އާޖެންޓީނާ ޓީމަށް ހިތްވަރު ދީ، އެންމެ މުހިއްމު ވަގުތުގައި ޓީމު ލީޑުކުރަނީ ލިއޮނަލް މެސީ ކަމަށާއި، މެސީ ކެޕްޓަނަކަށް ހުރުން އެއީ ޓީމުގެ އެންމެ ބޮޑު ނަސީބު ކަމަށް ޑީފެންޑަރު ނިކޮލަސް ޓަގްލަފީކޯ ބުނެފިއެވެ.
އާޖެންޓީނާއިން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ މެސީގެ ފަހު ވޯލްޑް ކަޕްގައި ތަށި ހޯދުމުގެ އަޒުމުގައެވެ. ފުރަތަމަ ފެށުން ގޯސްވި ނަމަވެސް، ސެމީ ފައިނަލާ ހަމައަށް ކުރި ދަތުރުގައި އެޓީމުން ވަނީ ގަދަ 16ގައި އޮސްޓްރޭލިއާ ކަޓުވާލައި، އެންމެފަހުން ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ނެދަލޭންޑްސްވެސް ކަޓުވާލައިފައެވެ.
ނެދަލޭންޑްސްއާ ދެކޮޅަށް އާޖެންޓީނާއިން ކުޅުނު ކުއާޓާ ފައިނަލް މެޗު ފެނިގެން ދިޔައީ ފުޓުބޯޅައިގެ އާދަޔާހިލާފު ވާދަވެރި މެޗެއްގެ ގޮތުގައެވެ. މެޗުގައި 17 ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދައްކާފައިވެސް ވެއެވެ. މެޗުގައި ފުރަތަމަ އާޖެންޓީނާއިން ދެ ގޯލްގެ ލީޑެއް ނަގައިގެން ފަހު ވަގުތާ ޖެހެންދެން ލީޑު ހިފަހައްޓަމުން ދަނިކޮށް، ނެދަލޭންޑްސްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. މެޗުން އާޖެންޓީނާ މޮޅުވީ ޕެނަލްޓީގައެވެ. އެ މެޗުގައި ޕެނަލްޓީން މޮޅުވެ، ހިތްހަމަޖައްސާލެވުނު ނަމަވެސް، މިރޭ އާޖެންޓީނާއިން ނުކުންނާނީ އިތުރު ވަގުތާއި ޕެނަލްޓީތަކުގެ ކާމިޔާބު ތާރީހެއް އޮތް ކްރޮއޭޝިއާއާ ދެކޮޅަށެވެ.
"ގޯލްކީޕަރު މާޓިނޭޒަށް ވަރަށް ބޮޑު އިތުބާރެއް އޮވޭ. އެކަމަކުވެސް ޕެނަލްޓީއަށް ގޮސް ނުކުންނާނެ ނަތީޖާއެއް އެއްވެސް ޓީމަކަށް ޔަގީނެއް ނުކުރެވޭނެ. މެސީއަކީ ޓީމުގެ ހިތްވަރު. އޭނާ އަހަރެމެންނަށް ހިތްވަރުލާން ބުނެދެނީ. މެސީ އާޖެންޓީނާގެ ކެޕްޓަން ކަމުގައި ހުރުމަކީ ލިބޭ ނަސީބެއް،" ލިޔޯންއަށް ކުޅެމުން އަންނަ ޓަގްލަފީކޯ ބުންޏެވެ.
މީގެ ކުރިން ކްރޮއޭޝިއާއި އާޖެންޓީނާ ވޯލްޑް ކަޕްގައި ދެ ކުރިމަތިލުމަކަށް ގޮސްފައިވެއެވެ. ފުރަތަމަ 1998 ވަނަ އަހަރު ކުޅުނު މެޗުގައި އާޖެންޓީނާއިން 1-0 އިން މޮޅުވި އިރު، 2018 ގެ ވޯލްޑް ކަޕްގައި ކްރޮއޭޝިއާއިން ވަނީ އާޖެންޓީނާ 3-0 އިން ބަލިކޮށްފައެވެ. އެ ދެމެޗަކީވެސް ގްރޫޕް ސްޓޭޖުގެ ދެމެޗެވެ.
"މިއީ އުނދަގޫ މެޗަކަށް ވާނެ. ކްރޮއޭޝިއާއަކީ އަހަރެމެންނަށް އުނދަގޫތަކާ ކުރިމަތިކުރެވޭނެ ފެންވަރުގެ ޓީމެއް. ކްރޮއޭޝިއާގެ ހާއްސަ ސްޓައިލެއްވެސް އެބައޮތް. އެމީހުން އެ ބަދަލެއްވެސް ނުކުރާނެ. އެ ސްޓައިލަކީ ޑިފެންސިވް، ނޫނީ އޮފެންސިވްވެސް ސްޓައިލެއް ނޫން. އެ ސްޓައިލް ގެނުވަނީ ކްރޮއޭޝިއާގައި ތިބި ކޮލިޓީ ރަނގަޅު ކުޅުންތެރިން. އެއީ އެގައުމުގައި އޮތް ފުޓުބޯޅައިގެ ތާރީހެއް ތެރެއިން ގެނުވާ ސްޓައިލެއް،" އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުންޏެވެ.
ސްކަލޯނީ ބުނީ އާޖެންޓީނާ ކުޅޭނީ އާޖެންޓީނާގެ ސްޓައިލްގައި ކަމަށާއި، އެ ސްޓައިލް ބަދަލުނުކޮށް ޗެލެންޖް ކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން އޭނާ ފާހަގަކުރީ ކްރޮއޭޝިއާގައި، އާޖެންޓީނާއަށް "އަނިޔާ" ދެވޭނެ ފެންވަރުގެ ކުޅުންތެރިން އެބަތިބި ކަމަށާއި، އެކަމަށް ސަމާލުވާނެ ކަމަށެވެ. އެ ކުޅުންތެރިންގެ ނަން ހާމަކުރަން ސްކަލޯނީ ވަނީ ދެކޮޅު ހަދާފައެވެ.
އާޖެންޓީނާއާއި ކްރޮއޭޝިއާ ވާދަކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ މެންދަމު 12:00 ގައެވެ.