ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ ކިލިއަމް އެމްބާޕޭ ކަމަށް ގަބޫލުކުރާ ކަމަށާއި، ފައިނަލް މެޗުގައި އޭނާ އެކަން ސާބިތު ކޮށްދޭނެ ކަމަށް ފްރާންސްގެ މިޑްފީލްޑަރު އޮރެލިއެން ޗުއެމެނީ ބުނެފިއެވެ.
ފްރާންސުން ޖެހިޖެހިގެން ދެވަނަ ވޯލްްޑް ކަޕެއްގެ ފައިނަލަށް ތައްޔާރުވަމުން އަންނަ އިރު، އެޓީމުން ނުކުންނާނީ ތަށި ދިފާއުކުރުމަށެވެ. މީގެ ކުރިން އެންމެފަހުން ވޯލްޑް ކަޕް ތަށި ދިފާއުކޮށްފައި ވަނީ ބްރެޒިލުންނެވެ. އެއީ މީގެ 60 އަހަރު ކުރިން ޕެލޭއާ އެކުގައެވެ. އެ ތާރީހު ލިޔެލަން ފްރާންސުން ނުކުންނަ އިރު، އެޓީމުން އެންމެ ބޮޑަށް ބާރޯސާ ވާނެ ކުޅުންތެރިޔަކީ މިހާތަނަށް ވޯލްޑް ކަޕްގައި ފަސް ގޯލް ޖަހާފައިވާ އެމްބާޕޭ އެވެ. އާޖެންޓީނާއާ ދެކޮޅަށް ފްރާންސުން ކުޅޭ ފައިނަލްގެ އެންމެ ބޮޑު ކުރިމަތިލުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައި ވަނީ ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ލިއޮނަލް މެސީ އާއި އެމްބާޕޭގެ ކުރިމަތިލުމެވެ. މެސީވެސް ވަނީ މިހާތަނަށް މި ވޯލްޑް ކަޕްގައި ފަސް ގޯލް ޖަހައިފައެވެ.
"އަހަންނަށް އެމްބާޕޭއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ. އެކަން އޭނާ ފައިނަލްގައި ސާބިތުވެސް ކޮށްދޭނެ. އަހަރެމެން އެންމެންވެސް އެކަން ސާބިތުކޮށްދޭން މަސައްކަތް ކުރާނަން. އަހަރެމެން ނުކުންނާނީ ޕްލޭނަކާއެކު، ރަނގަޅަށް ރިކަވާވެ ޖެހިޖެހިގެން ދެވަނަ ވޯލްޑް ކަޕެއް ހޯދަން. އަނެއްކޮޅުން މެސީވެސް ހުންނާނެކަން ދަންނަންވާނެ. އެކަމަކު އޭނާއަށް އެކަންޏެއް ނޫން ވިސްނާނީ. އާޖެންޓީނާގައި އިތުރު 10 ކުޅުންތެރިޔަކުވެސް ތިބޭނެ،" ޗުއެމެނީ ބުންޏެވެ.
ފައިނަލް މެޗަށް ނުކުންނަ އިރު، މެސީ ބުނެފައި ވަނީ އެ މެޗު ވެގެންދާނީ ވޯލްޑް ކަޕެއްގައި އޭނާ ކުޅޭނެ ފަހު މެޗު ކަމަށެވެ. މެސީއަށް މިހާތަނަށް ކެރިއަރުގައި ވޯލްޑް ކަޕެއް ހޯދިފައި ނުވާ އިރު، އާޖެންޓީނާގެ އެންމެ ބޮޑު ޓާގެޓަކަށް ވާނީ އޭނާއަށް ވޯލްޑް ކަޕް ހޯދައިދިނުމެވެ.
އާޖެންޓީނާ އާއި ފްރާންސް ވާދަކުރާ ވޯލްޑް ކަޕްގެ ފައިނަލް މެޗު އޮންނާނީ އާދީއްތަ ދުވަހުގުރޭ 8:00 ގައެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022