އާޖެންޓީނާގެ ތަރި، ކެޕްޓަން ލިއޮނަލް މެސީއަކީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.
ސްކަލޯނީ އެހެން ބުނެފައި ވަނީ އާޖެންޓީނާއިން ރޭ ކްރޮއޭޝިއާ ކައިރިން ހޯދި ސެމީ ފައިނަލް މޮޅަށްފަހުގައެވެ. އާޖެންޓީނާ އާއި ކްރޮއޭޝިއާ ލުސައިލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އާޖެންޓީނާއިން 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާ އިރު، މެސީ ވަނީ ގޯލެއް ޖަހައި، ހިތްގައިމު އެސިސްޓެއް ފުރިހަމަކޮށްފައެވެ.
ރޭގެ މެޗުގައި މެސީ ޖެހި ގޯލާއެކު އޭނާ ވެފައި ވަނީ އާޖެންޓީނާގެ ޖާޒީގައި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށެވެ. އެއީ ޖުމުލަ 11 ގޯލް ވޯލްޑް ކަޕްގައި ޖަހައިގެންނެވެ. ކުރިން އެ ރެކޯޑު އޮތީ އާޖެންޓީނާގެ ފޯވަޑް ގެބްރިއަލް ބަޓިސްޓޫޓާ އަތުގައެވެ. ބަޓިސްޓޫޓާ ވޯލްޑް ކަޕްގައި ޖެހީ 10 ގޯލެވެ.
ރޭގެ މެޗުގައި މެސީ ޖެހި ގޯލަކީ މި ވޯލްޑް ކަޕްގައިވެސް އޭނާ ޖެހި ފަސްވަނަ ގޯލެވެ. އޭގެ އިތުރުން މެސީ ވަނީ މިހާތަނަށް އާޖެންޓީނާގެ ތިން ގޯލަކަށް އެސިސްޓް ކޮށްދީފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ މެސީއާ ދޭތެރޭ ދައްކާނެ މާ ގިނަ ވާހަކައެއް ނުވެސް ނެތް ކަމަށާއި، މެސީ ޓީމުގައި ހުރުމަކީ ލިބޭ ފަހުރެއް ކަމަށެވެ.
"ބައެއް ފަހަރު ހިތަށް އަރާނެ އަހަރެމެން އާޖެންޓީނާ މީހުންވީމައޭވެސް މިހެން މިބުނަނީ. އެކަމަކު ދުނިޔޭގެ އެހެންތަނެއްގެ މީހަކު ބުނާނަމަވެސް މިހާރު ބުނާނީ މެސީއަކީ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް. އެކަމަކަށް ޝައްކެއް ނެތް. މެސީ ގައުމީ ޖާޒީގައި ދަނޑު މައްޗަށް ނުކުންނަ ކޮންމެ ފަހަރަކުވެސް އެއީ ޓީމުގެ އެހެން ކުޅުންތެރިންނަށް ލިބޭ ހިތްވަރެއް. މެސީއާ ދޭތެރޭ ދައްކާނެ ވާހަކައެއް ނެތް، ބުނާނެ އިތުރު އެއްޗެއްވެސް ނެތް، މެސީ ޓީމުގައި ހުރުމަކީ ލިބޭ ޝަރަފެއް،" ސްކަލޯނީ ބުންޏެވެ.
ރޭގެ މެޗަށްފަހު ސްކަލޯނީ އިތުރަށް ބުނީ ފައިނަލަށް ދެވުމަކީ ހުވަފެނެއް ކަމަށާއި، އެކަމުގެ އިހުސާސަކީ ބަޔާން ކޮށްދޭންވެސް ނޭނގޭ އުފާވެރިކަމުގެ އިހުސާސެއް ކަމަށެވެ. އާޖެންޓީނާގެ ރައްޔިތުންގެ ފަރާތުން ޓީމަށް ދޭ ލޯތްބާއި ސަޕޯޓަކީ ޓީމުގެ އެންމެ ބޮޑު ހިތްވަރުކަމަށްވެސް ސްކަލޯނީ ބުންޏެވެ.
އާޖެންޓީނާއިން މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ފައިނަލްގައި ނުކުންނަން ޖެހޭ ޓީމު އެނގޭނީ މިރޭ ފްރާންސާއި މޮރޮކޯ ވާދަކުރާ ސެމީ ފައިނަލް މެޗަށްފަހުއެވެ. މިއީ އާޖެންޓީނާ ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި ހަވަނަ ފަހަރެވެ. މީގެ ކުރިން ދެފަހަރު ތަށި ކާމިޔާބުކޮށްފައިވާ އާޖެންޓީނާ ވޯލްޑް ކަޕްގެ ފައިނަލް އެންމެފަހުން ކުޅުނީ 2014 ވަނަ އަހަރުއެވެ. އެފަހަރު ބަލިވީ ޖަރުމަނު އަތުންނެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022