ ނަތީޖާއަކުންނެވެ. މި ފަހަރުގެ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ރާއްޖެއިން ނުކުތީ މެލޭޝިއާއާ ދެކޮޅަށް އެގައުމުގައެވެ. މީގެ ދެ ދުވަސްކުރިން ކުޅުނު އެމެޗުގައި ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަޖުންނެވެ.
މިއަދު މެޗަށް ނެރުނު ފުރަތަމަ 11 ގައި މެލޭޝިއާ މެޗުގެ ފުރަތަމަ 11 އަށް ނެރުނު މުހައްމަދު ސަހާއު (ބޭލް)ގެ ބަދަލުގައި ހަމްޒާ މުހައްމަދު (ހަމްޕު)، ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ނެރެފައެވެ.
މިއަދުގެ މެޗުގެ ފަސްވަނަ މިނެޓުގައި ސިންގަޕޫރުން ރާއްޖެ ކޮޅަށް ގޯލް ޖަހައި ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ ސިންގަޕޫރުގެ ފޯވަޑް، އިލްހާން ފާންޑީއެވެ.
ރާއްޖޭން ކުޅުން ރަނގަޅުކޮށް އޭގެ 10 މިނެޓް ފަހުން ނަތީޖާ ހަމަހަމަކުރިއެވެ. ރާއްޖޭގެ ގޯލް ޖެހީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ. އެ ގޯލަކީ ހަމްޕު ނެގި ކޯނަރަކުން އިއްބެ ޖެހި ގޯލެކެވެ. ހަމްޕުގެ ކޯނަރުގައި އިއްބެ ބޯޅަ ގޯލަށް ވައްދާލީ ބޮލުން ޖަހައިގެންނެވެ. ރާއްޖެއިން ފުރަތަމަ ހާފުގައި ދެވަނަ ގޯލެއް ޖެހުމާ ގާތަށް ޖެހިލި ނަމަވެސް، ހަސަން ރާއިފް (ހަންނަ) ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ފުރަތަމަ ހާފު 1-1 އިން އެއްވަރުވެގެން ނިމުނު އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ސިންގަޕޫރުން ދެވަނަ ގޯލެއް ޖަހައި އަލުން ލީޑު ނެގިއެވެ. އެ ގޯލް ޖެހީ ދެވަނަ ހާފަށް ނުކުތް ޝަވަލް އަނުއާރެވެ. މެޗު ނިމެން ދަނިކޮށް، ސިންގަޕޫރުގެ ފަހު ގޯލު ވެސް ޖެހީ ޝަވަލްއެވެ.
މިއަދުގެ މެޗަކީ އިޓަލީގެ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖެ ކުޅުނު 12 މެޗުގެ ތެރެއިން ބަލިވި ފަސް ވަނަ މެޗެވެ.