އަތޮޅު ތެރޭގައި ކުރިއަށް ގެންދާ ދިވެހި ޕްރިމިއާ ލީގު 2023/2024 ގެ ކޮލިފައިން ބުރުގެ ކުޅުން މަޑުޖެހިފައިވަނީ ރެފްރީންނަށް މުސާރަ ނުދެވި އޮތުމުން ނޫން ކަމަށާއި، ރެފްރީންގެ ވަޒީފާއިން ވީއްލަން ދިމާވާ ބައެއް ދަތިތަކުން ކަމަށް އެފްއޭއެމުން ބުނެފިއެވެ.
ސެންޓްރަލް ލީގުގެ އެންމެ ފަހު ގުރޫޕްގެ ކުޅުން ވަކި ހިސާބުން ހުއްޓިފައި އޮތުމުގެ ސަބަބުން ކްލަބުތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ކޮންމެވެސް ވަރަކަށް ފާހަގަކޮށްފައެވެ. އެކަމުގެ ސަބަބުން ބައެއް ފަރާތްތަކުން ބުނެފައި ވަނީ ލީގު މެދުކެނޑިފައި ވަނީ ރެފްރީންނަށް ދޭން ޖެހޭ މުސާރަ އެފްއޭއެމުން ނުދިނުމުގެ ސަބަބުން، ރެފްރީން މެޗުތަކަށް ދާން އިންކާރުކުރުމުން ކަމަށެވެ.
އެކަމުގައި އެފްއޭއެމްގެ ބަހަކަށް "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ މި ދުވަސްކޮޅުގެ ގޮތުން ރެފްރީން ވީއްލަން އުނދަގޫތަކެއް އެބަހުރި ކަމަށާއި، މެޗުތައް ކުރިއަށް ގެންދަން ދަތިތަކެއް ދިމާވެފައި ވަނީ އެހެންވެގެން ކަމަށެވެ.
"ރެފްރީން ވީއްލަން މި ދުވަސްކޮޅުގެ ގޮތުން އުނދަގޫތަކެއް އެބަހުރި. ވަޒީފާ އަދާކުރަމުން ރެފްރީކަން ކުރަމުން އަންނަ ރެފްރީން މި އުޅެނީ. އެހެންވީމަ ވީއްލުމަށް ސިޓީ ފޮނުވައިގެން އާންމުކޮށް ވަޒީފާއިން މި ރިލީސް ހޯދެނީ. އެކަމުގައި ބައެއް ފަހަރު ދުވަސްކޮޅުގެ ގޮތުން އުނދަގޫތަކާ އެބަ ދިމާވޭ. އެހެންވެގެން އަސްލު މެޗުތައް ކުޅުމަށް ލަސްތަކެއް އުޅެނީ. މުސާރަ ނުދީގެންނެއް ނޫން. މުސާރަ ނުދީގެން އެގޮތަށް ދިމާވާ ނަމަ، ޖެހޭނެތާ މާލޭގެ މުބާރާތްތައްވެސް ހުއްޓެން. އެހެނެއް ނޫން އެއީ، މާލޭގައި ވީމަ ވަޒީފާއަށް ގޮސް ނިންމާލާފަ ހަވީރު މެޗަށް މި ނުކުންނަނީ. ރަށްރަށަށް ދަތުރުކުރަން ޖެހޭތީ އުޅޭ އުނދަގޫތަކެއް މި އުޅެނީ،" ޖަވާ ވިދާޅުވިއެވެ.
ޖަވާ ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ ރެފްރީންނަށްވެސް މުބާރާތްތަކަށް ނެރޭނަމަ ވީއްލަން ރަސްމީކޮށް އަންގަން ޖެހޭ ކަމަށާއި، އެކަމުގައި ރެފްރީން ލިބުމުގެ ދަތިތައް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ސްޕޯޓްސް ކޮމިޝަނަރާއެކު މަސައްކަތްކޮށް އެކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ކުރާ ކަމަށްވެސް ޖަވާ ވިދާޅުވިއެވެ.
އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާ އިރު، ރާއްޖެ ބެހިގެންދާނީ ހަަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނުވަތަ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނުވަތަ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނުވަތަ މާލޭ ލީގެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ. ކޮންމެ ޒޯނެއްގައި ވެސް އެއްވަނަ ޑިވިޝަނާއި ދެވަނަ އަދި ތިންވަނަ ޑިވިޝަން އޮންނާނެއެވެ.
ކޮންމެ ޒޯނެއްގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމު 2023/2024 ގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެއެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި އޮންނަ އަށް ކްލަބުގެ އިތުރުން ކޮންމެ ޒޯނެއްގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަނުންނެވެ. މިހާތަނަށް ނޯތު ލީގުގެ ކުޅުން ނިންމާލާފައިވާ އިރު، ހުއްޓިފައި އޮތީ ސެންޓްރަލް ލީގުގެ ކުޅުމެވެ.
އެފްއޭއެމުން އަތޮޅު ތެރެއަށް އިއުލާން ކުރި ބައެއް ޕްރޮޖެކްޓްތައް ކުރިންވެސް ހުއްޓިފައިވުމާއެކު އަތޮޅު ތެރޭގެ ކްލަބުތަކުގެ ޝަކުވާ ކުރިންވެސް އަމާޒުވެފައިވެއެވެ. އެފްއޭއެމްއަށް ފައިސާގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ މި ދަނޑިވަޅުގައި އަތޮޅު ތެރޭގައި ޕްރޮގްރާމްތައް ނުހިންގަނީވެސް ފައިސާގެ ދަތިކަން ހުރުމުން ކަމަށް އެފްއޭއެމުން ބުނެފައިވެއެވެ. ފައިސާގެ ދަތިކަމުގެ ސަބަބުން ކޯޗުންގެ މުސާރަތަކުގެ މައްސަލަތައްވެސް ހުރި އިރު، ރެފްރީންގެ ޕޭމަންޓްތައް ޑިލޭވުމުގެ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވެއެވެ.
އެފްއޭއެމުން ބުނީ ފައިސާގެ ކަންކަން ހައްލުކުރަން ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި، ފީފާއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައިވެސް އެފްއޭމްއިން ހައްލު ހޯދަން މަސައްކަތްކުރާ ކަމަށް ބުނެފައިވެއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް