ޚަބަރު

ވޯކްޝޮޕެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާވި މީހަކަށް ފަރުވާދެނީ

މުހައްމަދު އިޝާން

ވޯކްޝޮޕެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނިޔާވި މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، މިރޭ 8:46 އެހާކަންހާއިރު ރަތްވިލާ މަގުގައި ހުރި ވޯކް ޝޮޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ އަލިފާންގަނޑު މިހާރު ވަނީ ނިވާލެވިފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވި ދިވެހި ފިރިހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުންޏެވެ. އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ނުދެއެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ވަން" އަށް މިރޭ ވިދާޅުވީ އަލިފާނުގެ ހާދިސާގައި އަނިޔާވި މީހަކަށް އެމަޖެންސީގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އެމީހާގެ ހާލު މިހާރު ރަނގަޅު ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.