ގދ. ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރު މަރާމާތުކުރަން އުސޫލުތަކާ ހިލާފަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާކޮށް ދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ފޮނުވައިފިއެވެ.
ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ޖެންޑާ މިނިސްޓްރީގެ ބިޑު ކޮމިޓީގެ މެމްބަރުންގެ ގޮތުގައި އޭރު ތިއްބެވި އެ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ސ. ހިތަދޫ ހަނދުވަރީގެ، އާއިޝަތު ރަޝީދު އާއި އެ މިނިސްޓްރީގެ އޭރުގެ ޑިރެކްޓާ ގދ. ތިނަދޫ ނޫވިލު، ހުދޫދާ ވަހީދުގެ އަދި އެމިނިސްޓްރީގެ ޑިރެކްޓާ ގދ. ގައްދޫ ވިލިގަލާ އާމިނަތު ޝިހާމާގެ މައްސަލައެވެ.
އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ތިން މީހުންގެ މައްޗަށް ދައުވާކޮށް ދިނުމަށް ޕީޖީ އޮފީހަށް ފޮނުވީ ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ކުރި އިއުލާނާ ގުޅިގެން ބިޑު ހުށައެޅި ފަރާތްތަކުގެ ތެރެއިން ދެވަނައަށް އެންމެ މަތިން މާކްސް ލިބުނު ކުންފުންޏަށް މަސައްކަތް އެވޯޑްކޮށްފައި އޮތުމުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރިކަމުގެ ތުހުމަތާ ގުޅިގެން ހުށަހެޅި މައްސަލައެއް ތަހުގީގު ކުރުމަށްފަހު ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ކަންކަމުގެ ތެރޭގައި ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އޭންޑީއޭއިން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ބިޑުތައް އެ އޭޖެންސީން އިވެލުއޭޓުކޮށް، އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާއާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތަށް އެ މަސައްކަތް ހަވާލުކުރުމުގެ ބަދަލުގައި، ޖެންޑާ މިނިސްޓްރީގެ ބިޑު ކޮމިޓީން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިވެލުއޭޝަނުން ދެވަނައަށް ދިޔަ ކުންފުންޏަށް ކަމަށް އޭސީސީން ބުންޏެވެ.
"އެގޮތަށް ނިންމީ، އިވެލުއޭޝަނުން އެއްވަނަ ލިބޭ ފަރާތަށް އެ މަސައްކަތް އެވޯޑުކުރުމުގެ ބަދަލުގައި ދެވަނައަށް ދިޔަ ފަރާތަށް އެ މަސައްކަތް ހަވާލުކުރުމަށް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ބިޑު ކޮމިޓީން ނިންމީ އެ ނިންމުމުގެ ސަބަބުން އިވެލުއޭޝަނުން ދެވަނައަށް ދިޔަ ފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް އެ ފަރާތަށް ލިބޭނެކަން އެނގިތިބެ، މަސައްކަތް ހަވާލުކުރި ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައިކަން ތަހުގީގަށް އެނގޭތީ އާއި އިވެލުއޭޝަނުން ދެވަނައަށްދިޔަ ކުންފުންޏާ، އެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ އިވެލުއޭޝަނުން އެއްވަނައަށް ދިޔަ ފަރާތަށްވުރެ 657,846.60 ބޮޑު އަގުގައިކަން ތަހުގީގަށްވަނީ އެނގިފަ،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެ މައްސަލައާ ގުޅިގެން އާއިޝަތު ރަޝީދާއި ހުދޫދާ ވަހީދު އަދި އާމިނަތު ޝިހާމާގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު