މޮރޮކޯއަކީ ޑިފެންސިވްލީ ވޯލްޑް ކަޕްގެ އެންމެ ތަފާތު ޓީމު ކަމަށާއި، އެ ޑިފެންސް ކައިރިން ގޯލް ޖެހޭނެ ގޮތެއް ހޯދުމަކީ ޗެލެންޖަކަށް ވާނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޭމްޕްސް ބުނެފިއެވެ.

މިފަހަރު ވޯލްޑް ކަޕްގެ އެންމެ ސަޕްރައިޒިން ޓީމަކީ ޔަގީނުންވެސް މޮރޮކޯއެވެ. އެފްރިކާއިން ވޯލްޑް ކަޕް ސެމީއަށް ނުކުންނަ ފުރަތަމަ ޓީމަކަށް މޮރޮކޯ ވެފައި އޮތް އިރު، އެޓީމުން މިރޭ ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ. ފްރާންސުން ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔައީ ކުއާޓާގައި އިންގްލެންޑް ކައިރިން ހޯދި މޮޅާ އެކުގައެވެ.

ފްރާންސުން މިރޭ މޮރޮކޯއާ ދެކޮޅަށް ނުކުންނަ އިރު، ކޯޗު ޑިޝޭމްޕްސް އެންމެ ބޮޑަށް ތައުރީފު ކުރީ މޮރޮކޯގެ ޑިފެންސަށެވެ. މޮރޮކޯ ކޮޅަށް މިހާތަނަށް ވޯލްޑް ކަޕްގައި ވަދެފައިވަނީ ގްރޫޕް ސްޓޭޖުގައި ވަން އެންމެ ގޯލެކެވެ. އެއީ ކެނެޑާ ކައިރިން ވަން ގޯލެކެވެ. އެ ގޯލަކީ މޮރޮކޯ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

"މޮރޮކޯގެ ޑިފެންސަކީ ވޯލްޑް ކަޕްގެ އެންމެ ވަރުގަދަ ޑިފެންސް. އަހަރެމެންނަށް ގޯލެއް ޖެހުމަށް މޮރޮކޯގެ ޑިފެންސް ފޫއަޅުވައިލެވެނޭ ގޮތެއް ހޯދަން ޖެހޭނެ. އެކަމަކު ސަމާލުކަން ދޭން އޮތީ މޮރޮކޯގެ ޑިފެންސަށް އެކަންޏެއް ނޫން. އެޓީމު އެހެން ހުރިހާ ގޮތަކުންވެސް ވަރަށް ވަރުގަދަ. އެހެން ނޫންނަމަ ސެމީއަކަށް ނާންނާނެ،" ޑިޝޭމްޕްސް ބުންޏެވެ.

ޑިޝޭމްޕްސް ބުނީ މޮރޮކޯ ޓީމުގެ އެކުވެރިކަމަކީ މޮރޮކޯގެ ގަދަފައި ކަމަށާއި، ފްރާންސުން ސެމީއަށް ދިޔުމުގެ ސިއްރަކީވެސް އެއީ ކަމަށެވެ.

"އަހަރެންގެ ސްކޮޑުގެ ނަތީޖާއަކީއަކީވެސް ހައިރާންވާން ޖެހޭ ކަމެއް ނޫން. މި ޓީމުގެ ތަފާތު އަހަންނަށް ފެނިފައި އޮތީ، ޓީމު އެކުވެ އުޅޭ އުޅުން. ބައެއް ކުޅުންތެރިންނަކީ އެންމެ ތަޖުރިބާކާރު ކުޅުންތެރިން ނޫން ނަމަވެސް، ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޓީމު އޮތީ ތަފާތު ރޫހެއްގައި. ނަތީޖާއިން ދައްކުވައިދެނީ ޓީމުގެ އެކުވުން،" ޑިޝޭމްޕްސް ބުންޏެވެ.

ޑިޝޭމްޕްސް ބުނީ ޓީމުގެ ކުޅުމަކީ އިދިކޮޅު ޓީމުގެ ކުޅުމަށް ހާނުވަން ޖެހޭ އެއްޗެއް ކަމަށާއި، އެކަން ކުރުމަށް ކުޅުންތެރިންގެ ވަކިވަކި ހުނަރުގެ އިތުރުން ޓީމުގެ ސްޓައިލްވެސް ބައެއް ފަހަރު ބަދަލުކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން މޮރޮކޯއާ ދެކޮޅަށް ނުކުންނަންވެސް މޮރޮކޯގެ ސްޓައިލް ދަސްކުރަން ޖެހޭ ކަމަށް ޑިޝޭމްޕްސް ފާހަގަކުރިއެވެ.

ފްރާންސާއި މޮރޮކޯ ވާދަކުރާ ވޯލްޑް ކަޕް ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ 12:00 ގައެވެ.