މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ފޯމް ހުށަހަޅުއްވައިފިއެވެ.
ނާޒިމް ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ހުށަހަޅުއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ފޯމު ހުށަހެޅުވުމަށްފަހު ނާޒިމް ވިދާޅުވީ، އެމްއެންޕީއަކީ ރައްޔިތުންނަށް އޮތް އާ އުންމީދެއް ކަމަށާއި އެންއެންޕީއަކީ އާ ވިސްނުމެއް ކަމަށެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ.
މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ މިއަންނަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށެވެ.
ނާޒިމް ވަނީ މީގެ ކުރިން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވައިފައެވެ. އެ ޕާޓީގެ ފަރާތުން ޕްރައިމަރީގައި ވާދަކުރާނެކަން އަދި އެހެން ކެންޑިޑޭޓަކު ހާމަކޮށްފައެއް ނުވެއެވެ.
އެމްއެންޕީން ވަނީ މިއަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަން ހާމަކޮށް މެނިފެސްޓޯ ވެސް ލޯންޗުކޮށްފައެވެ.
އެމްއެންޕީއަކީ ކުރު މުއްދަތެއްގެ ތެރޭގައި ސިޔާސީ ގޮތުން ގިނަ ކާމިޔާބީތަކެއް ހޯދަފައިވާ ޕާޓީއެކެވެ. އެޕާޓީން ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެސް ވާދަކޮށްފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކޮށް އެޕާޓީގެ ބައެއް ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފައެވެ.
އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގައިވާ ގޮތުން އެމްއެންޕީއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓީތަކުގެ ތެރެއިން ހަތަރު ވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 10،424 އެވެ.
ޚަބަރު
ޚަބަރު
ޚަބަރު