ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަމުގައި ކުރިން ހުރި ޕޯޗުގަލްގެ ސިމާއޯ ކޮސްޓާއަށް ދޭން ޖެހޭ މުސާރައިގެ ފައިސާ، ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން އަންގައިފިއެވެ.

ސިމާއޯ ކޮސްޓާ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ ޓީމާ ގުޅުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭނާ ބުނެފައިވާ ގޮތުގައި މިއަހަރު ޖެނެރުއަރީ މަހުން ފެށިގެން އޭނާއަށް މުސާރަ ހަމަޖެހިފައެއް ނުވެއެވެ. ހަވާލުވިފަހުން ގައުމީ ޓީމުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ އިތުރުން އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ފަހު ބުރުގައި ކުޅުނު ތިން މެޗެވެ.

ފީފާއިން އެފްއޭއެމަށް އަންގާފައި ވަނީ ސިމާއޯ ކޮސްޓާއަށް ދޭން ޖެހޭ މުސާރައަށްވާ 35،000 ޑޮލަރު (539،000 ރުފިޔާ) ދެއްކުމަށެވެ.

ސިމާއޯ ކޮސްޓާ ރާއްޖޭގެ ޓީމު ދޫކޮށް ދަމުން ސޯޝަލް މީޑިއާގައި އެފްއޭއެމްއަށް އަމާޒުކޮށް ބޮޑު މެސެޖެއް ދީފައިވެއެވެ. އޭނާ އޭރު ބުނީ ފީފާގެ އުސޫލުތަކާވެސް އެއްގޮތަށް މަސައްކަތް ހުއްޓާލަން ނިންމީ މުސާރަ ނުދީ އޮތުމުން ކަމަށެވެ. އެގޮތުން ސިމާއޯ ކޮސްޓާ ބުނީ ގައުމީ ޓީމާ ހަވާލުވެ އެންމެފަހުން ހުރި ހަތް މަހުވެސް އޭނާއަށް މުސާރަ ދީފައި ނުވާ ކަމަށެވެ.

އޭގެ އިތުރުންވެސް އެފްއޭއެމްގެ މުސާރައިގެ އެތައް މައްސަލަތަކެއް އެބަހުއްޓެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަމުގައި މިދިޔަ އަހަރު ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަން، އެފްއޭއެމްއާ ދެކޮޅަށް ފީފާގެ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ ނިންމީ އެފްއޭއެމުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ. ކޫޕްމަން ހުށަހެޅި މައްސަލައަކީ އޭނާއާއެކު އެފްއޭއެމުން ހެދި އެއްބަސްވުން ގަވާއިދާ ހިލާފަށް އުވާލި ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

އެފްއޭއެމުން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ. ކޮންޓްރެކްޓް އުވާލީ ދެ ފަރާތް އެއްބަސްވެގެން ކަމަށް އޭރު އެފްއޭއެމުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އޭރުވެސް ކޫޕްމަން ބުނެފައިވަނީ އެއްބަސްވުން އުވާލީ ގަވާއިދާ ހިލާފަށް ކަމަށެވެ. ކޫޕްމަންއަކީ އަލީ ސުޒެއިންގެ ކުރިން ގައުމީ ޓީމުގެ ކޯޗެވެ. ސުޒޭނަށްފަހު ޓީމު ހަވާލުކުރީ މިހާރުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯއާއެވެ.

ކޫޕްމަން ހުށަހެޅި މައްސަލައިގައި މިދިޔަ ޖޫން މަހު ފީފާއިން ނިންމާފައި ވަނީ ކޫޕްމަންއާއެކު އެފްއޭއެމުން ހަދާފައިވާ އެއްބަސްވުން އުވާލީ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެގޮތުން ފީފާއިން ނިންމީ 45 ދުވަހުގެ ތެރޭގައި ކޮންޓްރެކްޓުގެ މުއްދަތަށް (2024 ވަނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް) ކޫޕްމަންއަށް މާލީ ބަދަލު ދޭން ޖެހޭ ގޮތަށެވެ. އެއީ މިހާ ދުވަހާ ހަމައަށް އަރާފައިވާ އިންޓަރެސްޓާވެސް އެކުގައެވެ. 45 ދުވަހުގެ ތެރޭގައި އެފްއޭއެމުން ފީފާ މެދުވެރިކޮށް ކޫޕްމަންއަށް އެ ފައިސާ ނުދައްކައިފިނަމަ އެފްއޭއެމްއަށް ޑިވަލޮޕްމަންޓް ފަންޑު ދިއުން ހިފަހައްޓާނެ ކަމަށްވެސް ފީފާއިން އަންގާފައިވެއެވެ.

ކޫޕްމަންގެ މުސާރަ ފީފާއިން އަދި އެފްއޭއެމުންވެސް ހާމަކޮށްފައި ނުވާތީ، އެފްއޭއެމުން ކޫޕްމަންއަށް ދޭން ޖެހޭނެ ސީދާ އަދަދެއް ނޭނގެއެވެ. އެހެން ނަމަވެސް އެ އަދަދު ވެގެން ދާނީ ބޮޑު އަދަދަކަށް ކަމަށް ކުރިން އޭރުގެ އެސިސްޓެންޓް ކޯޗު ރެނޭ ހިޑިންކް މައްސަލައިގައި ފީފާއިން އެފްއޭއެމްއާ ދެކޮޅަށް ނިންމި ނިންމުމަށް ބަލައިގެން ބުނެވިދާނެއެވެ.

ކޫޕްމަންއާއެކު ރާއްޖޭގެ އެސިސްޓެންޓް ކޯޗަކަށް އޭރު މަސައްކަތް ކުރި ރެނޭ ހިޑިންކްވެސް ވަނީ އޭނާގެ އެއްބަސްވުން އުވާލި މައްސަލަ ފީފާއަށް ހުށަހަޅައި ކާމިޔާބުވެސް ކޮށްފައެވެ. ރެނޭއަށް 187،375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާގެ ޓްރައިބިއުނަލުން އެފްއޭއެމްއަށް ވަނީ އަންގައިފައެވެ. މައްސަލަ ނިންމައި ފީފާއިން އެފްއޭއެމްއަށް އެކަން އެންގީ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ.

އޭގެ އިތުރުން އެފްއޭއެމުން އަންހެން ޓީމުގެ ކޯޗަކަށް ހުރި ބާބާއަށް ފައިސާ ދައްކަން ޖެހޭ ކަމަށްވެސް ފީފާއިން އެންގިއެވެ. އެ ފައިސާގެ ގޮތުގައި، 39،919.34 ޑޮލަރު (615،556 ރުފިޔާ) މިހާރު އެފްއޭއެމްއިން ވަނީ ދައްކައިފައެވެ. އެކަމަކު، އިތުރު ފައިސާއެއް އަދި ދައްކާފައެއް ނުވެއެވެ.