ގަތަރު ވޯލްޑް ކަޕް 2022

މޮރޮކޯގެ ކާމިޔާބީގެ އެހެން ވާހަކައެއް: ސިމިއޯނީގެ އެތުލެޓިކޯއަށް ހާއްސަ ސްޓައިލް!

މުޙައްމަދު ޝަމްޢޫން

މޮރޮކޯއިން ކުރަމުން އަންނަ ހުވަފެނީ ވޯލްޑް ކަޕްގެ ދަތުރަށް ތަފާތު އެކިއެކި ވާހަކަތައް ދެކެވިއްޖެއެވެ. ތަފާތު އެކިއެކި ގޮތްގޮތާ މޮރޮކޯގެ ކާމިޔާބީ ގުޅުވައިލެއްޖެއެވެ. އެގައުމުގެ ތާރީހުން ހޯދާ ހިތްވަރުގެ ވާހަކަވެސް ދެކެވިއްޖެއެވެ. މައިންބަފައިންނާއި އާއިލާއަށް ދޭ ސަމާލުކަމުން ދުނިޔެ ދިން ލޯތްބަކީވެސް މޮރޮކޯގެ ކާމިޔާބީގެ އެއް ހިއްސާއެވެ. ހަމައެއާއެކު މުސްލިމުންނަށް މޮރޮކޯ ގެނެސްދޭ ހިތްހަމަޖެހުމަކީވެސް މޮރޮކޯގެ ކާމިޔާބީގެ ބައެކެވެ. އެހުރިހާ ވާހަކައެއްގެ ތެރެއިން ސީދާ ކުޅުމުގެ ސްޓައިލުން ހަނދާން އާވި ކަމެއްގެ ވާހަކަވެސް އެބައޮތެވެ. މޮރޮކޯގެ ކުޅުމުގެ ސްޓައިލަކީ އެތުލެޓިކޯ މެޑްރިޑުން ޔޫރަޕްގައި އެންމެ ވަރުގަދަކޮށް ފެނުނު ޒަމާނުގައި ގެންގުޅުނު "ޑިއޭގޯ ސިމިއޯނީ ސްޓައިލް" ކަމަށް ބުނެވޭ ބުނުމުގެ ވާހަކައެވެ.

އެތުލެޓިކޯ މެޑްރިޑްގެ އާޖެންޓީނާ ކޯޗު ސިމިއޯނީއަކީ އާޖެންޓީނާގެ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރި ތަޖުރިބާކާރު ކޯޗެކެވެ. 2011 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ ހަވާލުވެ ހުރި ސިމިއޯނީ އެ ކްލަބާއެކު ދެފަހަރަށް ލީގު ހޯދައި، ޗެމްޕިއަންސް ލީގުގެ ދެ ފައިނަލެއްވެސް ކުޅެފައިވެއެވެ. އެތުލެޓިކޯއަށް ކޯޗުކަން ކޮށްދިނުމުގައި ސިމިއޯނީ ގެންގުޅޭ ސްޓައިލަކީ އޭނާގެ އަމިއްލަ ޒާތެއްގެ ތަފާތު ސްޓައިލެކެވެ.

އެ ސްޓައިލަކީ ޑިފެންސިވް ސްޓައިލެކެވެ. ކައުންޓާގައި އިދިކޮޅު ޓީމަށް ލަނޑުދޭވެސް ސްޓައިލެކެވެ. ޔޫރަޕްގެ ގަދަ ބާރުތަކަށްވެސް އެތުލިޓޯއިން ޗެލެންޖް ކޮށްލި ސްޓައިލެކެވެ. ސިމިއޯނީގެ ސްޓައިލަށް ފަހަކަށް އައިސް ފާޑު ކިޔުންތައް އަމާޒުވީ އެޓޭކިން ކުޅުންތެރިންގެ ބޭނުން އެކަށީގެންވާ ގޮތަކަށް ނުހިފުމާއި، ޑިފެންސިވް ވިސްނުމެއްގެ ސަބަބުން ކަމަށް ވެދާނެއެވެ. އެ ސްޓައިލް މުސްކުޅި ވަމުންދާ ދިޔުމަށްވެސް ސްޕެއިންގެ ނޫސްތަކުން ވާހަކަ ދައްކާފައިވަނިކޮށް، މޮރޮކޯއިން އެ ސްޓައިލްގެ "އިފެކްޓިވްކަން" އަނެއްކާވެސް ދައްކާލައިފިއެވެ.

"އަހަރެމެންގެ އޮންނާނެ ހިތްވަރެއް. އަހަރެމެން އިދިކޮޅު ޓީމަށް ޖާގައެއް ނުދޭނަން. އެކަމަށް ހުނަރުވެރި ކުޅުންތެރިން ތަފާތު ދައްކާނީ. ސްޕެއިނާ ދެކޮޅަށްވެސް، ޕޯޗުގަލާ ދެކޮޅަށްވެސް ބޭނުން ކުރީ އެއް ސްޓައިލެއް. އެއީ ސިމިއޯނީ ބޭނުންކުރާ ސްޓައިލާވެސް ވަރަށް އެއްގޮތް ސްޓައިލެއް،" މޮރޮކޯގެ ކޯޗު ވަލީދު ރަކްރާކީ ޕޯޗުގަލް މެޗަށްފަހު މޮރޮކޯގެ ސްޓައިލާ ބެހޭގޮތުން ބުންޏެވެ.

ރަކްރާކީ މޮރޮކޯއާއެކު ތާރީހު ލިޔެލައިފިއެވެ. ގްރޫޕް ސްޓޭޖުން ގަދަ 16 އަށް ދިޔައީ އެއްވަނަ ޓީމުގެ ގޮތުގައެވެ. 1986 ވަނަ އަހަރަށްފަހު މޮރޮކޯ ފުރަތަމަ ގަދަ 16ގެ މެޗަށް ނުކުމެ، އެގައުމުގެ ތާރީހުގައި ފުރަތަމަ ކުއާޓާ ފައިނަލަކަށްވެސް ނުކުތެވެ. އެމެޗުން މޮޅުވެ، ސެމީ ފައިނަލަށް މިރޭ ނުކުންނާނީ އެފްރިކާއަށް ހޯދައިދިން ޝަރަފަކާވެސް އެކުގައެވެ. މޮރޮކޯއަކީ ވޯލްޑް ކަޕެއްގެ ސެމީ ފައިނަލްގައި ކުޅޭ އެފްރިކާގެ ފުރަތަމަ ޓީމުވެސް މެއެވެ.

މޮރޮކޯއިން މިހާތަނަށް ކުޅުނު މެޗުތަކުގައި އެތުލެޓިކޯއިން 2012-2013 ހިސާބުގައި ބޭނުންކުރި ފޯމޭޝަން ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެއެވެ. މޮރޮކޯގެ އާންމު އެތުރުމަކީ 4-1-4-1 ފޯމެޝަނެއް ނަމަވެސް ޑިފެންސަށް އެޓީމުގެ ފޯމޭޝަން 5-4-1 އަށް ބަދަލުވާކަން ފާހަގަވެފައިވެއެވެ. އެކަމުގެ ސަބަބުން މޮރޮކޯ ވެފައި ވަނީ ޑިފެންސިވްލީ އެންމެ ކާމިޔާބު އެއް ޓީމަށެވެ. ވޯލްޑް ކަޕްގައި އެޓީމު ކޮޅަށް މިހާތަނަށް ވަނީ އެންމެ ގޯލެކެވެ. އެއީ ކެނެޑާއިން ގްރޫޕް ސްޓޭޖުގައި ޖެހި ގޯލެކެވެ. އެގޯލަކީވެސް ބައިކޮޅަށް ވަން ގޯލެކެވެ.

މޮރޮކޯ ފެންނަނީ 10 ކުޅުންތެރިން ޑިފެންސްކޮށް "ބަސް އަތުރާލާ" ޓީމަކަށްވުރެ ވަރުގަދަ ސްޓައިލެއްގައެވެ. އިދިކޮޅު ޓީމަށް ބޯޅަ ގެންގުޅެން ދީގެން، ދެން ލިބޭ ބޯޅައިގައި މިޑްފީލްޑަރުންވެސް އެޓޭކަށް ޖެހެއެވެ. ކައުންޓާގައި ބޭނުންކުރަނީ ސީދާ ޑައިރެކްޓް ފުޓުބޯޅައެއްގެ ވިސްނުމެވެ. ހާއްސަކޮށް އެޓީމަކީ ސެޓް ޕީސްތަކަށް ތަފާތު މޮޅު ޓީމެއްގެ ގޮތުގައިވެސް ފާހަގަވެފައިވެއެވެ. އެ ސިފަތަކަކީ ސިމިއޯނީގެ ސްޓައިލަށް ހާއްސަ ސިފަތަކެކެވެ.

"މޮރޮކޯއިން ފެންނަނީ ސިމިއޯނީގެ އެތުލެޓިކޯއިން ފެންނަ ކަހަލަ މަންޒަރެއް. އެވެސް އެންމެ ފޯމުގައި އޮންނަ އެތުލެޓިކޯ. އެއީ ދުވާވެސް ޓީމެއްގެ ގޮތުގައި. އެކަމަކު ޑިފެންސްކޮށް މަޑުކޮށްގެން ތިބެން ދަސްކޮށްފައިވޭ. ކުރިއަށް ނުޖެހި ތިބެން ޖެހޭ ވަގުތާއި ކައުންޓާއަށް ޓްރާންސިޝަން ހަދަން ޖެހޭ ވަގުތު މޮރޮކޯ ޓީމަށް ވަރަށް ރަނގަޅަށް އެނގޭ. ސިމިއޯނީގެ ސްޓައިލަކީ އެއީ،" ސްޕެއިންގެ ނޫސްވެރިއެއް ކަމަށްވާ ޖޯސޭ ލުއިސް ގޮރޭރޯ މޮރޮކޯގެ ސްޓައިލާ ގުޅޭ ގޮތުން ލިޔެފައިވެއެވެ.

މޮރޮކޯ ޓީމުގައި ސްޕެއިން ފުޓުބޯޅައަށް ހާއްސަ ބައެއް ކުޅުންތެރިންވެސް އެބަތިއްބެވެ. ސައިޑް ބެކް އަޝްރަފް ހަކީމީ އާއި ސެވިއްޔާއަށް ކުޅެމުން އަންނަ ގޯލްކީޕަރު ޔަސީން ބޯނޯ އޭގެ ތެރޭގައި ހިމެނެއެވެ. ބޯނޯއަކީ ސެވިއްޔާއަށް ދިޔުމުގެ ކުރިން އެތުލެޓިކޯގެ ބީ ޓީމަށް ކުޅުނުވެސް ކުޅުންތެރިއެކެވެ. 2012 ވަނަ އަހަރުން 2016 ވަނަ އަހަރާ ހަމައަށް އެތުލެޓިކޯ ބީ ޓީމުގައި ބޯނޯ 47 މެޗެއް ކުޅެފައިވާ އިރު، އެ ދުވަސްވަރަކީ އެތުލެޓިކޯގެ ސީނިއާ ޓީމަށް އެންމެ ކާމިޔާބުވެސް ދުވަސްވަރެވެ.

"ސިމިއޯނީ ސްޓައިލަށް ކުޅެ އަހަރެމެން މި މޮޅުވީ،" ސްޕެއިން ކައިރިން ގަދަ 16ގެ މެޗު ހޯދުމަށްފަހު ބޯނޯ ބުންޏެވެ. އެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ބޯނޯގެ ދައުރު ބޮޑުކޮށް ފާހަގަކުރެވުނު އިރު، އޭނާ ބުނީ މެޗުން މޮޅުވީ ޓީމު "ޔުނިޓެއްގެ" ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ސްޕެއިންގެ ރޭސިން ސަންޓަންޑާރަށް ކުޅުނު މޮރޮކޯ ކޯޗު ރަކްރާކީއަށް ސްޕެއިން ފުޓުބޯޅަ ކޮންމެވެސް ވަރަކަށް އެނގުން އެއީ ހައިރާންކަން ގެނުވާނެ ކަމެއް ނޫނެވެ. ރަކްރާކީއަކީ ކެރިއަރުގައި ސްޕެއިންގެ ފުޓުބޯޅަ ދިރާސާ ކުރަން ކޮންމެވެސް ވަރަކަށް ވަގުތު ހޭދަކޮށް، އެގައުމުގައި ކަންތައްތަކެއް ދަސްކުރިވެސް ކޯޗެކެވެ. ރަކްރާކީ ކޯޗުކަމަށް ނުކުތީ ސިމިއޯނީ އެތުލެޓިކޯއާ ހަވާލުވި ދުވަސްވަރުގައިވެސް މެއެވެ. އެ ދުވަސްވަރު ރަކްރާކީ ކޯޗިންގެ މައުލޫމާތަށް ސްޕެއިނަށް ބައެއް ދަތުރުތައް ކުރި ކަމަށްވެސް ފާހަގަވެފައިވެއެވެ. އެއީ ރަސްމީ ދަތުރުތައް ނޫން ނަމަވެސް، އެއީ މައުލޫމާތުގެ ދަތުރުތަކަކަށް ވާނެއެވެ.

ސިމިއޯނީގެ ސްޓައިލަށް ފާޑު ކިޔާ ފަދައިން، ރަކްރާކީގެ ސްޓައިލަށްވެސް ފާޑު ކިޔާ ބަޔަކު އެބަތިއްބެވެ. އެހެން ނަމަވެސް އޭނާގެ ސިކުނޑީގައި ނަތީޖާ ނެރުން ނޫން ވިސްނުމެއް ނެތް ކަމަށް ކުރިންވެސް ބުންޏެވެ. އެހެންކަމުން ސްޓައިލް ތަފާތަސް، ރަކްރާކީ ބޭނުންވަނީ މޮޅެވެ. ފާޑު ކިޔުމަށް ފަރުވާލެއް ނެތެވެ. މި ސްޓައިލް މިރޭ ކާމިޔާބުވަނީ ކިހާ ވަރަކަށްތޯ ބަލަމާ ހިނގާށެވެ.