ރާއްޖޭގެ ގައުމީ ޓީމުން މިރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި މެލޭޝިއާ ކައިރިން ބަލިވެއްޖެއެވެ.

މެލޭޝިއާގެ ކުއާލަ ލަމްޕޫރުގެ ސްޓޭޑިއަމް ބޯލާ ސްޕެކްގައި މިރޭ ނިމިގެން ދިޔަ މެޗުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

ރާއްޖޭން މިރޭގެ މެޗަށް ނެރުނު ފުރަތަމަ 11 އިން އަލަށް ފުރުސަތު ދީފައިވާ ކުޅުންތެރިންގެ ތެރޭގައި މުހައްމަދު ސަހާއު (ބޭލް) ފާހަގަކޮށްލެވުނެވެ. ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ސަމޫހު އަލީ (ސަމުއްޓެ) އެވެ. ގައުމީ ޓީމުގެ ކެޕްޓަން، އަކުރަމް އަބްދުލް ގަނީ (އަކޫ) ކަކުލުގެ އޮޕަރޭޝަނަށްފަހު ރިކަވާވަމުންދާ އިރު، އޭނާ މިވަގުތު އަދި ހުރީ ޓީމާ ދުރުގައެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް މެލޭޝިއާގެ ހަލުވި ކުޅުމާއެކު ފުރުސަތުތައް ފަހިކުރަމުން ދިޔައެވެ. ފުރަތަމަ ކޮޅުގައިވެސް އެޓީމުގެ ހަމަލާތައް ފެނިގެން ދިޔަ އިރު، ޑަރެން ލޮކް އޭރިއާތެރެއިން ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) ފައިން ވަނީ މަތަކޮށްފައެވެ.

ރަނގަޅު ފެށުމަކާއެކު ކުޅެމުންދިޔަ މެލޭޝިއާއިން ލީޑު ނެގީ މެޗުގެ 24 ވަނަ މިނިޓުގައެވެ. އެ ގޯލް ޖެހީ ފުރަތަމަ ހަމަލާވެސް އުފެއްދި ލޮކްއެވެ. ރާއްޖޭގެ ޑިފެންސް ތެރެއިން ހެދުނު ގޯހެއްގެ ފައިދާ ނަގައި ހުސްކޮށް ކުރިއަށް އަރައި ލޮކް ޖެހި ބޯޅަ ގޯލަށް ވައްދާލީ ކީޕަރު ހުސެން ކައިރިން ތިރިތިރީންނެވެ.

ރާއްޖެއަށް ހަމަލާއެއް އުފައްދަން އުނދަގޫތަކާ ކުރިމަތިވެގެން ދިޔަ އިރު، ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ރަނގަޅު ހަމަލާއެއް ނުއުފެއްދިއެވެ.

ދެ ވަނަ ހާފުގެ ކުޅުންވެސް މެލޭޝިއާ ފެށީ އެޓީމުގެ އަވަސް ޓެމްޕޯގައެވެ. އޭގެ ސަބަބަބުން ރާއްޖެއަށް އުނދަގޫތަކާ ކުރިމަތިވި އިރު، ހާފުގެ ކުރީކޮޅުގައި ލޮކް އަތުން ރަނުގެ ފުރުސަތެއް ބޭކާރުވިއެވެ.

ރާއްޖޭން ވަނީ ދެވަނަ ހާފުގެ ފުރަތަމަ 10 މިނެޓަށް ފަހު، ހަމްޒާ މުހައްމަދު (ހަމްޕު) އާއި މިރާޝް އިމްތިޔާޒް ކުޅެން އަރުވައިފައެވެ. މިރާޝްއަކީ ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަނުގެ ޔޫނިއޯ އެސްޕޯޓިވާ ރޫބީއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. މިއީ ގައުމީ ސީނިއާ ޓީމުގައި މިރާޝް ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން އޭނާ ވަނީ ޖޫނިއާ ލެވަލްގައި ރާއްޖެ ތަމްސީލްކޮށްފައެވެ.

މެލޭޝިއާއިން ދެވަނަ ގޯލު ޖެހީ މެޗުގެ 64 ވަނަ މިނެޓްގައެވެ. މެލޭޝިއާގެ އެ ގޯލް ޖަހައިދިނީ މުހައްމަދު ފައިސަލް ހަލީމެވެ. އޭގެ އިތުރުންވެސް ފައިސަލް ހަމަލާތަކެއް ފާހަގަވެގެން ދިޔަ އިރު، އޭނާގެ އިތުރު ދެ ހަމަލާއެއް ބޭކާރު ވެގެން ދިޔައެވެ. އެ ހަމަލާތަކަށްފަހު ރާއްޖެއިންވެސް ފުރަތަމަ ހަމަލާއެއް އުފެއްދިއެވެ. މިރާޝް އޭރިއާތެރެއަށް ނެގި ހުރަހަކުން ހަމްޕު ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

ރާއްޖޭން ވަނީ މެޗުގެ ފަހު ވަގުތު އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އަރުވައިފައެވެ. މިރޭގެ މެޗަކީ ދަގަނޑޭ ގައުމީ ޓީމަށް ކުޅުނު 90 ވަނަ މެޗެވެ. ދަގަނޑޭ ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅައާވެސް ދުރުގައި ހުރުމަށްފަހު، މިރޭގެ މެޗަށް ނުކުތީ ގައުމީ ޓީމުން ދުރުގައިވެސް އަހަރެއްހާ ދުވަހު ހުރުމަށްފަހުއެވެ.

މެޗުގެ 88 ވަނަ މިނެޓްގައި ޓަކް ލީ ވަނީ މެލޭޝިއާގެ ތިންވަނަ ގޯލު ޖަހައިފައެވެ.

މިއީ އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖޭން ކުޅުނު 11 މެޗުގެ ތެރެއިން ބަލިވި ހަތަރު ވަނަ މެޗެވެ. މީގެ ކުރިން ބަލިވީ މިދިޔަ އަހަރުގެ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް އަތުންނާއި މިއަހަރު ކުޅުނު އޭޝިއަން ކަޕް ކޮލިފައިންގައި އުޒްބެކިސްތާނާއި ތައިލެންޑް އަތުންނެވެ.

ރާއްޖޭން ދެން ކުޅޭ އެކުވެރިކަމުގެ މެޗުގައި ތިން ދުވަސް ފަހުން ބައްދަލު ކުރާނީ ސިންގަޕޫރާއެވެ.