ކުރީގެ ރައީސް އަބްދުﷲ ޔާމީން، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ ގޭންގުތަކަށް ފަންޑު ކުރި ކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ ރިޕޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވުމަށްފަހު އެ ކޮމިޝަނުން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަރީޝާ ވިދާޅުވީ، ޔާމީންގެ ސަރުކާރުން ގޭންގުތަކަށް ފައިސާ ދީފައިވަނީ ސްޕޮންސާޝިޕްގެ ނަމުގައި ކަމަށެވެ. އަދި ފައިސާ ދީފައިވަނީ ކުޅިވަޅު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީ ޒުވާނުންގެ ބޭނުންގެ ފުއްދުމަށް ކަމަށް ބުނެ ކަމަށް ފަރީޝާ ވިދާޅުވިއެވެ.
"އޭރުގެ ސަރުކާރުގެ އިސްފަރާތް ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ (ޔާމީން) ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ކުށްކުރާ ގޭންގުތަކަށް ފަންޑު ކުރަމުންދިޔަ ކަމާއި އަދި އެފައިސާ ދީފައިވަނީ ކުޅިވަރު ޖަމިއްޔާތަކާއި ޒުވާނުންގެ އެކި ކަންކަމަށް އެހީވެދިނުމުގެ ނަމުގައިކަން އެނގޭ. މި މައުލޫމާތަކީ އަޅުގަނޑުމެންނަށް އޭރުގެ ސަރުކާރުގެ އިސްފަރާތްތަކުގެ ގޮތުގައި މަސައްކަތްކުރި ފަރާތްތަކުން އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތެއް،" ފަރީޝާ ވިދާޅުވިއެވެ.
"އަޅުގަނޑު މި ދެންނެވި ވާހަކައަކީ ކްރިމިނަލް ގޭންގުތަކުގެ ގޮތުގައި މާލޭގައި ހިންގަމުން ދިޔަ ގްރޫޕްތައް، އެމީހުންނަކީ ސްޕޯޓްސް ކުލަބެއްގެ ގޮތުގައި ރަޖިސްޓްރީކޮށް އެމީހުން ކޮންމެވެސް ސްޕޯޓްސް އިވެންޓެއް ބާއްވާފައި އެއަށް އެމީހުންނަށް ސްޕޮންސާޝިޕް ސަރުކާރުގެ އިދާރާތަކުން، ކުންފުނިތަކުން ދީ އެކި ގޮތް ގޮތުން މާލީ ތަނަވަސް ކަން ލިބޭނެ ގޮތް މަގުފަހިކޮށްދީފައިވޭ،" ފަރީޝާ ވިދާޅުވިއެވެ.
ފަރީޝާ ވިދާޅުވީ ސަރުކާރުން ދޭ ސްޕޮންސާޝިޕްގެ ބަދަލުގައި ގޭންގުތަކުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ، ސިޔާސީ ފަރާތްތަކަށް ސަޕޯޓުކޮށްދޭ ކަމަށެވެ. އަދި ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާތައް ކުރިއަށް ގެންދިޔުމަށް ގޭންގުތަކުން ހުރަސް އަޅާފައިވާ ކަމަށާއި އެކަން ވެސް ކޮށްފައިވަނީ ޔާމީންގެ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުގެ ބަދަލެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭރުގެ ސަރުކާރުން އިދިކޮޅު ޕާޓީތަކުގެ ކެމްޕޭނު ޖަގަހަތަކުގައި ހުންނަ ތަކެތި ވެސް ހަލާކުކޮށްފައިވާ ކަމަށެވެ. އަދި ގޭންގުތަކުން ސަރުކާރުގެ އިސް ބޭފުޅުންނާއި ފުލުހުންނާއި ފަނޑިޔާރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާފައިވާ ކަމަށްވެސް ފަރީޝާ ވިދާޅުވިއެވެ.
ޔާމީންގެ ވެރިކަމުގައި ގޭންގުތަކުގެ އެހީތެރިކަން ހޯދާ ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް ޔާމީނާއި އެ މަނިކުފާނުގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.
މަރު ކޮމިޝަންގެ މެމްބަރެއްކަމަށްވާ މިސްބާހު އައްބާސް ވިދާޅުވީ، ރިލްވާން މަރާލުގައި ވެސް ހަރަކާތްތެރިވި ހަރުކަށި ފިކުރުގެ މީހުން ވެސް އޭރުގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވަމުން ދިޔަ ކަމަށެވެ. އެގޮތުން ފުލުހުން، ރިލްވާންގެ މަރުގެ މައްސަލައިގައި ކުރި ތަހުގީގަށް ހައްޔަރުކުރި ބައެއް ފަރާތްތައް ދޫކުރުމަށް ސަރުކާރުގެ ބައެއް އިސްވެރިން މަސައްކަތް ކޮށްފައިވާކަން މަރު ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވުނު ކަމަށް މިސްބާހް ވިދާޅުވިއެވެ.
"އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވޭ ތ. އޮމަދޫ ނަރުގިސްވިލާ، މުހައްމަދު މުނާޒް ސީރިއާއަށް ފުރުމުގެ ކުރިން އެއިރުގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް އޭނާގެ ބައިވެރިވުން ނުހިމެނޭގޮތަށް އަހްމަދު ރިލްވާން އަބްދުﷲ ގަދަކަމުން ކާރަށް ލައިގެން ގެންގޮސް މަރާލުމުގައި ބައިވެރިވި މީހުންނާ އެކަންކުރި ގޮތް ކިޔައިދީފައިވާ ކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިފައިވޭ. އަދި އޭނާ ސީރިއާއަށް ފުރައިގެން ގޮސްފައިވަނީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއެކުންކަން ވެސް ތަހުގީގަށް އެނގިފައިވޭ،" މިސްބާހު ވިދާޅުވިއެވެ.
އެ ވާހަކަތަކާ ގުޅިގެން ޔާމީންގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ މިސްބާހުގެ އެ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ޔާމީންއާ ގުޅޭ ގޮތުން އަސްލެއް ނެތް ވާހަކަތަކެއް މިސްބާހު ދެއްކެވީ ވަކި ފަރާތަކަށް ސިޔާސީ ފައިދާއެއް ހޯދައިދޭން ކަމަށެވެ. އެވާހަކަތަކާ ގުޅިގެން މިސްބާހާ ދެކޮޅަށް އަބުރުގެ ދައުވާ ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.