އުމުރުން 35 ނަމަވެސް ދަނޑުމަތީގައި އަދިވެސް އެވަރެއް ނެތެވެ. އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް އެތައް ގޮތަކުން ހާއްސަވި ވޯލްޑް ކަޕްގައި ޖާދުވީ އެތައް މަންޒަރެއް ދައްކުވާލައިފިއެވެ. ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔަކީ ކާކުކަން ކަނޑައަޅާނީ އެކަމުގައި ބަހުސް ކުރާނެ މީހުންނެވެ. ޔަގީނުންވެސް މެސީއަކީ ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ހުނަރުގެ ގޮތުން ދެވަނައެއް ފެނިފައިވަނީ މަދުންނެވެ. ކެރިއަރުގައި ވޯލްޑް ކަޕް ނޫން ހުރިހާ ތަށްޓެއް ހަމަވެސް ކޮށްފިއެވެ.
މެސީ މިފަހަރު ނުކުތީ ފަހު ވޯލްޑް ކަޕަށެވެ. މާ ކުރިން އެކަން އިއުލާނުވެސް ކުރިއެވެ. އެއީ މި ވޯލްޑް ކަޕް އޭނާއަށް ހާއްސަވި އެއް ސަބަބުވެސް މެއެވެ. ފަހު ވޯލްޑް ކަޕްގައި މެސީގެ ކެރިއަރުގައި ހުރިހާ ހިތްދަތިކަމެއް ހަނދާނުން ފޮހެލަން އޭނާއަށް ކުރަން އޮތް ކަމަކީ ތަށި ކާމިޔާބުކުރުންކަން އާޖެންޓީނާއިން ދަނެއެވެ. ހުރިހާ ކުޅުންތެރިންނާއި މުޅި ގައުމުވެސް މެސީއަށް އެތަށި ހޯދައިދޭން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން މާ ކުރިޔާލައި ތައްޔާރުވިއެވެ. އެއީ 2014 ގެ ވޯލްޑް ކަޕް ފައިނަލްގައި މެސީއަށް ކުރިމަތިވި ނާކާމިޔާބީވެސް ހަނދާން ނައްތާލެވެން އޮތް ހަމައެކަނި ގޮތެވެ. މެސީގެ ކެރިއަރު ފުރިހަމަވާނެވެސް ހަމައެކަނި މަގެވެ. އެކަމުގެ އަޒުމުގައި އާޖެންޓީނާ ނުކުތީވެސް ކޮޕާ އެމެރިކާ ޗެމްޕިއަނުންގެ ގޮތުގައެވެ.
މިފަހަރުގެ ވޯލްޑް ކަޕްގެ ފެށުން އާޖެންޓީނާއަށް ދިޔައީ ގޯހުން ގޯހަށެވެ. ސައުދީ އަރަބިއާ އަތުން ބަލިވެ، އެތަކެއް ފާޑުކިޔުމަކާ ކުރިމަތިލިއެވެ. އެ މެޗަށްފަހު ކެޕްޓަން މެސީ ވައުދުވީ "އެނބުރި އަންނާނެ ކަމަށާއި، ސަޕޯޓަރުން ކެތްކޮށްފިނަމަ، ތަފާތު ދައްކާނެ،" ކަމަށެވެ. އޭގެ ފަހުން ފަހުން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗު އާޖެންޓީނާއިން ކާމިޔާބުކުރިއެވެ. ގަދަ 16 ގައި އޮސްޓްރޭލިއާ ބަލިކޮށް، ކުއާޓަ ފައިނަލްގައި ނެދަލޭންޑްސްވެސް ކަޓުވާލިއެވެ. ރޭ ސެމީ ފައިނަލްގައި މިދިޔަ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާވެސް ފަސޭހަކޮށް ބަލިކޮށްފިއެވެ. މެސީ މިހާތަނަށް މި ވޯލްޑް ކަޕްގައި އެކަނިވެސް ހަތަރު މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، ވޯލްޑް ކަޕްގައި 10 މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފިއެވެ.
ދެން އޮތީ ހަމަ އެންމެ މެޗެކެވެ. ފައިނަލެވެ. މެސީގެ ކެރިއަރުގައި ކުޅޭނެ ވޯލްޑް ކަޕްގެ އެންމެ ފަހު މެޗެވެ. ޖާދުވީ ވާހަކަ، ނޫނީ ފެއާރީ ޓޭލްއެއްގެ އުފާވެރި ނިމުމުން މެސީގެ ވޯލްޑް ކަޕް ކެރިއަރު ނިންމާލަން އޮތީ އެ ފައިނަލެވެ. އެ ފައިނަލުގެ ތަށްޓަކީ ގައުމީ ހިދުމަތަށް މެސީ، ޑިއޭގޯ މަރަޑޯނާއާ ހަމަކުރަން ލިބޭނެ ފުރުސަތުވެސް މެއެވެ.
1982 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މަރަޑޯނާއަށް އެންމެ އެކަށޭނެ ކުޅުމެއް ނުދެއްކުނު ނަމަވެސް، ދެން ޖެހިގެން އައި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މަރަޑޯނާގެ ފެންވަރު މުޅި ދުނިޔެއަށް ދައްކާލީ ސްޓައިލުގައެވެ. މިހާތަނަށް ދުނިޔޭގެ ތާރީހުގައިވެސް ކުޅުންތެރިޔަކު ވޯލްޑް ކަޕެއްގައި ދެއްކި އެންމެ ތަފާތު ކުޅުމާއެކު އެއަހަރުގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ހޯދައިދިނުމުގައި މަރަޑޯނާ ދެއްކި ކުޅުމުގެ ވާހަކަތައް އަދިވެސް ފަނޑުވުމެއް ނެތެވެ.
އެ ވޯލްޑް ކަޕުގައި އާޖެންޓީނާއިން އުފެއްދި ހަމަލާތަކުގެ ދެބައިކުޅަ އެއްބައިގެ މޭސްތެރިއަކީ މަރަޑޯނާއެވެ. އާޖެންޓީނާއިން ޖެހި 14 ގޯލުގެ ތެރެއިން 10 ގޯލުގައި އޭނާގެ ހިއްސާ އޮތެވެ. އެއީ ފަސް ގޯލާއި ފަސް އެސިސްޓެވެ.
އެ ގޯލުތަކުގެ ތެރެއިން ހާއްސަކަމެއް ލިބެނީ އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑް ކޮޅަށް މަރަޑޯނާ ޖެހި ދެ ގޯލަށެވެ. އެއީ މުޅި ފުޓުބޯޅަ ތާރީހުގައިވެސް އަބަދުހެން ދެކެވޭނެ ދެ ގޯލެއްގެ ވާހަކައެކެވެ. ފުރަތަމަ ގޯލް މަރަޑޯނާ ޖެހީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަށް، އޭނާއަށް ވުރެ އިސްކޮޅުން ދިގު އިންގްލެންޑުގެ ގޯލްކީޕަރު ޕީޓާ ޝިލްޓަން އަށްވުރެ މައްޗަށް ފުންމައިގެން އަރައި، އަތުންނެވެ. އޭނާ ބޯޅައިގައި ޖެހި ވަގުތު ބޮލަށް ގެނައި ހަރަކާތާ އެކު ގިނަ ބަޔެއްގެ ލޮލަށް އޮޅުވައިލިއެވެ. ރެފްރީއަށްވެސް ވީ ނުވީއެއް ނޭނގި މަރަޑޯނާ ހެދި މަކަރުގައި ޖެހެން މަޖުބޫރުވީއެވެ. އެއީ މަރަޑޯނާއަށް އެތައް ނަފުރަތެއް އަމާޒުވި ގޯލެކެވެ. އަނެއްކޮޅުން އިންގްލެންޑާ ދެކޮޅަށް އެތައް ބަޔަކު މަރަޑޯނާއަށް ލޯބި ބަންޑުންވެސް ކޮށްލި ގޯލެކެވެ.
ދެން އެމެޗުގައި ޖެހި އަނެއް ގޯލަކީ ގަރުނުގެވެސް އެންމެ މޮޅު ގޯލެވެ. ސެންޓަ ސާކަލުން ފެށިގެން އިނގިރޭސި ހަ ކުޅުންތެރިން ކައިރިން ނައްޓައި އެއް ހާފު އެއްކޮށް ޑްރިބަލްކޮށް ގޮސް، އޭރު އުމުރުން 25 އަހަރުގެ މަރަޑޯނާ ގޯލަށް ބޯޅަ ވައްދާލީ ގޯލް ކީޕަރު ކައިރިންވެސް ނައްޓައިލުމަށްފަހުއެވެ. އެއީ މަރަޑޯނާގެ ލެގަސީއެވެ. އެ ވޯލްޑް ކަޕްގެ ތަށި އުފުލައިލީ ގައުމު ކޮނޑުގައި ޖަހައިގެން ގޮސް، ކެޕްޓަން ބޭންޑް އަޅައިގެން، ލީޑާޝިޕްގެ މިސާލުވެސް ދައްކައިފައެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ ރަން ބޯޅަވެސް ހޯދީ ޝަރަފުވެރިކަމާ އެކުގައެވެ.
މަރަޑޯނާގެ ކެޕްޓަންކަމުގެ ދަށުގައި އާޖެންޓީނާ 1990 ގެ ވޯލްޑް ކަޕަށް ނުކުމެ، ރަނަރަޕްކަންވެސް ހޯދިއެވެ. އަނިޔާގެ މައްސަލަތަކާއެކުވެސް މަރަޑޯނާ އާޖެންޓީނާއާއެކު ފައިނަލަށް ދިޔައެވެ. އެފައިނަލްގައި އާޖެންޓީނާ ބަލިވީ ވެސްޓް ޖަރުމަނު އަތުންނެވެ.
އެއީ މަރަޑޯނާގެ ދުނިޔޭގެ ތަށީގެ ވާހަކައެވެ. އެ ވާހަކައާ މިހާރު އުމުރުން 35 އަހަރުގެ މެސީއާ ގުޅޭ ގޮތުން ދަައްކަމުން މި އަންނަ ވާހަކައާ ދާދި އެއްގޮތް ކަމެއް ފެންނަމުންދެއެވެ. މެސީއަށް މިހާރު މަދުވަނީ ތަށްޓެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެވެސް މެސީގެ ވިދުން ފަނޑީކީ ނޫނެވެ. ފައިނަލްގައި ޖަރުމަނު އަތުން ބަލިވެ ތަށި ގެއްލުނަސް އޭނާއަކީ ރަން ބޯޅަވެސް ހޯދި ކުޅުންތެރިޔާއެވެ. އެ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް މުހިއްމު ހަތަރު ގޯލް މެސީ ޖަހައިދީ، އެއް ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނެވެ. އެހެންކަމުން އެއީވެސް އިންޑިވިޖުއަލް ޕާފޮމަންސަކަށް ބަލައި މެސީއަށް ގޯސް ވޯލްޑް ކަޕެއް ނޫނެވެ. އެކަމަކު އޭނާގެ ގަބޫލުކުރި ގޮތުގައި އެއީ ފެއިލްވި ވޯލްޑް ކަޕެކެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތް އިރު، މެސީ ވޯލްޑް ކަޕްގައި ޖަހާފައި ވަނީ ޖުމުލަ ހަ ގޯލެވެ. އޭރު ވޯލްޑް ކަޕްގައި އާޖެންޓީނާއަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓްގައި މެސީ އޮތީ މަރަޑޯނާއާއި ގެބްރިއަލް ބަޓިސްޓޫޓާއަށްވުރެވެސް ފަހަތުގައެވެ. މަރަޑޯނާ 8 ގޯލް ޖަހާފައިވާ އިރު، ބަޓިސްޓޫޓާ ވަނީ ވޯލްޑް ކަޕްގައި 10 ގޯލް ޖަހައިފައެވެ. އެރެކޯޑު މުގުރާލުން އެއީ އެހާ ފަސޭހަ ނޫން ގޮތަކަށް އޮތް ކަމެއް ނަމަވެސް، އާޖެންޓީނާ ފައިނަލަށް ގެންދިޔުމުގެ މަގުގައި ފަސް ގޯލް ޖަހައި، މެސީ ވަނީ ޖުމުލަ 11 ހަމަކޮށް، ރެކޯޑު މުގުރާލައިފައެވެ.
މި ވޯލްޑް ކަޕްގައި އެސިސްޓް ކުރުމުގައިވެސް މެސީގެ ތަފާތު ފެންނަ އިރު، އޭނާ މިހާރު ވެފައި ވަނީ 1966 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ހަތަރު މެޗެއްގައި އެސިސްޓްކޮށް، ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ. 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މެކްސިކޯއާއި ސާބިއާއާ ދެކޮޅަށް މެސީ ގޯލް ޖަހައި އެސިސްޓް ކުރި އިރު، މި ވޯލްޑް ކަޕްގައި ނެދަލޭންޑްސްއާއި ކްރޮއޭޝިއާއާ ދެކޮޅަށްވެސް އޭނާ އެކަން ކޮށްފިއެވެ.
އޭގެ އިތުރުން ރޭ ކްރޮއޭޝިއާއާ ދެކޮޅަށް މެސީ ކުޅުނު މެޗާއެކު މެސީ ވަނީ ވޯލްޑް ކަޕްގެ އެންމެ ގިނަ މެޗު ކުޅުނު ރެކޯޑާވެސް ހަމަކޮށްފައެވެ. އެއީ 25 މެޗު ވޯލްޑް ކަޕްގައި ކުޅެގެންނެވެ. މެސީގެ ފަސްވަނަ ވޯލްޑް ކަޕްގައި އޭނާ ރޭ ހަމަކުރީ ޖަރުމަނުގެ ލޯތާ މެތައުސް އަތުގައި އޮތް ރެކޯޑަކާއެވެ. މެތައުސްވެސް ވަނީ ވޯލްޑް ކަޕްގައި 25 މެޗު ކުޅެފައެވެ.
މުޅި ވޯލްޑް ކަޕްގައިވެސް އެންމެ ގިނަ އެޓޭކިން ފުރުސަތު ތަނަވަސްކުރި ކުޅުންތެރިޔަކީ މެސީ ކަމަށްވީ އިރު، އާޖެންޓީނާއިން ޖެހި 12 ގޯލުގެ ތެރެއިން 8 ގޯލުގައި މެސީގެ ހިއްސާ އެބައޮތެވެ. އެއީ ފަސް ގޯލް ޖަހައި ތިން އެސިސްޓް ފުރިހަމަ ކޮށްގެންނެވެ. މެސީގެ ފަސް ގޯލާއެކު އޭނާ ރަން ބޫޓަށްވެސް ވާދަކުރެއެވެ. ސެމީ ފައިނަލްގައި މިރޭ މޮރޮކޯއާ ދެކޮޅަށް ނުކުންނަ ފްރާންސްގެ ކިލިއަމް އެމްބާޕޭއާއި މެސީ އޮތީ މިހާތަނަށް ވޯލްޑް ކަޕްގައި ފަސް ގޯލް ޖަހައިފައެވެ. އެއީ ރަން ބޫޓަށް ވާދަކުރާ ދެކުޅުންތެރިންނެވެ.
ވޯލްޑް ކަޕްގައި ބަދަލުހިފުމުގެ ވާހަކަތައް މީގެ ކުރިން ލިޔެލި ކުޅުންތެރިންގެ ކާމިޔާބު ތަކުރާރު ކުރުމަށް މެސީއަށް އޮތީ ގަތަރުގެ ލުސައިލް ސްޓޭޑިއަމް ތައްޔާރުވެފައިވާ ފައިނަލެވެ. 1998 ވަނަ އަހަރު ބްރެޒިލާއެކު ފެއިލްވި ރޮނާލްޑޯ، 2002 ވަނަ އަހަރު ޔޮކޮހާމާ ސްޓޭޑިއަމްގައި ތާރީހު ލިޔެލީ ތަށްޓާއެކުގައެވެ. 1982 ވަނަ އަހަރު ފެއިލްވި އާޖެންޓީނާގެ މަރަޑޯނާ، 1986 ވަނަ އަހަރު މެކްސިކޯ ވޯލްޑް ކަޕްގައި ތާރީހު ލިޔެލީވެސް ތަށްޓާއެކުގައެވެ. މެސީއަށް 2014ގެ ފެއިލިޔާ ހަނދާނުން ފޮހެލެވޭނެތޯ އަދި އޮތީ ސުވާލެއްގެ ގޮތުގައެވެ. އެކަން އޭނާ ކޮށްފިނަމަ، މި ވޯލްޑް ކަޕްގައި މެސީ ދެއްކި ކުޅުން ވެގެންދާނީ ވޯލްޑް ކަޕް ތާރީހުގައި ތަށި ހޯދުމަށް ކުޅުންތެރިޔަކު ދެއްކި އެންމެ މޮޅު އެއް އިންޑިވިޖުއަލް ޕާފޮމަންސަށެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022