ގަތަރު ވޯލްޑް ކަޕް 2022 ގެ ފައިނަލުގެ ދެވަނަ ޖާގަ ފްރާންސުން ހޯދައިފިއެވެ.
އަލް ބައިތު ސްޓޭޑިއަމްގައި މިރޭ ކުޅުނު ސެމީ ފައިނަލްގައި ފްރާންސުން މޮރޮކޯ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު ފްރާންސުން ދަތުރު ކޮށްފައިވަނީ އެގައުމުގެ ތާރީހުގައި ހަތަރު ވަނަ ވޯލްޑް ކަޕް ފައިނަލަށެވެ. މީގެ ކުރިން ދެފަހަރު ވޯލްޑް ކަޕް ތަށި ނަގާފައިވާ ފްރާންސުން މީގެ ކުރިން ތަށި ނެގީ 1998 ވަނަ އަހަރާއި، 2018 ވަނަ އަހަރުއެވެ.
މިރޭގެ ސެމީ ފައިނަލަށް މޮރޮކޯ ނުކުތީ މުޅި އެފްރިކާ ތަމްސީލު ކުރުމަށެވެ. އެޓީމަކީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލްގައި ވާދަކުރާ ފުރަތަމަ އެފްރިކާގެ ގައުމެވެ. ނޮކްއައުޓްގައި ފްރާންސާއި ޕޯޗުގަލް ބަލިކޮށް މޮރޮކޯއިން މިރޭ ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް ނުކުތީ ވޯލްޑް ކަޕެއްގެ ޝަރަފުވެރި ފައިނަލެއް ހޯދުމަށެވެ. ސަޕޯޓަރުން އެ ރޫހުގައި ތިބިކަން އަލް ބައިތު ސްޓޭޑިއަމްގައި ގުގުމަމުން ދިޔަ އަޑުން އެނގުނެވެ.
މޮރޮކޯއަށް އަމިއްލަ ގައުމުގައި ކުޅުމުގެ އިހުސާސް ކުރެވުނު މެޗުގައި އެޓީމުން ނުކުތީ ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ. ފްރާންސުގެ މިސްރާބު ހުރީ ވޯލްޑް ކަޕްގެ ތަށި ދިފާއުކޮށް، ތާރީހު ލިޔެލުމުގެ ވިސްނުމުގައެވެ. މީގެ 60 އަހަރު ކުރިން ބްރެޒިލް ވޯލްޑް ކަޕްގެ ތަށި ދިފާއުކުރި ފަހުން އަދި ގައުމަކަށް އެކަން ކުރެވިފައެއް ނުވެއެވެ. އޭގެ ކުރިން ބްރެޒިލްގެ އިތުރުން ވޯލްޑް ކަޕް ތަށި ދިފާއު ކޮށްފައިވާ އަނެއް ގައުމަކީ އިޓަލީއެވެ.
އާޖެންޓީނާއާ ދެކޮޅަށް ކުޅެން ޖެހޭ ފައިނަލްގެ ފުރުސަތަކީ އެ ތާރީހު ލިޔެލަން ފްރާންސަށް ބޭނުންވެފައިވާ ފުރުސަތެވެ. މިރޭގެ މެޗަށް ނުކުތީ އެ ފައިނަލްގެ ފުރުސަތު ހޯދާށެވެ.
ފްރާންސުން މިރޭ ނެރުނު ފުރަތަމަ 11 ގައި އިބްރާހީމާ ކޮނާޓޭއާއި ޔޫސުފް ފޯފާނާވެސް ހިމަނާފައިވެއެވެ. އާންމުކޮށް ފުރަތަމަ 11 އިން ފެންނަ ޑަޔޮޓް އުޕަމެކާނޯއާއި އެޑްރިއަން ރެބިއޯ މިރޭގެ މެޗަށް ނުކެމެފައި ނުވަނީ ރޯގާ ހުން ޖެހުމުގެ ސަބަބުންނެވެ.
މެޗުގެ ފުރަތަމަ 20 ވަރަކަށް މިނެޓުގައި ފްރާންސުން ކޮންޓްރޯލްގައި ކުޅުނެވެ. އެޓީމުން މެޗު ފެށީވެސް ވަރުގަދަ ކޮށެވެ. ފަސްވަނަ މިނެޓުގައި ގޯލް ޖަހައި މޮރޮކޯގެ ޑިފެންސް ފޫއަޅުވާލިވެސް މެއެވެ. އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުން ކިލިއާން އެމްބާޕޭ ފޮނުވާލި ދެ ހަމަލާއެއް ބްލޮކްވުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަަމަލާއަކުން ފްރާންސަށް ގޯލު ޖަހައިދިނީ ޑިފެންޑަރު ތިއޯ ހެނާންޑޭޒްއެވެ.
އެ ފެށުމާއެކު ފްރާންސުން އިތުރު ރަނގަޅު ހަމަލާތަކެއްވެސް އުފެއްދިއެވެ. އޮލިވިއާ ޖީރޫއަށް ފަހިވި ދެ ފުރުސަތެއް ފާހަގަވެގެން ދިޔަ އިރު، އޭނާ ފުރަތަމަ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. އަދި މޮރޮކޯގެ ޑިފެންސް ތެރެއިން ދެމިގަނެ، ފޮނުވާލި އަނެއް ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
މޮރޮކޯގެ ކެޕްޓަން، ސެންޓަ ބެކް ރޯމަން ސައިސް މިރޭގެ މެޗު ފެށިއިރުވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރި އިރު، އެ އަނިޔާގެ ސަބަބުން އޭނާ 21 ވަނަ މިނެޓުގައި ބާލަން ޖެހިފައިވެއެވެ. ބަދަލުގައި ކުޅެން ނުކުތީ ސަލީމް އަމާލީއެވެ.
ފްރާންސުން ގޯލެއް ޖަހައި ލީޑު ނަގައިފައި އޮތް ނަމަވެސް، ހާފުގެ ފަހުކޮޅުގައި މެޗު ކޮންޓްރޯލް ކުރީ މޮރޮކޯއިންނެވެ. އެޓީމުން ގޯލަކާ ގާތަށް ޖެހިލިވެސް މެއެވެ. ކުރީކޮޅުގައި އަޒެއްދީން އޫނާހީ ފޮނުވާލި ހަމަލާ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، ފްރާންސް ކީޕަރު ހޫގޯ ލޮރިސް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. އަދި ހާފު ނިމެން މިނެޓަކަށް ވެފައި އޮއްވާ ލިބުނު ކޯނަރެއްގެ ތެރެއިން، އޯވަހެޑަކުން ޑިފެންޑަރު ޖަވާދް އެލް ޔަމީގް ފޮނުވާލި ހަމަލާ އަމާޒުވީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ފުރަތަމަ ހާފު މޮރޮކޯއިން ވަރުގަދައަށް ނިންމާލައި، ދެވަނަ ހާފް އެޓީމުން ފެށީވެސް އެރޫހުގައެވެ. ހަމަލާތައްވެސް ފުލުފުލުގައި އުފެއްދިއެވެ. މެޗުގެ 52 ވަނަ މިނެޓުގައި މޮރޮކޯއިން ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އިރު، ޔަހްޔާ އަތިޔަތަﷲ ދިން ބޯޅަ، ގޯލު ކުރިމަތިން ޔޫސުފް އެން ނަސީރީއަށް ލިބުމުގެ ކުރިން ފްރާންސް ޑިފެންޑަރު ކޮނާޓޭ ވަނީ ދިފާއުކޮށްފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން އޫނާހީ ދިން ބޯޅަ، ފްރާންސްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ހަކީމީއަށް ރަނގަޅަށް ކޮންޓްރޯލު ނުކުރެވި، ބޭކާރުވިއެވެ.
ފްރާންސް އެވަގުތުކޮޅުގެ ތެރޭގައި ޕްރެޝަރުވެގެން ދިޔައެވެ. ވަރަށް ބޮޑަށް ކުރިއަށް ޖެހެން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މޮރޮކޯ ދިޔައީ ކުރިއަށް ޖެހި، މެދު ތެރެ ކޮންޓްރޯލް ކުރަމުންނެވެ. ހާއްސަކޮށް ސުފްޔާން އަމްރަބަތުގެ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ. ފްރާންސްގެ އަރިމަތިން އެމްބާޕޭގެ ނުރައްކަލަށް ސަމާލުވުމުގައިވެސް އެންމެ ބޮޑު ރޯލެއް ކުޅުނީ އޭނާއެވެ.
މޮރޮކޯގެ ފުރުސަތުތައް ގެއްލުމުގެ ސަބަބުން ފްރާންސަށް ހިންދެމިލާން ވަގުތު ކޮޅެއް ލިބުމާއެކު، އެޓީމުން ދިޔައީ ދެވަނަ ގޯލަކަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން 69 ވަނަ މިނެޓުގައި ޖޫލްސް ކޫންޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ، މޮރޮކޯގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ގްރީޒްމަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބަދަލަކަށް ނުކުތް މާކަސް ތުރާމް ފޮނުވާލި ހަމަލާ، މޮރޮކޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މޮރޮކޯއަށް އޭގެ ފަހުންވެސް ފުރުސަތުތައް ލިބި، އެޓީމުން ބޭކާރު ކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ފްރާންސަށް ކުރިއަށް ޖެހުނު ބޯޅައެއްގައި އެޓީމުން ލީޑު ފުޅާކުރިއެވެ. 79 ވަނަ މިނެޓުގައި ފްރާންސުން އެ ގޯލް ޖެހީ ހޯދި ފަޅި ފުރުސަތެއްގައެވެ. މާކަސް ތުރާމް ދިން ބޯޅައަކުން އެމްބާޕޭ ފޮނުވާލި ހަމަލާ، އަބްދޭ އަޒަލްޒޫލީގެ ފައިގައި ޖެހި ބްލޮކްވުމާއެކު ލިބުނު ރީބައުންސް ބޯޅައިން، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ފްރާންސަށް ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރެންޑަލް ކޮލޯ މުއާނީއެވެ. އެ ގޯލް މުއާނީ ޖެހީ އޭނާ ފައިގައި ޖެހުނު ފުރަތަމަ ބޯޅައިންނެވެ. ބަދަލަކަށް ނުކުތްތާ އެންމެ 40 ސިކުންތުގެ ތެރޭގައެވެ.
މޮރޮކޯއިން މެޗުގެ ފަހު ވަގުތާ ޖެހެންދެންވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. ފަހު ވަގުތު ހަމަދުﷲ އަށް ލިބުނު ހުސް ފުރުސަތުވެސް އެޓީމަށް ކާމިޔާބު ނުކުރެވި، ފްރާންސުން ފައިނަލް ޔަގީންކުރިއެވެ.
ފައިނަލްގައި ފްރާންސް ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. މިފަހަރު ވޯލްޑް ކަޕްގެ ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 8:00 ގައެވެ. ފައިނަލް ކުޅެވިގެން ދާނީ ލުސައިލް އައިކަނިކް ސްޓޭޑިއަމްގައެވެ.
މޮރޮކޯއިން ހޮނިހިރު ދުވަހުގެ ރޭ ކްރޮއޭޝިއާއާ ދެކޮޅަށް ތިންވަނަ ހޮވާ މެޗުގައި ނުކުންނާނެއެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022