ހދ. ނޮޅިވަރަމުގައި މަރާލައިފައި އޮއްވައި ފެނުނު އެރަށު ހިތަށްފިނިވާގޭ ނިޝާމާ މުހައްމަދު 28އ، ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ އދ. ފެންފުށީ، ރޯސީ ވިލާ، އަބޫބަކުރު ފައިސަލް 32އ، ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި ދަން ޖެހުނު މައްސަލަ ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އެޑްރެސް ކުރައްވައި އާދަމް ޝަރީފު ފޮނުއްވި ސިޓީގައި ވިދާޅުވީ، ކުށުގެ ތުހުމަތުތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި ފައިސަލް ދަން ޖެހުމުން އެކަން ފުލުހުންނަށް ނޭނގުމަކީ ބޮޑު އިހުމާލެއް ކަމަށެވެ.
ފައިސަލްއަށް ތުހުމަތުކުރެވޭ މައްސަލަ އާއި އޭނާގެ ކުށުގެ ރިކޯޑަށް ބަލާއިރު، އޭނާއާމެދު އަޅަން ޖެހޭ ފިޔަވަޅު ފުލުހުން އަޅާފައިވާނުވާކަން އެ ހާދިސާއިން އެނގިގެންދާ ކަމަށެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ރައްޔިތުން، ފުލުހުންނަށް ކުރާ އިތުބާރު ގެއްލި މަރުވެފައިވާ މީހާގެ އާއިލާއަށް އިންސާފު ލިބުމުށް ހުރަސް އެޅިގެންދާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
"ވީމާ އދ. ފެންފުށޯ، ރޯޒީވިލާ އަބޫބަކުރު ފައިސަލް ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވަނިކޮށް ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅުނު މައްސަލައިގެ ފުލުހުންގެ އިހުމާލެއް ވޭތޯ އާއި މިފަދަ ކަންކަން ކުރިމަގުގައި ދިމާނުވާނެ ގޮތްތަކެއް ހެދުމަށްޓަކައި ދިވެހި ފުލުހުން މަސައްކަތް ކުރަމުންދާކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް ބައްލަވައިދިނުް އެދެން،" އާދަމް ޝަރީފު ވިދާޅުވިއެވެ.
ފައިސަލް ބަންދުކޮށްފައި ހުރި ގޮޅިތެރޭގައި ދަންޖެހެން މަސައްކަތް ކުރަނިކޮށް ފުލުހުންނަށް ފެނުނީ ރޭ 11:15 ހާއިރެވެ. އެތަނުން އޭނާ ގެންދިޔައީ ކުޅުދުއްފުށި ހޮސްޕިޓަލަށެވެ. ގެންގޮސް ފަރުވާ ދެމުންދިޔައީ އައިސީޔޫގައެވެ. އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ ފައިސަލްއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށެވެ.
ނޮޅިވަރަމުގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ ފުލުހަށް ރިޕޯޓުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 12:30 ގައެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ ސީނަށް އެޓެންޑުވެ، އޭނާ ވަގުތުން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޝާމާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ނިޝާމާގެ މަރުގެ ތުހުމަތު ކުރެވޭ ފައިސަލް ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ހާޒިރުވުމުން ފުލުހުން ވަނީ ހޮނިހިރު ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.