ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗުގައި ވީލްޗެއާ ރޭމްޕް ގާއިމުކުރަން ނިންމާފާއިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ގިނަ އަދަދެއްގެ ބަޔަކު އަލަށް އާބާދުވެގެން އަންނައިރު، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތައް ބަލައި ގިނަ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ވީލްޗެއާ ރޭމްޕްތައް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މި ރޭމްޕް ބެހެއްޓުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މޫދަށް އެރުމާއި ބީޗް ސަރަހައްދު ބޭނުން ކުރުމަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި އެ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ހިޔާ ފުލެޓު ކައިރީ އޮންނަ ބީޗް ސަރަހައްދުގައި ވީލްޗެއާ ރޭމްޕް ގާއިމުކުރުމަށް މިހާރު އެ ރޭމްޕްތަކުގެ ބްލޮކް އެޅުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރު ބްލޮކް އެޅުމުގެ 80 ޕަސެންޓް މަސައްކަތް ނިންމާލެވިފައިވާއިރު މިމަހު ފަހުކޮޅު އެ ރޭމްޕު ބޭނުންކުރެވޭވަރު ވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވުމާއިއެކު އެ ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތައްވެސް ގިނަވެފައިވާ ކަމަށާއި ހަފުތާ ބަންދު ދުވަސްތަކުގައި އެ ސަރަހައްދަށް އާއިލާއާއިއެކު މޫދަށް ދާ ފަރާތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް މި ވީލްޗެއާ ރޭމްޕް ގާއިމުކުރުމުގެ ސަބަބުން އުނދަގުލެއް ނެތި މޫދަށް އެރިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގު ކަށަވަރުކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެ ކޯޕަރޭޝަނުން އަބަދުވެސް އެ ފަރާތްތަކަށް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ. އެގޮތުން މިހާރުވެސް ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ހިޔާ ފުލެޓުގައިވެސް ވީލްޗެއާ ރޭމްޕްތައް ގާއިމު ކޮށްފައިވެއެވެ.