މޮރޮކޯގެ ކޯޗު، ވަލީދު ރަކްރާކީއަކީ ފްރާންސަށް އުފަން، މޮރޮކޯގެ ރައްޔިތެކެވެ. 2001 އިން 2009 ވަނަ އަހަރާ ހަމައަށް މޮރޮކޯ ގައުމީ ޓީމަށްވެސް ކުޅުނު ރަކްރާކީގެ ކޯޗިން ކެރިއަރުގައި އެންމެ ސީރިއަސް ޗެލެންޖަކަށްވީ މިދިޔަ އޮގަސްޓް މަހު ނެގި ޗެލެންޖެވެ. މޮރޮކޯގެ ގައުމީ ޓީމާ ހަވާލުވެ، އޭނާ ނެގި ޗެލެންޖެވެ. އޭގެ ކުރިން އޭނާގެ ކޯޗިން ކެރިއަރުގައި ކުރީވެސް މަދު ތަޖުރިބާއެކެވެ. ގިނަ ދުވަސްތަކެއް ހޭދަކުރީ ދަސްކުރުމުގެ ތެރޭގައެވެ. ތައުލީމު ހޯދުމުގެ ތެރޭގައެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ރަކްރާކީގެ ޔޫތު ކެރިއަރު ފެށީ، ފްރާންސްގެ އުފަން ރަށުގެ އޭއެސް ކޯބީލް-އެސޮނޭސްގެ އެކަޑެމީންނެވެ. އޭގެ ފަހުން ރޭސިން ޕެރިސްއަށްވެސް ރަކްރާކީ ކުޅުނު އިރު، އޭނާ އެންމެ ފާހަގަކޮށްލެވުނު ކްލަބަކަށް ކުޅުނީ ފްރާންސްގެ ޓޯލޫސް އަށެވެ. އެއީ މިހާރުވެސް ފްރާންސްގެ ފުރަތަމަ ޑިވިޝަންގައި ކުޅެމުން އަންނަ ކްލަބެކެވެ. އޭގެ ފަހުން އަޖާސިއޯއަށްވެސް ކުޅެ، ސްޕެއިން ލީގުގެ ރޭސިން ސަންޓަންޑާއަށްވެސް ރަކްރާކީ ކުޅުނެވެ. 2009 ވަނަ އަހަރު ފްރާންސްގެ ގްރެނޯބެލްއަށް ކުޅެ، ކެރިއަރު ނިންމާލީ މޮރޮކޯގެ މަގްރިބް ތޮތުއާން އިންނެވެ.

އެއީ ކުޅުންތެރިންތެރިއެއްގެ ކެރިއަރެވެ. އެ ކެރިއަރުގައި އޭނާގެ ތަޖުރިބާ ބިނާވެފައި ވަނީ އުފަން ގައުމު ފްރާންސަށެވެ. ކޯޗިންނަށް 2014 ވަނަ އަހަރު ނުކުމެ، މޮރޮކޯގެ ފާތު ޔޫނިއަން ސްޕޯޓްސްގެ ކޯޗުކަން ކޮށްދީ، އޭނާގެ މަސައްކަތް މޮރޮކޯއަށް ބޭސްކުރިއެވެ. އޭގެ ފަހުން ގަތަރުގެ އަލް-ޑުހައިލާއެކު ދުވަސްތަކެއް ހޭދަކޮށް ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން ހުރީ މޮރޮކޯ ކްލަބެއް ކަމަށްވާ ވައިދާދު އޭސީގެ ކޯޗު ކަމުގައެވެ.

ފްރާންސަށް އުފަން ނަމަވެސް ރަކްރާކީއަކީ މޮރޮކޯއަށް ލޯބިދޭ، ވަތަނީ ދަރިއެއްކަން މި ވޯލްޑް ކަޕްގައި އެކަނިވެސް އޭނާ ސާބިތުކޮށްދީފިއެވެ. ހުރިހާ ޕްރީ މެޗް ޕްރެސްއެއްގައިވެސް ގައުމީ ވާހަކަތަކެއް ދައްކަމުން އައި ރަކްރާކީ، ގައުމީ ޓީމާއެކު ކުޅުންތެރިއެއްގެ ގޮތުގައި ނުލިޔެވުނު ތާރީހު، ކޯޗެއްގެ ގޮތުގައި ލިޔެލައިފިއެވެ.

ރަކްރާކީ މޮރޮކޯއާ ހަވާލުވެ، ނުކުތް ފުރަތަމަ މުބާރާތުގައިވެސް އެގައުމުން ފުޓުބޯޅަ ތާރީހު ލިޔެލައިފިއެވެ. މިއަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް ބަލިކޮށް، ކްރޮއޭޝިއާއާ އެއްވަރުކޮށް މޮރޮކޯއިން ގްރޫޕްގެ އެއްވަނަވެސް ހޯދިއެވެ. ގަދަ 16 ގައި އެޓީމުން ވަނީ ޕެނަލްޓީގައި ވަރުގަދަ ސްޕެއިން ކަޓުވާލައި ފުޓުބޯޅައިގެ ތާރިހު ލިޔެލައިފައެވެ. މޮރޮކޯ މިފަހަރު ވޯލްޑް ކަޕް ގަދަ 16 އަށް ދިޔައީ 1986 ވަނަ އަހަރަށްފަހު އަލަށެވެ.

މިފަހަރުގެ މުބާރާތުގައި ކުޅުނު ކުއާޓާ ފައިނަލަކީ މޮރޮކޯގެ ތާރީހުގައި ފުރަތަމަ ވޯލްޑް ކަޕް ކުއާޓަ ފައިނަލްވެސް މެއެވެ. އެ ކުއާޓާ ފައިނަލް ހާއްސަކޮށް ކޯޗު ވަލީދް ރަކްރާކީ އާއި ޓީމުން އެފްރިކާއަށް ޝަރަފުވެރިކަން ހޯދައިދިނެވެ. ކުއާޓާގައި ޕޯޗުގަލް ކަޓުވާލައި، މޮރޮކޯ ވެފައި ވަނީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ އެފްރިކާގެ ފުރަތަމަ ގައުމަށެވެ. އެ ތާރީހީ ދަތުރު ނިންމާނުލައި، ފައިނަލަށް ނުކުންނަން ރަކްރާކީ ހުރީ ފޫގަޅައިފައެވެ.

"އަހަރެމެން މިކުޅެނީ ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށް. ދުނިޔޭގެ ފެންވަރުގެ އެތައް ކުޅުންތެރިންނަކާ ދެކޮޅަށް. އަދި އެހާމެ މޮޅު ކޯޗަކާވެސް ދެކޮޅަށް. އެކަމަކު ފުދިގެން ތިބެ މެޗަށް ނުކުންނަ ވިސްނުމެއް ނުގެންގުޅޭނަން. ބޭނުންވަނީ ހިތްވަރު ދައްކައި ފްރާންސްވެސް މާޔޫސްކޮށްލަން،" ރަކްރާކީ ޕްރީ މެޗް ޕްރެސްގައި ބުންޏެވެ.

ރަކްރާކީ ގަބޫލުކުރާ ގޮތުގައި ފައިނަލެއްގެ ހުވަފެން ދެކުމަކުން ގެއްލޭނެ އެއްޗެއް ނެތެވެ. އެ ހުވަފެނާ ނުލައި، ސެމީއަށް ނުކުތުމުގެ ބޭނުމެއްވެސް ނެތެވެ.

"ވޯލްޑް ކަޕް ފައިނަލަށް ދާން ނުވިސްނަންވީ ކީއްވެ؟ އެ ހުވަފެން ދެކުމަކުން ގެއްލޭނެ އެއްޗެއް ނެތް. ޓީމުން އެކަމަށް ބޭނުންވެފަ މިއޮތީ. އެކަމަކުވެސް މޮރޮކޯއަކީ ފެވަރިޓުން ނޫންކަން އަހަންނަށް އެނގޭ. އެހެންވިޔަސް ވަރަށް ކޮންފިޑެންސާއެކު މިތިބީ. އަހަރެމެން ބޭނުންވަނީ ފައިނަލް، އެއީ އެފްރިކާއާއި އަރަބި ދުނިޔޭގެވެސް ހައްގުގައި،" ރަކްރާކީ ބުންޏެވެ.

އުމުރުން 47 އަހަރުގެ ރަކްރާކީ އިތުރަށް ބުނީ މޮރޮކޯ ސަޕޯޓަރުން ދެމުން އަންނަ ހިތްވަރަކީ ޓީމުގެ ރޫހު ކަމަށާއި، މޮރޮކޯއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ސަޕޯޓަރުން ތިބި ޓީމުކަން ދައްކާލައިފި ކަމަށެވެ. ރަކްރާކީ ބުނީ ކޮންމެ މެޗަކަށްވެސް މޮރޮކޯ ނުކުންނަނީ އަމިއްލަ ގައުމުގެ އިހުސާސްގައި ކަމަށެވެ.

މޮރޮކޯއާއި ފްރާންސް ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ 12:00 ގައެވެ.