ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އާޖެންޓީނާއަށް ދިން ޕެނަލްޓީއަށް ކްރޮއޭޝިއާގެ ކޯޗު ލަޓްކޯ ޑަލިޗް ފާޑުކިޔައިފިއެވެ.

އާޖެންޓީނާއާ ދެކޮޅަށް ރޭ ކުޅުނު ސެމީގައި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. އާޖެންޓީނާއަށް ފައިނަލުގެ ޖާގައެއް ލިބިގެންދިޔައީ ކެޕްޓަން ލިއޮނެލް މެސީގެ ގޯލަކާއި ހޫލިއަން އަލްވަރޭޒްގެ ދެ ގޯލުންނެވެ.

އެ މެޗުގައި އާޖެންޓީނާ އިން ޖެހި ފުރަތަމަ ގޯލަކީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. އެ ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން އަލްވަރޭޒަށް ކްރޮއޭޝިއާ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ކުރި ފައުލަކާ ގުޅިގެންނެވެ. އާޖެންޓީނާއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ މެސީއެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޑަލިޗް ބުނީ ކްރޮއޭޝިއާއަށް ލިބެން ޖެހޭ ކޯނަރެއް ކަމަށް ކުޅުންތެރިން ޝަކުވާކުރަމުން ދަނިކޮށް، އަނެއްކޮޅުން ޕެނަލްޓީއެއް ދިނުމުން އެކަމާ ސުވާލު އުފެދޭ ކަމަށެވެ.

"ހަގީގަތަށް ބުނާ ނަމަ، ފުރަތަމަ ގޯލާ މެދު ސުވާލު އުފެދޭ. ފުރަތަމަ ކަމަކަށް ފެނިގެންދިޔައީ އަހަރެމެންނަށް ކޯނަރެއް ދޭން ޖެހޭ ހާލަތެއް. ކުޅުންތެރިންގެ ފަރާތުން ފެނުނު އަމަލުތަކުން އެއީ ކްރޮއޭޝިއާއަށް ދޭން ޖެހޭ ކޯނަރެއް. އެއަށްފަހު ދެން ދިނީ ޕެނަލްޓީއެއް. އެއީ ފަސޭހަ ގޮތަކަށް އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއެއް،" އޭނާ ބުންޏެވެ.

ވޯލްޑް ކަޕް 2018 ގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިނުމުން ޑަލިޗް ވެގެން ގޮސްފައިވަނީ އެގައުމުގެ "ހީރޯ" އަކަށެވެ. މިފަހަރުގެ ވޯލްޑް ކަޕްގެ ފޭވަރިޓެއްގެ ގޮތުގައި ނުހިމެނުނު ނަމަވެސް، ޑަލިޗް ވަނީ ކްރޮއޭޝިއާގެ ޓީމު ސެމީއަށް ގެންގޮސްދީފައެވެ. ސެމީން ކަޓައިގެން ދިޔަ ކަމުގައިވިޔަސް، މަގާމުން ދުރަށް ނުގޮސް، ޑަލިޗް ބޭނުންވަނީ ޓީމާއެކު ކުރިއަށްދާށެވެ.

"އަހަރެން ޓީމާއެކު ކުރިއަށްދާނަން. އަހަރެންގެ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ ޔޫރޯ 2024 އަށްފަހު. މީގެ ހަ މަސް ފަހުން އެބައޮތް ނޭޝަންސް ލީގު ވެސް، އަދި ވޯލްޑް ކަޕް ކޮލިފައިން ވެސް އޮންނާނެ. އަހަރެންގެ އަމާޒަކީ ކްރޮއޭޝިއާއާއެކު ޔޫރޯ 2024 އަށް ދިއުން،" ޑަލިޗް ބުންޏެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާއަށް ކުރިއަށް އޮތީ ތިންވަނަ ހޮވާ މެޗެވެ. އެ މެޗުގައި ކްރޮއޭޝިއާ ނުކުންނަން ޖެހޭނީ މިރޭ 12:00 ގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާއި މޮރޮކޯ ބައްދަލުކުރާ ސެމީގެ މެޗުން ބަލިވާ ޓީމަކާ ދެކޮޅަށެވެ. ތިންވަނަ ހޮވުމަށް ކުޅޭ މެޗަށް ކްރޮއޭޝިއާ ނުކުންނަން ޖެހޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:00 ގައެވެ.