ފްރާންސުން ވޯލްޑް ކަޕަށް ތައްޔާރުވަމުންދިޔަ އިރު، އެ ޓީމަށް ކުރިމަތިވި އެއް މައްސަލައަކީ އަނިޔާގެ މައްސަލަތެކެވެ. ސްކޮޑު އިއުލާންކުރުމުގެ ކުރިން މިޑްފީލްޑަރު ޕައުލް ޕޮގްބާއާއި އެންގޯލޯ ކަންޓޭއަށް އަނިޔާވި އިރު، ކޭމްޕް ކުރި ފަހުން ކްރިސްޓިފޯ އެންކުންކޫއާއި ޕްރިންސެލް ކިމްޕެމްބޭ އަދި ބެލޮންޑިއޯ ހޯދި ކަރިމް ބެންޒެމާއަށް އަނިޔާވިއެވެ. އޭގެ ތެރެއިންވެސް ކޯޗު ޑިޑިއޭ ޑިޝޭމްޕްސްއަށް ދިމާވި އެންމެ ބޮޑު މާޔޫސް ކަމަށްވީ ބެންޒެމާއަށް އަނިޔާވުމެވެ. އެއީ ފްރާންސުން ބަރޯސާވާން ޖެހިފައިވާ ކުޅުންތެރިޔަކަށްވެސް ވީމައެވެ.
އުމުރުން 34 އަހަރުގެ ބެންޒެމާ ލީގުގައި 27 ގޯލު ޖަހައި، 12 އެސިސްޓް ފުރިހަމަ ކުރި އިރު، އޭނާއަކީ މިދިޔަ ސީޒަނުގެ ޓޮޕް ސްކޯރާވެސް މެއެވެ. އޭގެ އިތުރުން ބެންޒެމާއަކީ ޗެމްޕިއަންސް ލީގުގައިވެސް 15 ގޯލު ޖަހައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭގެ ތެރެއިން 10 ގޯލަކީ ނޮކްއައުޓް ބުރުގެ މެޗުތަކުގައި ޖެހި ގޯލުތަކެވެ. ބެންޒެމާ ވަނީ މިދިޔަ ސީޒަނުގައި ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު 10 މެޗުގައި ހަ ގޯލު ޖަހައިފައެވެ. ބެންޒެމާ މި ފަހަރުގެ ވޯލްޑް ކަޕަށް ދިޔައީވެސް ފޯމު ރަނގަޅުކޮށް ހުރެގެންނެވެ.
ނަމަވެސް ވޯލްޑް ކަޕްގެ އެއް ދުވަސް ކުރިން ބެންޒެމާއަށް އަނިޔާވުމަކީ ކޯޗަށް ބޮޑު މާޔޫސްކަމަކަށްވާނެ ކަމަށް ބެލެވުނެވެ.
ބެންޒެމާއަށް ލިބުނު އެ އަނިޔާއިން ރިކަވާވެ، މިހާރު އަނެއްކާވެސް ކްލަބު ރެއާލް މެޑްރިޑްގެ ތަމްރީނުތަކަށް ނުކުމެފައިވާ އިރު، ދާދި ފަހުން ފެތުރިގެންދިޔަ ހަބަރަކީ ބެންޒެމާ އަލުން ސްކޮޑަށް ގެންދަން ކޯޗު ޑިޝޭމްޕްސްއަށް ފުރުސަތު އޮތް ވާހަކައެވެ. އެއީ ބެންޒެމާގެ ބަދަލުގައި އިތުރު ކުޅުންތެރިޔަކު ސްކޮޑުގައި ނުޖަހާ އޮތުމުން ކަމަށް ނޫސްތައް ބުންޏެވެ. އެ ފުރުސަތަށް ބެންޒެމާ ބޭނުންވި ކަމަށް ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ އިރު، މީގެ ކުރިން ޑިޝޭމްޕްސް ވަނީ އެ ވިސްނުން ނުގެންގުޅޭނެ ކަމަށް ބުނެފައެވެ. އެހެންކަމުން ފައިނަލަށްވެސް ޑިޝޭމްޕްސް އެ ވިސްނުން ނުގެންގުޅޭނެ ކަމަށް ބެލެވެއެވެ.
ކޮންމެއަކަސް އެ ހާލަތުގައި ވާހަކަތައް އޮއްވައި ބެންޒެމާ އެންމެފަހުން އިންސްޓާގްރާމްގައި ކުރި ޕޯސްޓްގެ ކެޕްޝަނުގައި ބުނެފައި ވަނީ "އަޅާނުލާނެ" ކަމަށެވެ. "އައި ޑޯންޓް ކެއާ" ޖަހާ ބެންޒެމާ އެ ކުރި ޕޯސްޓަކީ ފްރާންސް ކޯޗަށް އެއްލި ބަހެއް ކަމަށް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.
ބެންޒެމާ ކުރި އެ ޕޯސްޓުގެ ސީދާ މަގުސަދު ނޭނގުނު ނަމަވެސް، ބައެއް އިތުބާރު ނޫސްތަކުން ބުނެފައި ވަނީ އެހެން ބެންޒެމާ ބުނީ ފައިނަލަށް ސްކޮޑާ ގުޅެން ބޭނުންވެ، އެކަމަށް ކޯޗު ޑިޝޭމްޕްސް ހުރަސް އެޅުމުން ކަމަށެވެ. ނަމަވެސް އެ ހަބަރާ ގުޅޭ ގޮތުން އަދި ކޯޗު ޑިޝޭމްޕްސް ސީދާ ވާހަކަ ދައްކާފައެއް ނުވެއެވެ.
ބެންޒެމާގެ ފްރާންސް ކެރިއަރުގައި އޭނާއަށް ބައެއް އުނދަގޫތައް ކުރިން ކުރިމަތިވެފައިވެއެވެ. އެގޮތުން ޓީމަށް ކުޅެމުންދިޔަ މެތުއު ވަލުބުއޭނާ ބްލެކްމެއިލް ކުރި ކަމަށް ބުނާ މައްސަލައެއްގައި ބެންޒެމާއަށް ގައުމީ ޓީމުން ފަސް ވަރަކަށް އަހަރު ދުވަސް ގެއްލުނެވެ. އޭގެ ފަހުން އޭނާ ސްކޮޑަށް ނެގީ 2021 ވަނަ އަހަރުގައެވެ. އެއީ 2015 ވަނަ އަހަރަށްފަހު ސްކޮޑުން ބޭރުގައި ބެހެއްޓުމަށްފަހުއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022