އެކުވެރިކަމުގެ މެޗުގައި މިއަދު މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި މުހިއްމީ ނަތީޖާ ނޫން ކަމަށާއި، މުހިއްމީ ރީތި ފުޓުބޯޅައަކަށް ޓީމު ހޭނުމަށް ކުރާ މަސައްކަތުގެ ނަތީޖާ ވަޒަން ކުރުން ކަމަށް ކޯޗު، އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.

މިވަގުތު މެލޭޝިއާގައި ތިބި ގައުމީ ފުޓުބޯޅަ ޓީމު މިފަހަރު އެކުވެރިކަމުގެ މެޗުތައް ކުޅޭނީ މެލޭޝިއާއާއި ސިންގަޕޫރާ ދެކޮޅަށެވެ. މިއަދު މެލޭޝިއާއާ ދެކޮޅަށް ގައުމީ ޓީމުން ނުކުންނަ އިރު، ސިންގަޕޫރާ ދެކޮޅަށް ނުކުންނާނީ 17 ވަނަ ދުވަހުއެވެ. ދެމެޗަށް މެލޭޝިއާއަށް ޓީމު ފުރީ ހޯމަ ދުވަހުގެ ރޭގައެވެ.

މިއަދު މެލޭޝިއާއާ ދެކޮޅަށް ކުޅޭ މެޗާއި ގުޅިގެން ވާހަކަ ދައްކަމުން މޮރިއޭރޯ ބުނީ މިވަގުތު އެންމެ ބޮޑަށް ފޯކަސް ކުރާނީ މެޗުގެ ނަތީޖާއަށް ނޫން ކަމަށާއި، ރަނގަޅު "އިންޓެންސިޓީ"އެއްގެ އޮގަނައިޒް މެޗެއް ކުޅުމަށް ކަމަށެވެ.

"މެލޭޝިއާ ޓީމަކީ ވަރުގަދަ ކުޅުންތެރިން ތިބި ވަރުގަދަ ޓީމެއް. މިއީ މުހިއްމު ޓެސްޓަކަށް ވާނެ. އެހެންނަމަވެސް ރާއްޖޭގެ ޓީމުވެސް ވަކި ޓީމަކަށް ނުވާނެ. ތަފާތު މެންޓާލިޓީގެ ޓީމެއް މެލޭޝިއާއަކީ. އެކަމަށް ވިސްނަން ޖެހޭނެ. މިހާރު ގައުމީ ޓީމުން ވިސްނަނީ ނަތީޖާއަށްވުރެ ބޮޑަށް، ރަނގަޅު މެޗެއް ކުޅުމަށް. ރަނގަޅު އިންޓެންސިޓީއެއްގެ، ރަނގަޅު އޯގަނައިޒް، ޕޮސިޝަން ފުޓުބޯޅައަކަށް މަސައްކަތް ކުރަނީ. އެ މަސައްކަތުގައި މިހާރު ގިނަ ކަންތައްތަކެއް ކުރެވިއްޖެ. އެކަން ވަޒަން ކޮށްލަން ރަނގަޅު ޓެސްޓަކަށް މިމެޗު ވާނެ،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯ އިތުރަށް ބުނީ މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅޭ މެޗުތަކަށް ތައްޔާރުވާން ދިމާވި ގޮންޖެހުމަކީ ރާއްޖޭގެ ސީޒަން ބްރޭކް ކަމަށާއި، އެކަމުގެ ސަބަބުން ކުޅުންތެރިންގެ ޗުއްޓީއާއި އެހެން ބައެއް ކަންކަމުގެ ސަބަބުން ހުރިހާ ކުޅުންތެރިންނަށް ޓީމަށް ވަގުތު ދޭން އުނދަގޫވި ކަމަށެވެ. ރާއްޖޭގެ ސީޒަން ބްރޭކް ނިންމައި ދެން ސީޒަން ފަށަން އޮތީ އަންނަ މާޗް މަހުގައެވެ. ސީޒަން ބްރޭކުގައި ކުޅުންތެރިން އެކިއެކި ރަށްރަށުގެ މުބާރާތްތައްވެސް ކުޅެމުން އަންނަ އިރު، ޓީމާއެކު ބައެއް ކުޅުންތެރިން ދަތުރު ކޮށްފައެއް ނުވެއެވެ.

އިއްޔެގެ ޕްރެސްގައި ބައިވެރިވި ރާއްޖޭގެ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ބުނީ މެލޭޝިއާ ފުޓުބޯޅަ ކުރިއާއަޅާ ބަލާއިރު މިހާރު ވަރަށް އަވަސް ކަމަށެވެ. އެހެންކަމުން މެޗު އުނދަގޫވާނެ ކަމަށް ސަމުއްޓެ ބުނެފައިވާ އިރު، އޭނާ އިތުރަށް ބުނީ މެލޭޝިއާ އުނދަގޫ ނަމަވެސް ބަލިކުރެވިދާނެ ކަމަށެވެ.

ގައުމީ ކޯޗުކަމާ އިޓަލީ ކޯޗު މޮރިއޭރޯ ހަވާލުވި ފަހުން މިހާތަނަށް 10 މެޗެއް ކުޅެފައިވެއެވެ. އޭގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު، ތިން މެޗުން ބަލިވެފައިވެއެވެ. އަދި އަނެއް ދެމެޗު ނިމުނީ އެއްވަރުވެގެންނެވެ. ރާއްޖެ މޮޅުވީ މި އަހަރު ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ސްރީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުން ދާދި ފަހުން ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައި ބްރުނާއީ ދާރުއްސަލާމާއި ލާއޯސް އަތުންނެވެ.

މެލޭޝިއާއާ ދެކޮޅަށް އެގައުމުގައި ގައުމީ ޓީމުން މިއަދު ކުޅޭ މެޗު ފަށާނީ އިރުއޮއްސި 6:00 ގައެވެ.